މުވާސަލަތީ ވަސީލަތްތަކުން ދީނަށް ފުރައްސާރަ ކުރުން ހުއްޓުވުމުގެ މަގްސަދުގައި ކަމަށް ބުނެ އެ ޖިނާއީ ކުށް އިތުރަށް ތަފްސީލް ކުރާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުގެ ތަޅުމަށް ބަލައިގަންނަން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ އެ ބިލް ތަޅުމަށް ބަލައިގަންނަން ފާސްކުރީ 43 މެންބަރުންގެ ވޯޓުންނެވެ. ބިލް ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ނުދެއްވައެވެ.

މި ބިލު ތަޅުމަށް އިއްވުމާއި އިބްތިދާއީ ބަހުސްގެ މަރުހަލާ ފެށީ ވެސް މިއަދުގެ ޖަލްސާގައެވެ.

އެ ބިލަކީ މަޖިލީހުގެ މިދިޔަ ދައުރުގައި ސަރުކާރުގެ ފަރާތުން ހުށަހެޅި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަކަށް އާންމުންގެ ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް ބަންޑާރަ ނައިބުގެ އޮފީހުން ބަޔާނެއް ނެރެގެން ފޮނުވާނެ ކަމަށް އިއުލާން ކުރެވުނު ބިލެކެވެ.

އެ ގޮތުން، މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން އާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި، ބަހުން ނުވަތަ އަމަލުން، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއް ކަމުގައި ކަނޑައެޅިގެން ބަޔާންކުރުމަށް ބިލުގައިވެއެވެ.

މީގެ ކުރިން ހުށެހެޅި ބިލުގައި އޮތީ އިސްލާމް ދީނާ ޚިލާފަށް އުޅޭ ކަމުގެ ތުހުމަތު މީހަކަށް ކުރުމަތީ ޖިނާއީ ކުށެއް ކަމަށް ކަނޑައެޅުމަށެވެ. އާންމު ތަނެއްގައި މުސްލިމަކާ ދިމާއަށް ކާފަރަށް ގޮވުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅަން ވެސް އެ ބިލުގައި ހިމަނާފައި އޮތެވެ.

ހިސާން ކުރިން ހުށަހެޅުއްވި ބިލު އޮތް ގޮތުން ދީނީ ނަސޭހަތް ދިނުމަށް ހުރަސް އެޅިގެންދާނެ ކަމުގެ ކަންބޮޑުވުން އުފެދި، ދީނީ އިލްމުވެރިންނާއި އާންމުންގެ ފާޑުކިއުންތައް އިންތިހާއަށް އަމާޒުވިއެވެ.

އެ ބިލު ދިރާސާކޮށް ޖުޑިޝަރީ ކޮމިޓިން ތަޅުމަށް ފޮނުވި އިރު ވެސް ބިލު އޮތް ގޮތާއި މެދު އެމްޑީޕީގެ ބައެއް މެންބަރުންގެ ތެރޭގައި ވެސް ހިތްހަމަނުޖެހުން އޮތުމުން، ބިލު ވަނީ އިތުރަށް އިސްލާހު ކުރަން ކޮމިޓީއަށް އަނބުރާ ފޮނުވާލާފައެވެ. އެ ގޮތަށް ނިންމީ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ.

ހިސާން ވިދާޅުވާ ގޮތުން ނަމަ، މި ދެ ބިލުގެ ވެސް އޮތީ އެއް މަގްސަދެކެވެ. އެއީ ދީނުގެ ނަމުގައި އުފައްދާ ފިތުނަތައް ހުއްޓުވުމާއި، ދިވެހިންގެ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމެވެ.

"އޭގެ ބޭނުމަކީ އެފަދަ ކަންކަމުގެ ސަބަބުން އުފެދޭ ފިތުނަތަކުން ދުރުވުން. އަޅުގަނޑުމެންގެ ދީނީ އެއްބައިވަންތަކަމަށް ލޮޅުން ނޭރުން. އެ ބިލާއި މި ބިލުގެ މަގްސަދަކީ ވެސް އިސްލާމް ދީނުގައި މި ފަދަ ކަންކަމަށް ކަނޑައަޅާފައިވާ ރިވެތި އުސޫލުތައް ރާއްޖޭގައި ތަންފީޒު ކުރުން." ހިސާން ވިދާޅުވިއެވެ.

ދެ ބިލު ވެސް މިހާރު މި އޮތީ ޖުޑިޝަރީ ކޮމިޓީގައި ދިރާސާ ކުރުމުގެ މަރުހަލާގައެވެ. ކުރީގެ ބިލު ދިރާސާ ކުރިއިރު، އިލްމުވެރިންނާއި ކަމާ ގުޅޭ މުއައްސަސާތަކުގެ އިސް ބޭފުޅުންނާ ބައްދަލު ކުރުމެއް ނެތި ގެންދިޔައިރު، ފުޅާ ދާއިރާއެއްގައި އާންމުންގެ ޚިޔާލު ހޯދާފައެއް ވެސް ނުވެއެވެ.

