ކ. ރަސްފަރީ ފަރަށް މިދިޔަ ބުރާސްފަތި ދުވަހު ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ ކާގޯ އުފުލާ ބޯޓެއް އުރުނީ މި ބޯޓު ކާށިދޫ ކަނޑުގެ ދެކުނުން އިންޖީނު ފެއިލްވުމުގެ ސަބަބުން ޑްރިފްޓްވެގެން ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް އޮތީރިޓީން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ އޯގަސްޓް 19 ވަނަ ދުވަހުގެ ރޭ ފަތިހު 3:00 ހާއިރު މާލެއަތޮޅު ރަސްފަރީ ފަރަށް ބޯޓެއް އަރާފައިވާ ހާދިސާއާއި ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީއާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި އުޅަނދުގެ ވެރިފަރާތާއި ގުޅިގެން މި އުޅަނދު ސެލްވޭޖުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ.

މި އުޅަނދަކީ އިންޑިޔާގެ ޓުޓުކޮރިންގ ބަދަރުން ފުރައިގެން އެފްރިކާ ބައްރަށް ދަތުރުކުރުމަށްޓަކައި އިނޮސެންޓް ޕެސޭޖުގެ ގޮތުގައި ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރަމުންދިއަ ބޯޓެކެވެ. މި ބޯޓުގައި އެއްވެސް ކާގޯއެއް ނެތެވެ.

މި އުޅަނދު ފަރަށް އެރުމާއި ގުޅިގެން ކޯސްޓްގާޑާއި، އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީއާއި، ކަސްޓަމްސް ސަރވިސްއާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއާއި، މޯލްޑިވްސް އިމިގްރޭޝަންއާއި ޕޯޓް ހެލްތާއި އަދި މި އުޅަނދުގެ ލޯކަލް އެޖެންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތުން ދަނީ ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ އިއުލާނުގައި ވިދާޅުވެފައި ވެއެވެ.

އަދި މިހާތަނަށް ބެލިބެލުމުން މި އުޅަނދުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެ އެއްވެސް އެއްޗެއް ކަނޑަށް ބޭރުވެފައި ނުވާކަމަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މައުލޫމާތު ދެއްވާ ގޮތުގައި މި ބޯޓުގައި ބޯޓު ދުއްވުމަށް ބޭނުންކުރުމަށް ހުރި 1200 ޓަނުގެ ލޯސަލްފާ އައި.އެފް.އޯ އަދި 80 ޓަނުގެ ލޯސަލްފާ މެރިންގ ގޭސް އެބަހުރި ކަމަށެވެ. އަދި ކަނޑަށް ތެޔޮ ބޭރު ނުވާނެގޮތަށް ކަންކަން ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އުޅަނދުގެ ވެރިފަރާތަށް މިހާރު ޓްރާންސްޕޯޓް އޮތޯރިޓިން ވަނީ އަންގާފައެވެ.

އުޅަނދު ފުން ކުރުމަށްޓަކައި ސެލްވޭޖު އޮޕަރޭޝަން ހިންގުމަށް ކުރަންޖެހޭ މަސައްކަތް ބޯޓުގެ ވެރިފަރާތުން ގެންދަނީ ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން ކުރަމުން ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ވިދާޅުވިއެވެ.

އިންޑިއާ އިން ފުރައިގެން ސައުތު އެފްރިކާ އަަށް ދަތުރުކުރަނިކޮށް ބޯޓު ފަރަށް އެރިއިރު ބޯޓުގައި ތިބީ ފިލިޕީންސްގެ 19 މީހެކެވެ. ފަރަށް އަރާފައި ވަނީ 623 ފޫޓު ހުންނަ ބޯޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހްމަދު

    ބަލަގަ ތިސަރަހައްދުގެ ފަރަބޮޑެތި ގެއްލުންވާނެ. ހަބަރު ލިޔާމީހުން ވިނުންހުންނަނީ ދޮގުވާހަކަ ފަތުރަން.

  2. ޖުނތ

    މިހާ އަވަހަށް ވާހަކަ ބަދަލުވީ!

  3. ާއަލީ

    ކޮބާ ކައްޓި

  4. ާއަލީ

    ކޮބާ ކައްޓިި.

  5. ހުސޭނުބޭ

    އިންޖީނު ފޭލިވީމާ އޮޔާ ލައްކާނީ. ދުއްވާފައި ގޮސް ފަރަށް އަރާނީކީ ނޫން! ވަރަށް މޮޅު ދޮގެއް ތިއޮތީ ހަދާފައި!