މިދިޔަ ބުރާސްފަތި ދުވަހު، ޕެނާމާގެ އަގުބޯޓް އުރުނު ކ. ރަސްފަރި ފަރަށް ލިބުނު ގެއްލުންތައް ބަަލަމުންދާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފިއެވެ.

އިންޑިއާއިން ފުރައިގެން ސައުތު އެފްރިކާއަށް، 19 ފިލިޕީންސް މީހުނާއެކު ދަތުރުކުރި ނަވިއޮސް އަމަރިލްސް، ބޯޓު އުރުނީ އިންޖީން ހުއްޓުމުގެ ސަބަބުންނެވެ.

190 މީޓަރުގެ އާގު ބޯޓު އުރުުނު ފަރަކީ ރަސްފަރި ހިމެނޭ ގޮތަށް ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. ބޯޓު އެރީ ރަށުގެ ފުއްޓަރު ފަރާތު ފަރަށެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް "ވަގުތު"އަށް މިއަދު ވިދާޅުވީ ބޯޓު އޮތީ އެއްކޮށް ފަރަށް ލައްގާފައި ކަމަށެވެ. ބޯޓު ފުންކުރުމުގެ މަސައްކަތް ކުރާއިރުވެސް ފަރަށް އިތުރު ގެއްލުންތަކެއް ލިބިދާނެތީވެ ލިބޭނީ ކިހާވަރެއްގެ ބޮޑު ގެއްލުމެއްކަން މި ވަގުތު ދަންނަވަން ދަތި ކަމަށް ނައީމް ވިދާޅުވިއެވެ.

"ލިބުނު ގެއްލުން އެނގޭނީ އެއްކޮށް ފުންކުރެވުނީމަ" ނައީމް ވިދާޅުވިއެވެ.

އެމްއެންޑީއެފުން ބުނީ އަގުބޯޓް ފުންކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެެވެ.