ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިހާރު ތ. ވޭމަންޑު އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރަށް ޒިޔާރަތް ކުރައްވައިފިއެވެ.

އެ ޒިޔާރަތުގައި އެމަނިކުފާނު ވަނީ، އެ ސެންޓަރުގެ އަމާން ހިޔާގައި ދިރިއުޅޭ ކުދިންނާ މުވައްޒަފުންނާ ބައްދަލުކޮށްލައްވާ ބޭނުންވާ ކަންތައްތަކުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ.

އެ ސެންޓަރުަގައި މިވަގުތު 16 އަހަރާއި 17 އަހަރާ ދެމެދުގެ 6 ކުދިން ތިބެއެވެ. މި ސެންޓަރަކީ މުޖުތަމަޢުގައި ނާޒުކު ޙާލަތުގައި ތިބި މީހުންނަށް އަޅާލައި، އެހީތެރިވުމުގެ ގޮތުން ޖެންޑާގެ ދަށުން ހިންގާ ސެންޓަރެކެވެ.

ސެންޓަރަށް ޒިޔާތަރް ކުރެއްވުމަށް ފަހު ރައީސް ދެން ވަޑައިގަތީ ވޭމަންޑޫ ސްކޫލަށެވެ. އެމަނިކުފާނު ސްކޫލަށް ކުރެއްވި ޒިޔާރަތުގައި ސްކޫލް ކުދިންނާއި ސްކޫލްގެ އިސްވެރިންނާ ޓީޗަރުންނާ ވަނީ ބައްދަލުކުރައްވާ ބޭނުންވާ ކަންކަން އޮޅުންފިލުއްވައި ތަނުގެ ހާލަތު ބައްލަވާލައްވައިފައެވެ.

ވޭމަންޑޫ ސްކޫލަކީ 355 ދަރިވަރުން މިހާރުވެސް ކިޔަވަމުންދާ ސްކޫލެކެވެ. ގްރޭޑް 1-12 އަށް ކިޔަވާދެމުންދާ މި ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް ތަރައްގީކުރަމުންދާއިރު، ތައުލީމީ ދާއިރާ ކުރިއެރުވުމަކީ މިސަރުކާރުން އެންމެ އިސްކަންދޭ އެއް ރިޔާސީ ވައުދެވެ.

ރައީސް މިހާރު ވޭމަންޑޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ ހަތް ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ހަތަރު ވަނަ މަންޒިލެވެ.

ކިޔުންތެރިންގެ ހިޔާލު