ގއ. ވިލިނގިލީގައި ހިންގަމުން ދިޔަ ކަނޑުފެހި ހާޑްވެއާއިން ޕާފޯމެންސް ބިލްޑާސް އެންޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (ޕީބީޑީސީ) އަށް ދަރަނީގެ ގޮތުގައި ދޫކޮށްފައިވާ ތިން ލައްކަ ރުފިޔާގެ މުދަލަށްވާ ފައިސާ ދައްކަން ހައުސިން މިނިސްޓްރީ އަށް އަމުރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

ތިން ލައްކަ ރުފިޔާގެ ދަރަނި ޕީބީޑީސީއިން ނުދައްކައިގެން އެންމެ ފުރަތަމަ ކަނޑުފެހި ހާޑްވެއާއިން އެ މައްސަލަ ހުށަހެޅީ އެ ރަށު މެޖިސްޓްރޭޓް ކޯޓަށެވެ. އެ މައްސަލަ ސާބިތުވެ، 15 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ޕީބީސީއަށް މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރިއެވެ.

ނަމަވެސް މި ހުކުމާއި އެއްގޮތަށް އެ ކުންފުނިން ދަރަނި ދައްކާފައެއް ނުވެއެވެ. ޕީބީޑީސީ މައްޗަށް ސާބިތުވެފައިވާ މި ދަރަނި މިނިސްޓްރީ އޮފް ހައުސިންގް އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންއިން ހޯދުމަށް ކަނޑުފެހި ހާޑްވެއާގެ ވެރިޔާ، އަހްމަދު ޝިޔާމް އެރަށު މެޖިސްޓްރޭޓް ކޯޓުގައި އެދުނެއެވެ.

ޝިޔާމްއާއި އެއްކޮޅަށް މައްސަލަ ނިމުނީ ޕީބީޑީސީ އިން ކޮށްފައިވާ މަސައްކަތްތަކަށް ނުދެވިހުރި ފައިސާއެއް ވާނަމަ، މިނިސްޓްރީ އޮފް ހައުސިންގްގެ ފަރާތުން ހަމަޖެހޭ އުސޫލެއްގެ މަތިން އެ ފައިސާދީ ޚަލާސްކުރާނެ ކަމަށް 05 ސެޕްޓެމްބަރ 2012 ގައި ފޮނުވި ސިޓީއެއްގައި ބަޔާންކޮށްފައިވާ ހެއްކެއް ހުށަހެޅުމުންނެވެ.

އަދި ޕީބީޑީސީ އިން އެކި ފަރާތްތަކަށް ފައިސާ ދިނުމަށް އަންގައި ކޮށްފައިވާ ހުކުމްތަކެއްގައި ހިމެނޭ ސާބިތު ދަރަނީގެ
މައްސަލަތަކުގެ ފައިސާއަށް ދިވެހި ދައުލަތުގެ ފަރާތުން ޖާމިނުވެ، އެ ފައިސާ ލިބެންޖެހޭ ފަރާތްތަކަށް އެ ފައިސާ ދައްކައި ޚަލާސް ކޮށްފައިވާ ކަމަށް ދައުލަތުގެ ފަރާތުން ހަައިކޯޓުގެ ޝަރީއަތުގެ އަޑުއެހުމެއްގައި އެއްބަސްވެފައިވާތީ، އެކަމަށް ރިއާޔަތްކޮށެވެ.

ދަށުކޯޓުގެ މި ނިންމުން ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެކޯޓުންވެސް ވަނީ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ.

ހައިކޯޓުގެ ނިންމުން ސުޕްރިމް ކޯޓުގައި ދައުލަތުން އިސްތިއުނާފް ކޮށްފައި ވަނީ ދަށުކޯޓަށް ހުށަހަޅާފައިވާ ހެއްކާއި ގަރީނާއަށް ހައިކޯޓުން ރިއާޔަތްކޮށްފައި ނުވާ ކަމަށް ބުނެއެވެ. އަދި އެ ދަރަންޏަށް މިނިސްޓްރީ އޮފް ހައުސިންގ އިން ޒިންމާވާން ޖެހޭ ކަމަށް ކަނޑައެޅި ކަނޑައެޅުމަށް ހައިކޯޓުން ތާއީދުކުރީ، ހުކުމް ތަންފީޒު ކުރުމުގެ ގަޒިއްޔާއެއް ހިންގުމުގައި ފަނޑިޔާރަކަށް ލިބިފައިވާ ބާރުގެ ދާއިރާގެ ބޭރުން އަމަލު ކުރި ކަން ފާހަގަކޮށެވެ.

