ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލެ ދެ ވަނަ ފިޔަވަހި ހިއްކައިގެން އެ ބިމުގައި އަޅާފައިވާ ހިޔާ ފްލެޓްތަކުގެ މަހުގެ ކުލި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ކުޑަކޮށް ނުދެވުނަސް، ސަރުކާރަކަށް އެކަން ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެންބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން ވިދާޅުވެފައިވާ ގޮތުގައި ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މަހަކު 7,500 ރުފިޔާއެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާނެއެވެ. އެކަމަކު ކުރީގެ ސަރުކާރުގައި އެ އަގު ކަނޑައަޅާފައިވަނީ ޖުމުލަ 6،600 ރުފިޔާއަށް ކަމަށް އެ ސަރުކާރުގެ ބޭފުޅުން ވިދާޅުވެއެވެ.

ކުލި ކުޑަކޮށްދޭން ހިޔާ ފްލެޓް ޔޫނިއަނުން ސަރުކާރުގައި އާއި އެޗްޑީސީގައި އެތައް ފަހަރެއްގެ މަތިން އެދުމުންވެސް ކުލި ކުޑަ ނުކުރެވޭނެ ކަމަށް ދަނީ، ތަކުރާރުކޮށް ބުނަމުންނެވެ. ފްލެޓްތައް ލިބުނު މީހުން މަގުމައްޗަށް ނިކުމު މުޒާހަރާ ކުރުމުންވެސް އެޗްޑީސީން ވިދާޅުވީ ކުއްޔަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށެވެ. އެކަމަކު އެކަންބޮޑުވުން އެތައް ބައެއްގެ އަދިވެސް އެބައޮތެވެ.

ފްލެޓް ލިބުނު މީހުންގެ ފަރާތުން ކުލި ކުޑަކޮށްދޭން އެދި މަޖިލީހަށް ހުށަހަޅާ ޕެޓިޝަން ސްޕޮންސާ ކުރައްވާ އާޒިމް "ވަގުތު" އަށް މިއަދު ވިދާޅުވީ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް، އާދިއްތަ ދުވަހު އެ ޕެޓިޝަން ހުށަހަޅުއްވާނެ ކަމަށެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު ދެކިވަޑައިގަންނަވާ ގޮތުގައި 8،500ރ. އަކީ ޝޯޝަލް ހައުސިން ޔުނިޓަށް ބަލާއިރު ބޮޑު އަދަދެކެވެ. އެހެންވެ 5،600ރ. އަށް ކުލި ކުޑަކުރެވެން ޖެހޭ ކަމަށް މީގެ ކުރިންވެސް އާޒިމް ވަނީ ވިދާޅުވެފައެވެ. އޭނާ އެހެން ވިދާޅުވަނީ، ފްލެޓް ލިބުނު ގިނަ މީހުންނަކީ އުޅޭނެ ތަނެއް ނެތް މީހުންނަށްވެފައި އާއި، އެމީހުންގެ އާމްދަނީވެސް އުޅޭނީ 6000-5000 ރުފިޔާއާ ދެމެދު ކަމަށްވާތީއެވެ.

Ali Azim
ކުލިކުޑަ ކޮށްދޭން އެދި މަޖިލީހަށް ހުށަހަޅާ ޕެޓިޝަންއާ އާޒިމް ހަވާލުވެވަޑައިގަންނަވަނީ

އާޒިމް ވިދާޅުވީ އެޗްޑީސީއަށް ކުލި ކުޑަ ނުކުރެވުނަސް ސަރުކާރަށް އެކަން ކޮށްދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންވެ އެކަން ކޮށްދޭން އާޒިމް ވަނީ ސަރުކާރުގައި އެދިވަޑައިގެންފައެވެ.

"އެތައް ބަޔަކަށް ބޮޑެތި އަދަދުން ބަދަލު ދެވޭއިރު ކުލި ކުޑަ ނުކުރެވެންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނުން" އާޒިމް ސުވާލު އުފެއްދެވިއެވެ.

މި ސަރުކާރުން ފޭސް އެކެއް އަދި ދޭއްގައި އަޅާ ފްލެޓްތަކުގެ އަގު އުޅެނީ މަހަކު 5000ރ. ގައެވެ. އެކަމަކު އެއްބަޔަކު ދައްކަން ޖެހޭ ކުލި ކުޑަވެފައި ދެން ތިބި ބަޔަކު ބޮޑު އަދަދެއް ދައްކަން ޖެހުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ.

