ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުން ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާ މަސްބޯޓެއްގައި އޮތް ހާލު ދެރަ ބަލިމީހަކު އެމްއެންޑީއެފް ނޮދަން އޭރިއާގެ އެހީތެރިކަމާއެކު ހދ.ކުޅުދުފުއްޓަށް ގެންގޮސްދީފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ސްރީލަންކާގެ ކޯސްޓްގާޑުން މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އާއި ހިއްސާކޮށްފަައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ 15:25 ހާއިރުއެވެ.

މި ބަލިމީހާ ނެގުމަށްޓަކައި ހދ.މަކުނުދޫ ސީ އެމްބިއުލާންސްގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ފުރާފައިވަނީ ރޭ 20:15 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ. މި ބަލިމީހާ ސީ އެމްބިއުލާންސްއަށް ނަގާފައި ވަނީ، ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ހުއްދައާ އެކު އެ ބޯޓް ހދ.މަކުނުދޫގެ ހުޅަނގު އުތުރުން 15 މޭލަށް ކައިރިކުރުމުންނެވެ.

ސްރީލަންކާގެ ރައްޔިތެއްކަމަށްވާ އުމުރުން 52 އަހަރުގެ މި މީހާ ވަނީ ރޭ 23:50 ހާއިރު ހދ.ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސްދީފައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ބަލި މީހާގެ ހާލަތާއި ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.