ވަޒީފާއާބެހޭ ޤާނޫނުގެ 53 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ބިދޭސީ މުވައްޒަފުންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާނުކުރުމުން ކުރާ ޖޫރިމަނާ ފައިސާ، ވަޒީފާ ދޭ ފަރާތުގެ އަތުން ނަގަން ފަށާނެ ތާރީޚް އަނެއްކާވެސް ފަސްކޮށްފިއެވެ.

މުސާރައާބެހޭ ކަންކަން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ތަންފީޛުކުރުމާބެހޭ ގަވާއިދަށް އިކޮނަމިކް މިނިސްޓްރީ އިން އިއްޔެ ގެނެސްފައިވާ އިސްލާހެއްގައި ވިދާޅުވެފައި ވަނީ ބޭންކް އެކައުންޓަށް ބިދޭސީންގެ މުސާރަ ޖަމާނުކުރާ ފަރާތްތައް ޖޫރިމަނާ ކުރަން ފަށާނީ 2019 ވަނަ އަހަރު ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

މީގެ ކުރިން ވެސް މިޤަވައިދަށް ވަނީ ތިން ފަހަރެއްގެ މަތިން އިސްލާހު ގެނެސް، ބޭންކް އެކައުންޓަށް ބިދޭސީންގެ މުސާރަ ޖަމާނުކުރާ ފަރާތްތައް ޖޫރިމަނާ ކުރާ ތާރީޚް ފަސްކޮށްފައެވެ.

މުސާރައާބެހޭ ކަންކަން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ތަންފީޛުކުރުމާބެހޭ ގަވާއިދު ބުނާ ގޮތުން ބިދޭސީންގެ މުވައްޒަފުންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާނުކުރާނަމަ ވަޒީފާ ދޭ ފަރާތް ދިހަ ހާސް ރުފިޔާ އާއި ބައިލައްކަ ރުފިޔާ އާއި ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އިކޮނަމިކް މިނިސްޓްރީ އަށް ނުވަތަ އެމިނިސްޓްރީ އިން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީތަކާއި ބެހޭ ޤަވައިދުގައި ބުނެފައިވާ ކަންތައްތައް ކުރަން މަޖުބޫރުކޮށްފައިވާ ތާރީޚް ވެސް އިއްޔެ ވަނީ ފަސްކޮށްފައެވެ. މިހާރު ހަމަޖައްސާފައި ވަނީ ޤަވައިދުގައި ބަޔާންކޮށްފައިވާ ކަންތައްތައް 01 ޖަނަވަރީ 2019 ގެ ކުރިން އޭޖެންސީތަކުން އިސްލާހު ކުރަން ޖެހޭނެ ކަމަށެވެ.