ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމުގައި، ފާސިގުންގެ ހެކި ބަސް ނެގުމުގެ ބަހުސެއް ދައުލަތުގެ ވަކީލުންނާއި ދިފާއީ ވަކީލުންގެ މެދުގައި ހިނގައިފިއެވެ.

ޔާމީންގެ މައްޗަށް މި ދެ ދައުވާ އުފުލީ، ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީ ކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކޮށްފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައެއްގައެވެ.

މީގެ ކުރިން ވެސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާގައި ވެސް އެމަނިކުފާނާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް އިއުތިރާފް ވެފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކި ބަސް ނަގައިފައެވެ. އޭރު ވެސް އެއީ "ފާސިގުން" ކަމުގައި ސިފަ ކުރައްވައި ހެކި ބަސް ނުނެގޭނެ ކަމަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރެއްވިއެވެ.

މިއަދުގެ އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ ދައުލަތުގެ ފަރާތުންނާއި ޔާމީންގެ ފަރާތްޕުޅުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅުއްވަން ބޭނުންވާ ހުށަހެޅުންތަކަށް ފުރުސަތު ދެއްވުމާއި ހެކި ހާމަ ކުރުމާ ގުޅޭ ގޮތުން ބޭނުންވާ ހުށަހެޅުއްވުންތައް ހުށަހެޅުއްވުމެވެ.

ޔާމީނާ ފަރާތްޕުޅުން ހުށަހެޅުއްވީ އެމަނިކުފާނާ ދެކޮޅަށް ހުށަހަޅުއްވާފައިވާ ޝަފައީ ހެކިތަކާއި ކިތާބީ ހެކިތަކުގެ ތެރެއިން ގިނަ ހެކިތައް ނަގަން ބަލައިނުގަތުމަށެވެ.

މި ގޮތުން އަދީބާއި ޒިޔަތުގެ ހެކި ބަސް ނުނަގާ ގޮތަށް ނިންމުމަށް ޔާމީންގެ ފަރާތުން ހުށަހެޅުއްވިއެވެ. ސަބަބެއްގެ ގޮތުގައި ދިފާއީ ވަކީލުން ފާހަގަ ކުރެއްވީ ވެސް އެއީ މި ކުށަށް އިއުތިރާާފް ވެފައި ތިއްބެވި ދެ ބޭފުޅުންނަށް ވާތީ އިސްލާމީ ޝަރީއަތުގައިވާ ގޮތުން "ފާސިގުންގެ" ހެކި ބަސް ބަލައިނުގަނެވޭތީއެވެ.

މި ކަމާ ގުޅިގެން ދައުލަތުން ރައްދުގައި ވިދާޅުވީ ހެކިންގެ ތެރޭގައި ހިމެނޭ އަދީބާއި ޒިޔަތު މި ކަމުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް އިއުތިރާފްވެފައިވާ ބައެއް ކަމަށެވެ. އެ ކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ވެސް އެ ދެ ބޭފުޅުންނަށް ކަމަށްވާ އިރު އެ ހެކިންގެ ހެކި ބަސް ބަލައިގަންނަން ޖެހޭނެ ކަމަށް ދައުލަތުން ފާހަގަކުރެއްވިއެވެ.

ކުށެއްގައި ބައިވެރިވި ކަން އިއުތިރާފްވެ ކުށުގައި ހިމެނޭ ބައިވެރިން ކިޔައިދިނުމުން އޭގެ މައްޗަށް މައްސަލަ ހިންގުމަކީ ރާއްޖެ އާއި ދުނިޔޭގައި ވެސް އަމަލު ކުރާ އާ އުސޫލެއް ނޫން ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ގާނޫނުލް އުގޫބާތުގެ 1170 ވަނަ މާއްދާއާ ހަވާލާދީ ވަކީލް ވިދާޅުވީ، ކުށްވެރިޔާ ކުށެއް ކުރުމަށް ފަހު، އެއަށް އިއުތިރާފްވެ އޭނައާއެކު ހިމެނޭ ބައިވެރިން ހޯދައިދޭން ދައުލަތަށް އެކަށީގެންވާ އެއްބާރުލުން ދޭނަމަ އޭނައާއެކު ކުށުގެ އިއުތިރާފް އެއްބަސްވުމެއް އެކުލަވާލެވޭނެ ކަމަށެވެ.

މިފަދަ މާލީ މުއާމަލާތްތަކުގައި މަނީ ލޯންޑަ ކުރި ކަން ސާބިތު ކުރެވެން އަންނާނީ ހެކިންގެ ހެކި ބަހުންނާއި، ކިތާބީ ހެކިތަކުގައިވާ މައުލޫމާތުތަކާ ހުރި ގުޅުންތައް ވަޒަން ކޮށްގެން އެކަނި ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. ނޫން ނަމަ، މިފަދަ އެއްވެސް މައްސަލައެއް ކުރިއަށް ނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތުގެ ފަރާތުން ދެއްކެވި އެ ވާހަކަތަކަށް ރައްދު ދެއްވަން ދިފާއީ ވަކީލުން އަނެއްކާ ވެސް އެދިވަޑައިގަތެވެ. އެކަމަކު އަބަދުވެސް ރައްދު ދެއްވަން ދޫކޮށްލައިފިނަމަ އެ ކަމުގައި ނިމުމެއް ނެތް ކަމަށް ވިދާޅުވެ ދައުލަތުން އެ ކަމަށް އިއުތިރާޒް ކުރެއްވިއެވެ.

މައްސަލަ ބައްލަވާ ގާޒީ ޝަކީލް ވެސް ވިދާޅުވީ ދައުލަތުގެ ހުށަހެޅުންތަކަށް ދިފާއުން އެއް ފަހަރު އަނގަ ބަހުން ރައްދު ދެއްވިއިރު، ދިފާއުގެ ހުށަހެޅުންތަކަށް ދައުލަތުން އެއް އަހަރު އަނގަ ބަހުން ރައްދު ދެއްވާފައިވާ ކަމަށެވެ. އެ ކަން އިތުރަށް ގެންދަވަން ނުފެންނަ ކަމަށް ވިދާޅުވިއެވެ.

މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ހެކި ބަސް ހާމަ ކުރުމާއި ސިއްރު ކުރުމާއި ބަލައިގަތުމާ ގުޅޭ ގޮތުން ދެ ފަރާތުން ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުންތަކަށް އޮންނަ އޮކްޓޯބަރު މަހުގެ ހަތަރުވަަނަ ދުވަހު ބާއްވާ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ޙާދައަވަހޭ

  2. ތޯތާ

    ތިވަރަށް ދެރަކަމެއް އެއީ މިސަރުކާރުގެ ހެކިންގެ އޮފީހުގެ ލީޑަރު އާއި ޑެޕިއުޓި ލީޑަރު ސަރުކާރުގެ ހެކިވެރި ންވެޓީމު އެމީހުން ބޭނުންކޮށްގެން މައްސަލަތައް ސާބިތު ކުރަން ފަސޭހަވާނެ

  3. ޚާލިދު

    ކުއްވެރިޔެއްގެ ހެކިބަހައް އަމލުކުރުމަކީ އެކަމުގެސަބަބުން އޭގެގެއްލުން އެތައްބަޔަކައް ފޯރާނެކަމެއް އަދީބުއާއި ޒިޔަތަކީ އަމިއްލައައް އިއުތިރާފުވެފަވާދެމީހުން އެމީހުންގެ ބޭނުމަކައްވާނީ ދެންހުރިމީހާވެސް ބައްދާލުން