ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަގާމުން އެކަހެރި ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުގައި ބައެއް މެންބަރުން ގޮވާލައްވައިފިއެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވެސް މައިގަނޑު ގޮތެއްގައި އޮތީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅޭ ގޮތުން ޚިޔާލު ފާޅު ކުރުމެވެ.

އެ ޕާޓީގެ ފުރަތަމަ ސަރުކާރުގެ ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު މަސައްކަތް ކުރި މައްސަލައިގެ ތަހުގީގަށް ފާރަވެރިވާން އެމަނިކުފާނަށް ހަމަލާ ދިން ތާރީޚާ ގުޅުވައި "މޭ ހައެއް" ނަމުގައި ކޮމިޓީއެއް ވެސް ޕާޓީގައި އެކުލަވާލާފައިވެއެވެ.

ގައުމީ މަޖިލީހުގެ ބައްދަލުވުންތައް އާންމުކޮށް ފަހަކަށް އައިސް ފަށަނީ މި ކޮމިޓީގެ ފަރާތުން ކުރެވުނު މަސައްކަތްތަކުގެ ފަހުގެ މައުލޫމާތު ގައުމީ މަޖިލީހުގެ މެންބަރުންނަށް ޚިއްސާ ކުރައްވަމުންނެވެ. ދެން އޮންނަނީ އެ ކަމާއި ގުޅިގެން މެންބަރުންގެ ސުވާލުތަކާއި ޚިޔާލުތައް ޚިއްސާ ކުރުމެވެ.

ރޭގެ ބައްދަލުވުމުގައި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ) ވިދާޅުވީ، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގައި އެކުލަވާލާފައިވާ އިންކުއަރީ ރިޕޯޓްގައި ހިމެނޭ ހުށަހެޅުންތަކަށް އަމަލު ނުކުރެވޭތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، އެ ހުށަހެޅުންތަކަށް އަމަލު ކުރެވޭނީ ޑިފެންސް މިނިސްޓަރު މާރިޔާއާއި ހޯމް މިނިސްޓަރު އިމްރާން މަގާމުން އެކަހެރިކޮށްގެން ކަމަށް ވިދާޅުވިއެވެ. މަގާމުގައި ދެ ބޭފުޅުން ތިއްބަހާ ހިނދަކު އެ ކަން ނުހިނގާނެ ކަމަށް ގިޓާ ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ޑިފެންސް މިނިސްޓަރާއި ހޯމް މިނިސްޓަރު އެ މަގާމުގައި ތިއްބަަވައިގެންނެއް ރިކޮމެންޑޭޝަންތައް ތަންފީޒު ކުރުމުގައި ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާނެ. އެހެން ކަމުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން އެ ބޭފުޅުން އެކަހެރިކޮށްގެން ވެސް މި ރެކޮމެންޑޭޝަންތައް ރަނގަޅަށް ތަންފީޒުކުރަން،" ގިޓާ ވިދާޅުވިއެވެ.

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވީ، ހުށަހެޅުންތަކުގެ ތެރެއިން 38 ކަމަކީ މިހާރު ވެސް ފެށިގެން ކުރިއަށްދާ ކަންކަން ކަމަށްވާއިރު، އެ ކަންކަމަކީ ކޮބައި ކަން ސަރުކާރުން ކޮށްނުދޭތީ އެ ކަންކަން ހިނގަމުންދާ ކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

ފަހަކަށް އައިސް މިނިސްޓަރު އިމްރާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ބޮންޑެ ރޭ ވެސް ވަނީ އެ ކަން ތަކުރާރުކޮށް ވިދާޅުވެފައެވެ. އިމްރާން މަގާމުގައި ހުންެވުމަކީ އެ ކަންކަން ތަންފީޒު ކުރެއްވުމަށް އޮތް ހުރަހެެއްގެ ގޮތުގައި ބޮންޑެ ސިފަކުރެއްވިއެވެ.

"މަސްތުވާތަކެތި ހަމަ އެތެރެވަނީ، މާލެ މަގުތައް މަތީގެ އަމަން ނުބެލެހެއްޓޭ، އަފްޣާނިސްތާނުގެ ހާލަތަށް ގޮސްދާނެ ކަމުގެ ކަންބޮޑުވުން ދިފާއީ ބާރުތަކުގެ ފަންނީ ބޭފުޅުން ފާޅުކުރައްވާ އޮއްވައި އެ ކަން ނުވާ ކަމަށް ވާހަކަ ދެއްކެވި، މިނިސްޓަރު އިމްރާން މަގާމުގައި ހުންނެވުމަކީ މި ހުށަހެޅުން ތަންފީޒު ކުރަން އޮތް ހުރަހެއް،" ބޮންޑެ ވިދާޅުވިއެވެ.

ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިނުމުގެ މާ ކުރިން އެމަނިކުފާނަށް ނުރައްކާ އޮތް ކަމުގެ މައުލޫމާތު ލިބިވަޑައިގެން އިލްޔާސް ވަނީ ޑިފެންސް މިނިސްޓަރު މާރިޔާއަށް ގުޅުއްވައި އެ މައުލޫމާތު ޚިއްސާކޮށްދެއްވައިފައެވެ. އެއަށް ފިޔަވަޅުތަކެއް އެޅުމުގެ ސީރިއަސް ކަމެއް ނުދެއްވައި މާރިޔާ ދެން އަމަލު ކުރެއްވި ގޮތް ބަލައިގަނެވެން ނެތް ކަމަށް މަޖިލީހުގެ 241 ކޮމިޓީގެ އިންކުއަރީ ރިޕޯޓްގައި ވެސް ފާހަގަކޮށްފައިވެއެވެ.

ނަޝީދު މި ވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުން ނަމަ، އެމަނިކުފާނުގެ ރައްކާތެރިކަން ކަށަވަރު ނުވަނީސް އަދި ހަމަލާ ރޭވި މީހުން ހައްޔަރަށް ނުގެންދެވެނީސް ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވާ ކަމަށެވެ. ހަމަލާއަށް ފަހު ހަފުތާއެއްހާ ދުވަހު އޭޑީކޭއިން ފަރުވާތައް ހޯއްދެވުމަށް ފަހު ބޭރަށް ވަޑައިގެންނެވި ގޮތަށް އަދި އަނބުރާ ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާސަމީހާ. ރ.އުނގޫފާރު

    ދެ މީހުން އެކަހެރިކޮށްފިއްޔާ ލޯބިވެގެން ކަ މެއް ކަ މެއްކުރެވިދާނެ

  2. ކޮވިޑް

    " އެމަނިކުފާނު ވިދާޅުވާ ގޮތުން ނަމަ، އެމަނިކުފާނުގެ ރައްކާތެރިކަން ކަށަވަރު ނުވަނީސް އަދި ހަމަލާ ރޭވި މީހުން ހައްޔަރަށް ނުގެންދެވެނީސް ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވާ ކަމަށެވެ. " މާނައަކީ މިހާރު އެމައްސަލައިގާ ހައްޔަރުކޮށް ދައުވާ ކުރަން ފޮނުވި މީހުންނަކީ ނުހައްޤުން ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ބަޔެކޭ .މައްސަލައާ ގުޅުން ނެތަ ބަޔެކޭ ދެއްތޯ؟