އިނގިރޭސިވިލާތުގެ ރަތް ލިސްޓް ނުވަތަ ދަތުރު ކުރުން މަނާ ގައުމުތަކުގެ ތެރޭގައި ރާއްޖެ އޮތީ ޓެސްޓެއް ނަހަދާތީ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، އިނގިރޭސިވިލާތުގެ ރަތް ލިސްޓުގައި ރާއްޖެ އޮތީ ޖިނޯމިކް ސީކުއެންސިން ޓެސްޓް ނަހަދައިގެން ކަމަށެވެ.

ޖިނޯމިކް ސީކުއެންސިން ޓެސްޓަކީ އެ ގައުމެއްގައި ފެތުރެމުން އަންނަނީ ކޮވިޑްގެ ކޮން ވޭރިއެންޓެއްކަން ދެނެގަތުމަށް ހަދާ ޓެސްޓެކެވެ. މި ޓެސްޓް ހަދަން އިނގިރޭސިވިލާތުން އެދެނީ އެ ގައުމުން އެކުލަވައިލާ ރަތް ލިސްޓުން ގައުމެއް އުނި ކުރަން ބޭނުންވާ ނަތީޖާ ހޯދާށެވެ.

ރާއްޖެއިން މިހާރު އަންނަނީ އެ ޓެސްޓު ހެދުމުގެ މަސައްކަތް ކުރަމުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖެ އަށް އެންމެ ގިނަ އިން ފަތުރުވެރިން އަންނަ އެއް ގައުމު ކަމަށްވާ އިނގިރޭސި ވިލާތު ރަތް ލިސްޓަށް ރާއްޖެ އިތުރުކޮށްފައިވަނީ މެއި މަހުގައެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން "ރަތް ލިސްޓު" ގައި ނެތް ހަމައެކަނި ގައުމަކީ ބޫޓާނެވެ.

އިނގިރޭސި ވިލާތުގެ ސަރުކާރުން މި ފަހަރުގެ "ޓްރެފިކް ލައިޓް ސިސްޓަމް ރިވިއު" އާއްމުކޮށްފައެވެ. ރަތް ލިސްޓަށް ހަތަރު ގައުމެއް އިތުރުކޮށްފައިވާ އިރު ހަތް ގައުމެއް ވަނީ ގްރީން ލިސްޓަށް އިތުރުކޮށްފައެވެ. އެ ގައުމުތަކަކީ އޮސްޓްރިއާ، ޖަރުމަނު ވިލާތް، ސްލޮވޭނިއާ، ސްލޮވާކިއާ، ލެޓްވިއާ އަދި ރޮމޭނިއާގެ އިތުރުން ނޯވޭއެވެ.

ޔޫކޭގެ ޓްރެވެލް އެކްސްޕާޓުން ކުރިން ލަފާކުރި ގޮތުގައި މި ފަހަރުގެ ރަތް ލިސްޓުން ރާއްޖެ އުނިވާނެއެވެ.

ގްރީން ލިސްޓަށް ރާއްޖެ އިތުރުވެއްޖެ ނަމަ ފައްސި ވެފައިވާ މިހަކާއެކު ދަތުރުނުކުރާހާ ހިނދަކު ކަރަންޓީނު ވާން ނުޖެހޭނެއެވެ. ނަމަވެސް އިނގިރޭސި ވިލާތަށް އެތެރެވުމުގެ ދެ ދުވަސް ކުރިން ކޮވިޑަށް ޓެސްޓު ކުރަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސސ

    ބަޔަކު މީހުން ބުނާހާ ޓެސްޓެއް ހަދައިގެން އަޅުވެތިވާކަށެއް ނުޖެހޭ ތިހާވަރަށް، އިގިރޭސިން އުޅެނީ ފާޑުފާޑުގެ ނަން ކިޔާއިގެން ކުދި ޤައުމުތަށް އަޅުވެތިކުރަން އަދިވެސް !

  2. ސަބަބު

    ތި ޓެސްޓު ނަހަދަނީ މިހާރު ރާއްޖޭގަ އުޅެނީ އިންޑިޔާ ކޮވިޑުކަން ހާމަކުރަން ޖެހޭނެތީވެ.

  3. ކާފަފ

    ތަންކޮޅެއް ކުރިން އިނގިރޭސިވިލާތުގަ ފުއްޕިޔަކަސް މިހާރު ހާލަތު ބަދަލުވެއްޖެކަން ޤަބޫލުކޮށްބަލަ. މިހާރުގެ ބޮޑުވަޒީރު ނޫޅޭ އެމްޑީޕީއަކާހެދިއެއް. މިހާރު މުޅިދުނިޔެއަށްވެސް ބާކީވެފައޮތް ވޭރިއެންޓެއްތީ.