Hiyaa Union
ހިޔާ ފްލެޓްތަކުގެ ކުލިކުޑަކޮށްދޭން ގޮވާލާ ބޭއްވި އެއްވުމުގެ ތެރެއިން ފޮޓޯ: ހިޔާ ޔޫނިއަން

ހިޔާ ފްލެޓްތަކުގެ ކުއްޔާ ބެހޭ ގޮތުން ޖޫން މަހު ރައީސް ވިދާޅުވެފައިވަނީ އެ މަޝްރޫއު ކުރިއަށް ގެންގޮސްފައި އޮތީ ކޮމާޝަލް ލޯނެއް ނަގައިގެން އަށް ޕަސެންޓުގެ އިންޓްރެސްޓްގައި 20 އަހަރުން ދައްކާގޮތަށް ކަމަށެވެ.

"އޭރު އެބޭފުޅުން އަގުކޮށްފައި އޮތްއިރުގައި، ފްލެޓެއްގެ އަގު އެބަޖެހޭ 1.2 މިލިއަން ރުފިޔާއަށް. އޭރު 20 އަހަރުން ދައްކާގޮތަށް މިއޮތީ. އެހެންވީމާ ފްލެޓެއްގެ އަގު، މަހުގެ ކުލި އެބައަރާ، ގާތްގަނޑަކަށް ދިހަހާސް ހަތަރުސަތޭކަ ނަވާރަ ރުފިޔާއަށް. އެއީ ކުރީގެ ހިސާބު ހަދާފައި އޮތްގޮތުން ޖެހޭ އަދަދު" ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ބިމުގެ އަގު ކަނޑައި، އަދިވެސް އެހެން މެނޭޖްމަންޓް ފީތަކާ އެއްޗެހި ކަނޑާލީމާ ފްލެޓެއްގެ އަގަށް ޖެހެނީ އެއް މިލިއަން އަށްޑިހަ ތިންހާސް ބާވީސް ރުފިޔާ ކަމަށެވެ.

"ދެން އަދި އިންޓްރެސްޓް ރޭޓް މިއޮތީ 6.78 ޕަސެންޓަށްވެސް ކުޑަކޮށްފައި. އަދި 25 އަހަރުން ޕޭމަންޓް ދައްކައި ނިންމާގޮތަށް ހެދީމާ، ހަތްހާސް ފައްސަތޭކަ ރުފިޔާއަށް މިޖެހެނީ" ރައީސް ސޯލިހް ވިދާޅުވިއެވެ.

މިއަށްވުރެ ކުލި ކުޑަ ކުރާ ކަމަށްވާ ނާމަ ސަރުކާރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ. އެކަމަކު، ކުލި ދެއްކުމުގައި އޮތީ ކޮން ލުޔެއްތޯ ބެލުމަށް އަދިވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭރު ރައީސް ސޯލިހް ވިދާޅުވިއެވެ.

އެޗްޑީސީން މިހާރު ކަނޑާއަޅާފައިވާ ގޮތުގައި ހިޔާ ފްލެޓުތަކުގެ ކުލި ދައްކަން ފަށަން ޖެހޭނީ އަންނަ ޖެނުއަރީ މަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ޢަޙްމަދު

  ޙެއްހެއް ތިކިޔަނި ކައިގެންނޭ ފުރާނި ނުކައެއް ނުފުރާނަމޭދޯ؟މި ސަރުކަރުގަ މުޅިންވެސް ތިބީ މަކަރުވެރިން.

  19
  1
 2. ހިޔާ ޔޫނިއަން

  މިއީ ނިކަމެތި ރައްޔިތުންގެ އަޑު އަހާނެ ސަރުކާރެއް ނޫން. އިރާދަ ކުރެއްވިއްޔާ 2023 ގައި އެމީހުންގެ އަޑެއް އަހަރުމެން 30 ހާސް މީހުންނެއްވެސް ނާހާނަން.

