އުއްތަމަ ފަނޑިޔާރު ކަމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އައްޔަން ކުރުމަށް ރައްޔިތުން މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެ އެ ފަނޑިޔާރުންނަށް ވޯޓު ދިނުމަށް ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގެންނެވި ނަމަވެސް ރައްޔިތުން މަޖިލީހުގެ އިދިކޮޅު މެންބަރު ގާސިމްގެ ހުށަހެޅުމާއި ދެކޮޅު ހަދައިފިއެވެ.

އިދިކޮޅު ޕީޖީގެ ވަޓްސްއެޕް ގުރޫޕަށް ގާސިމް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ފަނޑިޔާރުންނަށް ވޯޓް ދިނުމަކީ އޭނާ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ އެއީ އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ 12 މެންބަރުންގެ ހައްގުގައި ވެސް ކުރަންޖެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ގާސިމްގެ މެސެޖްގައި ވިދާޅުވިއެވެ.

ނަމަވެސް އިދިކޮޅު މެންބަރުން ވިދާޅުވީ ވޯޓްގައި ބައިވެރިވެއްޖެނަމަ އިދިކޮޅުން ދަމަހައްޓަމުން އައި ސްޓޭންޑް ބަދަލުވާނެ ކަމަށާއި އެހެންކަމުން ވޯޓްގައި ބައިވެރި ނުވާނެ ކަމަށެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ރިޔާސަތުގައި އިންނަވައިގެން ބާއްވާ ޖަލްސާތަކަކީ ސައްހަ ޖަލްސާތަކެއް ނޫން ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކޮށްފައިވާތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެއެވެ.

މިރޭ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އަދި އެމްޑީއޭގެ މެންބަރުން އެކަންޏެވެ. ފަނޑިޔާރުން މަގާމުތަކަށް އައްޔަންކުރަން ފާސްކުރީ 36 މެންބަރުންގެ ވޯޓުންނެވެ.

އިދިކޮޅު ކޯލިޝަންގެ މެންބަރުން ގާސިމްގެ ހުށަހެޅުމަކާއި ދެކޮޅު ހެއްދެވިއިރު ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމުގެ މައްސަލައިގައި އިދިކޮޅު ފަރާތްތަކުގެ މެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަފްޞާ / މާލެ

    މިހާރުވެސް ފްލޯއަށް ނުވަންނަ ޖަލްސާތަކަށް މުސާރައިން ކަނޑަންފަށާބަލަ! ޔާޤީން ނުކެރޭނެ ނުވަދެއެއް! ރުފިޔާލިބެނިކޮށްނިމުނީ ! ޙަރާމެއް ޙަލާލެއް ބަލާނޭކަމެއްނެތް! އަނާރާ މެން ، ޢަލީޙުސެއިންމެންގެ ދީނާ މިއްލަތު ކޮބައިބާއޭ ހިތަށްއަރާ! ޙައްޤު މަސައްކަތްނުކޮށް މަސައްކަތަށް މުސާރަ ނަގައިގެން ކެއުން އެއީ ކޮންކަހަލަ ނުބައިކަމެއްތޯ؟