އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި ލ. ގަމު ދާއިރާގެ ރައީސް ކަމަށް އެ ޕާޓީގެ ޓިކެޓުގައި އިކޮނޮމިކް މިނިސްޓަރުކަަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ފައްޔާޒް އިސްމާއިލް ވާދަކުރައްވަން ނިންމަވައިފިއެވެ.

މިނިސްޓަރު ފައްޔާޒް ވަނީ މިއަދު އެ ދާއިރާއަށް ވާދަކުރައްވާ ކަން ހާމަކޮށް ކެމްޕެއިން ފައްޓަވައިފައެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ބާއްވަން ކުރިން ނިންމާފައި އޮތީ، މެއި 29 ގައެވެ. އެކަމަކު ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނިރުބަވެރި ހަމަލައާ ގުޅިގެން އިންތިހާބު ވަނީ ސެޕްޓެމްބަރު މަހަށް ފަސްކޮށްފައެވެ.

ރާއްޖޭގައި އެންމެ މެންބަރުން ގިނަ ޕާޓީ އަދި މިހާރު ވެރިކަން ކުރާ ކޯލިޝަންގެ ވެސް މައި ޕާޓީ ކަމުގައިވާ އެމްޑީޕީގެ އެންމެ އިސް ގުނަވަން، އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިޚާބު މަހެއްހާ ދުވަސް ތެރޭ ބާއްވަން އުޅޭއިރު ޕާޓީގެ އެތެރޭގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

ފައްޔާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ އެންމެ ނުފޫޒުގަދަ ވަޒީރެވެ. އޭނާ މަގާމުން ދުރުކުރަން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ފެއްޓެވުމުން ރައީސް ސޯލިހް ވަނީ ފައްޔާޒަށް އިތުބާރު ކުރައްވާ ކަމަށް މީޑިއާގައި ވެސް ވިދާޅުވެފައެވެ.

ނަޝީދާއި މިނިސްޓަރ ފައްޔާޒްގެ ގުޅުން އަބަދުވެސް ވަރަށް ގޯހެވެ. ނަޝީދު ވަނީ ފައްޔާޒު އުޅުއްވަނީ "ބްރޯ ހެދިގެން" ކަމަށް ވިދާޅުވެ ފައްޔާޒް މަގާމުން ދުރުކުރަން ވެސް ނަޝީދު މަސައްކަތް ކުރެއްވިއެވެ. ފައްޔާޒްގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ނަޝީދު ބައެއް މެންބަރުންގެ ސޮއި ވެސް ހޯއްދެވިއެވެ. އެކަމަކު އެ މަސައްކަތް މިހާރު އޮތީ ހުއްޓިފައެވެ.

ނަޝީދު ގެންދަވަނީ 2023 ގެ ރިޔާސީ އިންތިޚާބުގެ ކުރިން ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލު ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ.

މިފަދަ ގިނަ މައްސަލަތަކުގައި އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް ސޯލިހްއާއި ނަޝީދުއާ ޚިޔާލު ތަފާތެވެ. ސިޔާސީ ގޮތުން އެކުގައި މަސައްކަތް ނުކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވެފައި ވެސް ވެއެވެ.

އެމްޑީޕީ ދެ ބައިވެގެން ގޮސްފައިވާއިރު، ފައްޔާޒްއަކީ ރައީސް ސޯލިހްގެ ފެކްޝަންގެ ބޭފުޅެކެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވަން ތައްޔާރީތައް ވަމުންދާއިރު، ރައީސް ސޯލިހާއި، ނަޝީދާ ދެމެދު ހިޔާލުތަފާތުވުން ބޮޑުވެ ޕާޓީގެ ތެރޭގައި ވަނީ ދެ ފެކްޝަނެއް އުފެދިފައެވެ. އެހެންވެ މި އިންތިޚާބުގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގާދިރު

    ރަށުތެރޭން ކޮންމެސް އެހެން ކަމަކާ އުޅެންވީނު

    3
    2
  2. ާައަހުމަދު

    ނުކެރޭދޯ މާލެއަށް ކުރިމަތިލާކަށް.

  3. ލ.ގަމުން

    ފައްޔާޒު އިސްމާޢީލު ހީކުރަނީ، ލ.ގަމު ދާއިރާގެ ރައްޔިތުންނަކީ، ބޮލު ރޮދި ކެނޑި، މަދު މަންފާއަކަށް ނަފުސު ވިއްކާލާނޭ ބައެއް ކަމަށް ހެއްޔެވެ. ފައްޔާޒު އިސްމާޢީލު ދައުލަތުގެ ލާރި ލޯނުގެ ގޮތުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެންދީ، އެ ލިބުނު ބަޔަކު ތިކަމާ ހޭބޯ ނާރާ އުޅޭތަން ފެނިގެން އެއީ ވަރަށް ބައިވަރުކަމަށް ހީކުރެވުނަސް، ތިކަމެއް ނުވާނެ. އެކަމަކު ފައްޔާޒުވެސް، އަދި އެދުންތައް ބޮލަށް ލައިގެން އުޅޭ ބައިގަނޑަށް ރީތި ނަތީޖާއެއް ވޯޓުން ދައްކާލަ ދޭނަން. އިންޝާ ﷲ