  28
  1
 3. ޗިންޓޫ

  ވަރަށް ރަނގަޅު ޙަބަރެއް

  9
  1
 4. ރީތި މޫސަ

  ހިޔާފުލެޓް އަގު ކުޑަކޮށްދޭންޖެހޭނީ ރައްޔިތުންގެ މަޖުލީހުގެ މެންބަރުންނަށް ސަބަބަކީ ތިމެންބަރުން ރައްޔިތުން ހޮވާފައިވަނީ ލުއިފަސޭހަ ކޮށްދޭނެކަމަށް ރައްޔިތުންގާތު ވައުދުވެގެންކަމަށްވާތީ ނަމަވެސް އަބަދު މިއިވެނީ ރައްޔިތުންގެ ފައިސާއިން މުސާރަނަގައިގެންތިބެ ކަމެއްނުކޮށްދީތިބެ އޭނާމިނާކިޔާތަން

  21
  1
 5. ފުލެޓެވީ

  މިރައީސަކީ ރައްޔަތުންގެ އަޑުނުއިވޭ ރައީސެއް ފުލެޓުވެރިންވީހަނާ ރައީސްގެ އަޒުވީވަރުގަދަ ދެން ދެހާސްތޭވީސް މިފުލެޓުވެރިން ވޯޓުން ވެރިކަން ބަދަލޮކުރެވޭނެ ފުލެޓުވެރިންގެ އާދޭސް ރައީސްޔާމީނު ހައްލުކޮއްދެއްވާ ހަދަދިޔަފައިސާ ދެއްވާނެ ކަންކަށަވަރު؟

  14
  1
 6. ޢަލީ

  އަަޒިމު ބުންޏަސް ތީ ރަނގަޅުވާހަކައެއް. 100% ގެ ވާހަކައެއް. ސަރުކާރަށް އެކަން ވާނެ. އަދި ކޮންމެހެން އެތަނަށްދާ ޚަރަދު އެއީ ރައްޔިތުން އަތުން ނަގަންޖެހޭ އެއްޗެއްވެސް ނޫންދޯ، ތިހެން ނަގަންޏާ އާސަންދައިން ދޭ ޚިދުމަތުގެ ލާރިވެސް އަހަރެމެން އަތުންނަގާ. އެޗްޑީސީ އަކީ 100% ސަރުކާރުގެ ކުންފުންޏެއް ސަރުކާރުން އަންގާގޮތަކަށް އެކަން ކުރަންޖެހޭނެ.

  12
  1
 7. ދިވެހި ދިދަ

  އޭރުން ޖެހެނީ 20 އަހަރަށް ބަހާލީމަ 6100 ރުފިޔާ

  10
 8. ގާސިމު

  ޙިޔާ ފްލެޓް ތަކަކީ ސޯޝަލް ހައުސިން ކަމަށްވެފައި އެތަން އެހުރީ ބަޔަކަށް ވަދެވޭނެ ފަދަ ގޮތަކަށް ނޫން! ޢެތަންތަން ލިބިފައިވާ ގިނަމީހުންނަކީ އަތާ އަގަޔާ ދިމާވަރު ވެސް ނުވެޔޭ ބުނާފަދަ ނިކަމެތިން! ތަން ހަދަން ޖެހެނީ ވެސް ދަރަނި ވެރިވެގެން!

  14
  3
 9. ގަރުދިޔަބޯތަށި

  ހިޔާ ފްލެޓުން ކިތައް އެޕާރޓްމަންޓް ޙަވާލުނުކޮށް އެބަހުރުތޯ؟ ގައިމުއެއްވެސް ލިސްޓަކުން ނުފެނޭ 25 ވަނަ ފްލޯ އެއްވެސް މީހަކަށް ލިބިފަ އިންތަނެއް. ދެން 25ވަނަބުރީގަ ހިމެނޭ އެންމެ ސަޅިތަންތަން ލިބެނީ ކޮންބަޔަކަށްތޯ؟ އަޅުގަނޑަށް ހީވަނީ މިހާރު ކުލި ބޮޑުވެގެން މިއުޅެނީ 25ވަނަ ފްލޯރގަހުރިތަންތަނުގެ ކުލިވެސް މިހާރު ފްލެޓް ލިބިފަ ތިބިމީހުންގެ ކުއްޔަށް ވައްދާތީހެން.. މީހަމަ އިންސާފު ކޮދުލާ އަރާފަ އޮތްކަމެއް. ކުރިން ފްލެޓް ލިބުނުމީހުން 1ކޮޓަރި ކުއްޔަށްދިނީމަ އެޕަރޓްމަންޓްގެ ކުލި ހަމަވީ..ހިޔާފްލެޓް އޭގެ އިދިކޮޅު. ކިއްކުރާނީ