ހަމައެކަނި ކުރި ކަމަކީ އިސްލާމިކް މިނިސްޓްރީއާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ޚިޔާލު ލިޔުމަކުން ހޯދުމާއި، ލިޔުމަކުން ޚިޔާލު ހުށަހަޅަން އާންމުންނަށް ފުރުސަތު ހުޅުވާލުމެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސާރާ

    ދީނަށް އިޚްލާޞްތެރި ކޮންމެ މީހަކަށް ވެސް މިހާރު އެނގޭ މިބިލްތަކަކީ ލަންޑަނުގައި ހުރި ބޭފުޅަކު ވިދާޅުވެގެން ދީނަށް ވަފާތެރި އެންމެން މަޅި އަޅުވަން ޖަހާ ސަކަރާތެއްކަން. މިއީ ހިސާން ގެ ކަމެއް ކަމަކަށް އެކަކުވެސް ޤަބޫލު ކުރާކަމަކަށް ބުނާތީ މިހާރު ނުއިވެއެވެ.

  2. ޥާދޫ

    މުވާސަލާތީ ވަސީލަތް ތަކުން ދީނަށް ހަޖޫ ޖަހާނަމަ ތިކަން ހިމަނަން ޖެހޭނީ މީޑިއާޢާއި ގުޅުން ހުރި ބިލެއްގައި ހެން ހީވަނީ ކުރާކަމެއް ރަނގަޅަށް ކުރަން ފެންނަނީ

  3. އަބްދޫ

    މުވާސަލި ވަސީލަތުން ނޫނަސް އިސްލާމްދީނަށާ ކރަސުލާ އަށާއި ކީރިތި ގުރްއާނަށް ފުރައްސާރަ ކުރުމަކީ އެންމެ ބޮޑެތި ކުށްތަކުގެތެރޭ ހިމެނޭ ކުށެއް .އެފަދަމީހާ ހުންނާނީ ދީނުންބޭރުވެ ކާފަރަކަށް ވެފާކަމަށް ތައުބާ ސޫރަތުގާ ﷲ ވަހީކުރައްވާފައިވޭ، އެފަދަމިހާއަށް ވެސް ތައުބާވެ އަލުން އިސްލާމްދީނަށް ވަނުމުގެ ފުރުސަތު ދެވޭވެ. އެފުރުސަތުގަ ތައުބާވެ މުސްލިމެއްގެ ސަރަފް ލިބިގެން ދާނެ. އަލުން ތައުބާވެ މުސްލިމަކަށް ވާން ދެކޮޅުހަދައިފި މީހާއަށް ގަތުލު ވާޖިބު ކުރައްވާފައިވޭ. އެއީ އިންސާނީ ހައގެކޭ ކިޔައިގެން ވާހަކަދައކާ މީހުނަށް ބުނެލަން އޮތީ ކޮންމެ މީހަކަށް ވެސް ލިބެންވާ ހައްގު ކަނޑައެޅުއްވީ މާތްﷲ .މާތްﷲ ކަނޑައެޅުއްވި ހައގުން ބޭރު ވެގެންފި މީހާއަކަށް ހައގެއްނޯންނާނެ. އެމީހާއަށް ދެން އޮނނާނީ އިސްލާމްދީނުން ބޭރުވެ މުރުތައްދުވާމީހާއަށް މާތްﷲ ކަނޑައަޅުއަވާފައިވާ ހައްދު ގާއިމްކުރުން.

  4. ޤަލަމްގެ

    އެހެން ނޫނަސް މުވާދސަލާތީ ވަސީލަތެއްބޭނުންކޮއްގެން އިސްލާމްދީނައް ހަޖޫޖަހާމީހާއައް ފިޔަވަޅެއްނާޅާނެ އޭރުންކިޔާނީ މިނިވަންކަމެ އަދިއެއީވެސް

  5. ކޮރަލް

    މިކަމަށް ބިލެއް ބޭނުމެއް ނުވެ އެވެ. ކަން ކުރަންވާ ގޮތް އިސްލާމް ދީނުގަ އެބަ އޮތެވެ.

  6. ނުރަބޯ

    ފުރައްސާރައެއް ނު ހުއްޓޭނެ އެމީ ހުންވެސް ނު ހޯދޭނެ އެކަމު ހަރުކަށީންތައް ހޯދޭނެ ވަރަށް ފަސޭ ހައިން އެއީ ފާޅުގަ ހަރުކަށިކަން ދައްކާތީ

  7. ފޭރާން

    ދީނަށް ހަޖޫޖެހި އެމްޑީޕީގެ ލާދީނީ ބައިގަނޑު ހައްޔަރުކުރޭ! މީނެ ބްރާންޗާ ! މިގައުމުގެ ދީނާއި ސިޔާދަތަށް އަރާނުގަނެ ޖެއްސުންނުކޮށް

  8. އަހުމަދު

    މުވާސަލާތީ ވަސީލަތަކުން ދީނަށް ހަޖޫ ޖެހުން އެއީ ކުރިންވެސް ކުށެއް. އިސްލާހެއް ގެންނަކަމައް ހަދައިގެން މިއުޅެނީ ލާދީނީ ބިލު ފާސް ކުރަން ބަހަނާ ދައްކަން. ލާދީނީ ބިލު ބޭރު ކުރޭ