ސުޕްރިމް ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސްނުއްސޫދު ރިޔާސަތުގައި އިންނަވައިގެން، ފަނޑިޔާރު، މުހައްމަދު އިބްރާޙިމްއާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ހިމެނޭހެން ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.

މި މައްސަލަ ދިރާސާކޮށް ސުޕްރިމް ކޯޓުން ނެރުނު ހުކުމްގައި ވަނީ ހައިކޯޓުން ނެރެފައިވާ އަމުރަކީ ސައްހަ އަމުރެއް ނޫން ކަމަށް ކަނޑައަޅާފައެވެ. ހައިކޯޓުގެ ހުކުމް ފައިސަލާކުރަނިވި ހުކުމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މެޖިސްޓްރޭޓުން ކޮށްފައިވާ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފްކޮށްފައި ނުވާތީ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ.

އަދި އެ ދަރަންޏަށް މިނިސްޓްރީ އޮފް ހައުސިންގ އިން ޒިންމާވާން ނުޖެހޭ ކަމަށް ނިންމާ، މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ސުޕްރިމްކޯޓުން ބާތިލްކުރިއެވެ.

އެ ނިންމުމުގައި ވަނީ ސާބިތުވި ގަޒިއްޔާގެ ހުކުމަށް ބަދަލުގެނެސް އަދި ދަރަނި އަދާކުރަންޖެހޭ ފަރާތް ބަދަލުކޮށް ހެދުމަކީ ސާބިތުދަރަނީގެ މައްސަލަތައް ކޯޓުން ބަލައި ހިންގުމުގެ އުސޫލުތަކާއި އިޖުރާއަތުތަކާ ހިލާފު ކަމެއްކަމަށެވެ.

އަދި ހުކުމް ތަންފީޒުކުރުމުގެ ގޮތުން ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ފަނޑިޔާރުގެ ހަމައެކަނި ދައުރަކީ ސާބިތުވެފައިވާ ދަރަނި ނުވަތަ އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކޮށްފައިވޭތޯ ބެލުމާއި، އެ ކަންކަން އަދާކޮށްފައިނުވާނަމަ، ހުކުމްތަންފީޒުކުރުމުގެ ގޮތުން ހަދާފައިވާ ގަވާއިދާ އެއްގޮތަށް ފިޔަވަޅު އެޅުން ކަމަށް ސުޕްރިމް ކޯޓުން ވިދާޅުވިއެވެ.

މިކަންކަމަށް ރިޔާއަތްކޮށް، މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ އެއީ ބާތިލު ހުކުމެއް ކަމަށެވެ. އަދި މި މައްސަލާގައި ދަށު ކޮޓުގެ ފަނޑިޔާރުން ޝަރީއަތް ކުރުމުގެ އިޖްރާއުތަކާއި ހިލާފްވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދުނިދަނޑި

    ތިޔަ އެމްޑީޕީ އެކްޓިވިސްޓް ހަރުގެއިން ދައްުލަތް ޒިންމާވާ އެއްވެސްކަމެއް ނުނިންމާނެ އަދި ދައުލަތުންވިއްޔާ ކޮންމެ ގޮތަކަށް ކިތަންމެ ދުބަހެއްވިޔސް މައްސަލަ އިސްތިްުނާފުވެސްކުރެވޭނެ އެކަމަކު ނިކަމެތި ރައްޔިތަކަށް އެ ފުރުސަތެއްނުދޭނެ ތިޔައީ ސިޔާސީ ހަރުގެއެއް ސަރުކާރުން ހިމާޔަތްކުރާ ހަރުގެއެއް ނިކަމެތި ރައްޔިތަކަށް އިންސާފެއް ހޯދައެއް ނުދޭނެ މުރަނގަ ގަހުމާލިމީ ދަރުކުރާ ގޮތަށް ޙުކުމްތައް ހުންނަނީ