 10. ހުސެންދީ

  ކަލޯ އަންނި ކޮޅު ދޫކޮއްލީތަ މިހާރު

 11. މުހައްމާ

  ރައީސަށް ތިކަހަލަ ކަލްކިއުލޭޝަންސްތައް ހަދާކަށްނޭގޭނެ. ކިޔާދިނަސް ގެޓެއްވެސްނުވާނެ.

 12. ސެންޗޯ

  ޢެޗު ޑީ ސީގެ ވެރިއަކަށް ހުންނަ އެބުނާ ސުހޭލަކީ އޭނާ ހިތުން މިގައުމުގެ ރައީސްއަށް ވުރެވެސް މަތީގައި ހުންނަ މީހެއް ރަތްޔިތުންގެ މަޖިލީ ހުން ގަރާރެއް ފާސްކޮށްގެން ނަމަވެސް މީނާ އެމަގާމުން ވަކިކޮށްގެން ނޫނީ ހުޅު މާލޭގެ ކަންތައްތައް ސަރުކާރުން ބޭނުންވާ ގޮތައްކުރިއަށް ގެންދެ ވޭކަށް ނެތް

  6
  1
 13. އަހްމަދު

  ކުރީގެ އެމްޑީޕީސަރުކާރުން އެޅިޗައިނާފުލެޓްގެ ތިންކޮޓަރި ދެފާހާނައިގެ ތަނަކަށްއެބަޖެހޭ 2.1މިއަލިއަން މިހާރު 1.2 މިލިއަންމިވަނީކިހިނެއްބާ

 14. ޚިޔާލު 3

  ހިންގަން އެގޭ ބަޔަ ކަށް އެވަރު ފްލެޓެއް 5500 ރުފިޔާއަށް ކުލި ހަމަޖެއްސޭނެ ބޮޑެތި ވިޔަފާރި ވެރިއަ ކަށް އެވަރުބިމެއް ދެއްވާފަ އެ އަގަށް ފްލެޓް ވިއް ކަން ހަމަޖެއްސޭނެ
  ހިންގަންނޭގި އަގަތެޅުމުން ވާނެ ކަމެއްނެތް.

  10
 15. އަފީ

  އެމް.ޑީ.ޕީ ސަރުކާރަށް ރައްޔިތުންގެ ބޯހިޔާވަހިކަން ކުޑަ ނުކުރެވެންންޏާ 2023 ގައި ރައްޔިތުން ވެސް އެމް.ޑީ.ޕީ އަށް ވޯޓް ދޭންޖެހޭ ސަބަބެއް ނެތް. އަދި ރައްޔިތުންގާތު 2023 ގައި ދައްކާނެ ވާހަކައެއްވެސް ނޯންނާނެ

 16. ޅަވިޔަނި

  ދެބޯގެރި ނުދުއްވާ އާޒިމޫ ފެއިލްވެފަ ތިތިބީ! 2023 ގައި އޮޔާދާނެ އިންޝާﷲ

 17. ކިނބޫ

  ޖަނަވަރީން ފެށިގެނެއް ނޫން ޑިސެމްބަރުން ފެށިގެން ކުލި ދައްކަން ޖެހޭ. ސޯލިހު ދައްކާ ހޮޅި ވާހަކަ ވަގުތު ނޫހުންވެސް ލިޔަން ޖެހޭތަ!

 18. ރައްޔިތުމީހުން

  2023 ގާ ހޮވީމަތަ؟

 19. ލަޔަން

  އެޗް ޱީސީ އެއީ ދިވެހި ސަރުކާރުގެ ކުންފުންޏެއްތޯ ނޫނީ ސުހެއިލްގެ ކުންފުންޏެއްތޯ ސަރުކާރާ އެޗް ޱީސީ އާ މިއީ ދެސަރުކާރެއްތޯ ؟އިއްޒަތްތެރި މެމްބަރ މިކަން ސާފުކޮއް ދެއްވަ ބައްލަވާ؟