އުއްތަމަ ފަނޑިޔާރު ކަމަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑރ. ޑީޑީ) އައްޔަން ކުރުމަށާއި އެ ކޯޓަށް އިތުރު ދެ ފަނޑިޔާރަކު އައްޔަން ކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި މިރޭ ނެގި ވޯޓުގައި ވަކިކޮޅަކަށް ވޯޓުދެއްވުމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ނާންގާކަމަށް އިދިކޮޅު ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕުގެ މަޖިލިސް މެންބަރުން ވިދާޅުވެއްޖެއެވެ.

މިރޭ ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި ވާއްކަދައްކަވަމުން ކެންދޫދާއީރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ ގާސިމް އެދިވަޑައިގަތީ މަޖިލީހުގެ ތަޅުމަށް ވަދެ ބަހުސްގައި ބައިވެރިވެ އެބޭފުޅަށް ފެންނަގޮތަކަށް ވޯޓު ދެއްވުމަށް ކަމަށެވެ.

" ވަކި ގޮތަކަށް ވޯޓް ދެއްވަން ނާންގަވާ، އެބޭފުޅުނަށް ފެންނަ ގޮތަކަށް ވޯޓުދެއްވުމަށް އެންގެވީ. އަދި ބަހުސްގައިވެސް ވަކިގޮތަކަށް ވާހަކަ ދައްކަވަންވެސް ނާންގަވާ" އަލީ ހުސެއިން ވިދާޅުވިއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕަކީ ފެށުނީއްސުރެ ހުރިހާ މެންބަރުންގެ މެދުގައި މަޝްވަރާ ކޮށްގެން ކަންކަން ނިންމާބައެއް ކަމަށާއި، ވަކި މީހަކު އަންގާގޮތަކަށް ކަންކުރާ ބައެއް ނޫން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މިރޭ އޮތް މަޖިލީހުގެ ޖަލްސާ އަށް އިދިކޮޅު މެމްބަރުން ހާޒިވެ ވަޑައިގެންފައިއެއް ނުވެއެވެ. ނަމަވެސް، އުއްތަމަ ފަނޑިޔާރު ކަމަށް ޑރ. ޑީޑީ އައްޔަން ކުރުމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގައި އަބްދުﷲ ދީދީ އާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަން ކުރުމަށް ވަނީ ސަރުކާރުގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފަ އެވެ.

އިދިކޮޅު މަޖިލިސް މެމްބަރުންގެ ކިބައިން ގާސިމް އެދިވަޑައިގެންނެވީ މިރޭގެ ވޯޓަކީ ސްޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމާއި އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރުމަށް ނަގާ ވޯޓްކަމުގައި ވުމުން، ސްޕްރީމް ކޯޓަކީ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ މަޖިލީހުގެ 12 މެމްބަރުންގެ މައްސަލާގައިވެސް އަދި ބަންދުގައި ތިބި މެމްބަރުންގެ މައްސަލާގައިވެސް ފަހުބަސް ބުނާތަނަށް ވުމުން އެ މައްސަލާގައި ވޯޓް ދިނުމަށެވެ.

އެކަމާއި ގުޅިގެން އިދިކޮޅު ޕާލިމެންޓްރީ ގުރޫޕުން ބޭއްވި ބައްދަލުވުމުގައިވަނީ ގާސިމްގެ ހުށައެޅުމަށް ޢަމަލު ނުކުރުމަށްވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ރަގަޅު! ވަކިކޮޅަކަށް ވޯޓުދޭކަށް ނާންގާ! އެކަމަކު އެ ޖަލްސާގައި ބައިވެރިވުމަށް މަޖްލިހުގެ ފްލޯއަށް ވަނުމަށް ގޮވައިލި. އެކަން ކުރިންތަ އިދިކޮޅޭމެން؟ ޤާސިމަށް ހެޔޮވިސްނުން ދެއްވާށި!

  2. ބުރުމާ

    މީހަކު އަންގަވާ ގޮތަކަށްތަ ކަލޭމެން ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކޮށް ވޯޓް ދޭންޖެހެނީ ތިކަހަލަ ބަތާހަރާމީން ގިނަވެގެންގޮސް މިހުރިހާ މައްސަލައެއް މިޖެހެނީ