ރިޔާސީ އިންތިޚާބުގެ ކަވަރޭޖްގައި މަސައްކަތް ކުރާނެ ތިން ފޮޓޯގްރާފަރުން ހޯދަން "ވަގުތު" އިން އިއުލާން ކޮށްފިއެވެ.

"ވަގުތު" އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ރިޔާސީ އިންތިޚާބު ބާއްވަން ކަނޑައެޅިފައިވާ ތާރީޚްގެ ދެމަސް ކުރިން ފެށިގެން "ވަގުތު" ގައި މަސައްކަތް ކުރާނެ ވަގުތީ ފޮޓޯގްރާފަރުން ބޭނުންވާ ކަމަށެވެ.

ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކަކީ ފޮޓޯގްރާފީގެ ތަޖުރިބާ ހުރި ފަރާތަކަށްވުމާއި އެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށް ވާން ޖެހޭނެ ކަމަށާއި އަދި ރަށުން ބޭރަށް ފަސޭހައިން ދެވޭނެ މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުގެ މުސާރަ ކަނޑައެޅުމަށް ހަމަޖެހިފައި ވަނީ މަޝްވަރާ ކުރުމަށް ފަހު ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތިންނެވެ.

ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7907173 އަށެވެ. ވަޒީފާ އަށް ޝައުގުވެރިވާ ފަރާތްތަކުން ސީވީ ފޮނުއްވާނީ ޖުލައި 10 ވަނަ ދުވަހުގެ ކުރިން [email protected] އަށެވެ.

ރިޔާސީ އިންތިޚާބު މޮނީޓާ ކުރާނެ މޮނީޓަރުން ހޯދަން ވެސް "ވަގުތު" އިން ވަނީ އިއުލާން ކޮސްފައެވެ.

މޮނީޓަރުކަން ކުރަން ޝައުގުވެރިވާ ފަރާތްތަކުން "ވަގުތު" ގެ ނަމްބަރު 7907173 ނަމްބަރު ފޯނަށް އެބޭފުޅެއްގެ ރަށާއި، ފުރިހަމަ ނަން، އައިޑީކާޑް ނަމްބަރު އަދި ގުޅޭނެ ނަމްބަރު އެނގޭނެ ގޮތައް އެސްއެމްއެސް ކުރެއްވުމަށް "ވަގުތު" އިން އެދެއެވެ.

މޮނީޓަރަކަށް ވުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ އެންމެ ފަހު ތާރީޚަކީ ޖުލައި 20 ވަނަ ދުވަހެވެ.

އިންތިޚާބުގެ މޮނީޓަރުންނާއި "ވަގުތު" އާއި ދެމެދު އެއްބަސްވުން ގާއިމު ކުރުމުގެ އިންތިޒާމްތައް "ވަގުތު" އިން ހަމަޖައްސާނެއެވެ.

މޮނީޓަރަކަށް ވުމަށް ޝައުގުވެރިކަން ފާޅުކުރާ މީހަކީ އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވާން ޖެހޭނެއެވެ. އަދި ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ވެގެން ނުވާނެއެވެ. މީގެ އިތުރުން ރިޔާސީ އިންތިޚާބާ ބެހޭ މަސައްކަތެއް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއްކަމުގައި ވެސް އެމީހަކު ވެގެން ނުވާނެއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރ 23 ގައެވެ.