ކުރިއަށް ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

މިއަދު ހެނދުނު އިންތިހާބާ ގުޅޭ މައި މަރުކަޒުގެ ގޮތުގައި ބޭނުންކުރާ ބާޖަމާލުއްދީންގައި ބޭއްވި ރަސްމިޔާތުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އެވެ. މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ކުރިއަށް ރިޔާސީ އިންތިހާބާ ގުޅުންހުރި ކަންކަމުގައި ސަލާމަތާއި އަދި ވޯޓް ފޮށިތަކުގެ ރައްކާތެރިކަން ޔަގީން ކުރަން ކުރަންޖެހޭ މަސައްކަތްތައް ފުލުހުން މި އެއްބަސްވުމުގެ ދަަށުން ކުރަމުން ގެންދާނެ ކަމަށެެވެ.

" ވޯޓްލާ މަރުކަޒުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި، ވޯޓް ފޮށިތަކާއި، ވޯޓް ކަރުދާސް ތަންތަނަށް ގެންދިއުމުގައި ފުލުހުން އެހީތެރިވުމާއި، ކޮމިޝަނަށް ބޭނުންވާ ބައެއް ލޮޖިސްޓިކް ކަންކަން ކުރިއަށް ގެންގޮސްދިނުމުގައި ފުލުހުން އެހީވާނެ " ޝަރީފު ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް

ޝަރީފު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ގައި ބާއްވަން ނިންމާފައިވާ ގޮތަށް އެއްވެސް ފަސްކުރުމެއް ނެތި އެ ތާރީހުގައި ބާއްވާނެ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ އިންތިހާބުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އާންމު ރައްޔިތުންގެ އެހީތެރިކަމާ އެއްބާރުލުން ފުލުހުން ބޭނުންވާ ކަމަށެެވެ.

"މި އިންތިހާބުގެ ސަލާމަތީ ކަންކަމުގައި އިލެކްޝަންސް ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ފުލުހުންނަށް އޮތް ޒިންމާއެއް , އެގޮތުން ސަލާމަތީ ކަންކަން ޔަގީންކުރުމަށް ފުލުހުން ކުރަންޖެހޭ ކަންކަން މިއެއްބަސްވުމުގެ ދަށުން ކުރާނެ " ނަވާޒު ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް

ނަވާޒް ވިދާޅުވީ .އިންތިހާބާ ގުޅިގެން ހިނގާފާނެ ކަމަކަށް ފުލުހުން ދުރާލާ ތައްޔާރުވެ ތިބޭނެ ކަމަށެވެ. އަދި އިންތިހާބަކީ ވަރަށް އަމާން އޮމާންކަމާއެކު ކުރިއަށް ގެންގޮސް ނިންމާލެވޭނެ އިންތިހާބަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އިންތިހާބު ބޭއްވުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާ ކުރަމުންނެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ޖަމިއްޔާތަކާ އެކު ވެސް އަންނަނީ ބައްދަލުވުންތައް ބާއްވަމުންނެވެ.