އިންޑިޔާގެ ހިލޭ އެހީގެ ދަށުން މާފަރުގައި ޤާއިމު ކުރި އައުޓް ޑޯ ޖިމް މިއަދު ހުޅުވައިފިއެވެ.

ޖިމް ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު މާފަރު ބަނދަރު ސަރަހައްދުގައި ބޭއްވިފައިވާއިރު، މި ޖިމް ހުޅުވައިދެއްވީ، މާފަރުގެ އިސް ރަށްވެހިންނާއި، ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް އެކުވެގެންނެވެ.

ޖިމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާފަރު ކައުންސިލްގެ ރައީސް މުޙައްމަދު އަދުނާން ވިދާޅުވީ، މާފަރު އައުޓް ޑޯ ޖިމްގެ ސަބަބުން ޞިއްޙީގޮތުން އެތައް ބަޔަކަށް ފައިދާތަކެއް ކުރާނެ ކަމަށާއި، ހުރިހާ އުމުރު ފުރައިގެ ބޭފުޅުންވެސް މި ޖިމްގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފުމަށް އެދޭ ކަމަށެވެ.

“މި ސަރުކާރުގެ ހަށިހެޔޮ ސިޔާސަތުގެ ދަށުން، އަދި އިންޑިޔާ ސަރުކާރުގެ އެހީތެރިކަމާއި އެކު ހުޅުވިގެން މި ދިޔަ ޖިމަކީ އަޅުގަނޑުމެންގެ މި މުޖުތަމަޢަށް ވަރަށް މުޙިއްމު ހަދިޔާއެއް. އެކަމަށްޓަކާ އިންޑިޔާގެ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ޖުމްލަކޮށް ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.” ކައުންސިލްގެ ރައީސް މުޙައްމަދު އަދުނާން ވިދާޅުވިއެވެ.

ޖިމް ހުޅުވުމުގެ ޝަރަފު ލިބުނު އެއް ފަރާތްކަމަށްވާ، ހަސަން ސިރާޖު (ތިއްތި) “ވަގުތު” އަށް މަޢުލޫމާތު ދެމުން ބުނީ، މާފަރުގައި މިފަދަ ޚިދުމަތެއް ފެށިގެން ދިއުމުން ވަރަށް އުފާކުރާ ކަމަށާއި، ހުރިހާ ފަރާތްތަކުންވެސް ޖިމްގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ މުޙިއްމު ކަމެއް ކަމަށެވެ.

މާފަރު އައުޓް ޑޯ ޖިމަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްތަކުގެ ތެރޭގައި ހިމެނޭ ޖިމެކެވެ.