އެއް ކައުންސިލުން އަނެއް ކައުންސިލަށް ލޯނު ދެވޭ ގޮތަށް މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ހުށަހެޅުއްވި އެ ބިލަކީ ލާމަރުކަޒީ ގާނޫނުގައި ހިމެނޭ ބައިތަކާ މާލިއްޔަތު ގާނޫނުގައި ފުށު އަރާ ކަންކަން އިސްލާހު ކުރުމުގެ މަގްސަދުގައި ހުށަހެޅުއްވި ބިލެކެވެ.

އެ ބިލުގައިވާ ގޮތުން، ކައުންސިލެއްގެ އެއް އަހަރު ލިބޭ އާމްދަނީން ޚަރަދުތައް ކެނޑުމަށް ފަހު، ބާކީ ހުންނަ ފައިސާއިން އެހެން ކައުންސިލަކަށް ލޯނުގެ ގޮތުގައި ދޫކުރުމުގެ ބާރު ކައުންސިލްތަކަށް އޮންނާނެއެވެ.

އެއް ކައުންސިލުން އަނެއް ކައުންސިލަށް ލޯނުގެ ގޮތުގައި ދޫކުރާ ފައިސާ އަނބުރާ ނުދައްކައިފި ހާލަތެއްގައި، ލޯނު ނެގި ކައުންސިލަށް ސަރުކާރުން ދޫކުރާ ބަޖެޓްގެ ފައިސާއިން ލޯނުގެ އަދަދު އުނިކޮށް ލޯނު ދޫކުރި ކައުންސިލަށް އެ އަދަދު ދެވޭ ގޮތަށް އުސޫލެއް ހަމަޖައްސަން ވެސް ބިލުގައިވެއެވެ.

ބިލުގައި އޮތް ގޮތުން ކައުންސިލަކުން އެހެން ކައުންސިލަކަށް ލޯނު ދޫކުރާނަމަ އެ މުއާމަލާތުގެ ހުރިހާ ތަފުސީލެއް ފިނޭންސް މިނިސްޓްރީއަށް ދޭން ޖެހޭނެއެވެ. އެ މައުލޫމާތު ދޭނެ ގަވާއިދެއް ފިނޭންސް މިނިސްޓްރީން އެކުލަވާލަން ގާނޫނުގައިވެއެވެ.

މި ބާރު ކައުންސިލްތަކަށް ދިން ނަމަވެސް އެ ކަން ކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދައެއް ނަގަން ވެސް ބިލުގައި ހިމަނާފައިވެއެވެ. ފައިސާ ނަގަން ބޭނުންވާ ލިޔެކިއުންތައް ތައްޔާރު ކުރަން ޖެހެނީ ވެސް ފިނޭންސުން އެކުލަވާލާ ގަވާއިދެއްގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަހުމަދް

    ގައުމާ ރައްޔިތުންގެ ކަންކަމުގއި އުޖާލާ މުސްތަގުބަލަކަށް ވިސްނުންތެރި ފެންވަރު ރަނގަޅު މީހުންގެ މަޖިލީހެއް އޮންނަ ނަމަ މިކަހަލަ އުފެއްދުންތެރި ބިނާކުރަނިވި ގިނަ ރޭވުންތަކާ ބިލްތަކާ ކުރެވޭ ކަންކަންވެސް ވަރަށް ގިނަވީސް.