އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ކޮމިޝަނަރުގެ މަގާމަށް އަހްމަދު އާހިދު ރަޝީދު އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާ ބެހޭ ކޮމެޓީން ފާސްކޮށްފިއެވެ.

އައިކޮމްއަށް އާހިދު އައްޔަން ކުރަން ކޮމެޓީން ފާސްކޮށްފައި ވަނީ، އެ މަގާމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުވި ބޭފުޅުންނާއި އިންޓަވިއު ކުރުމަށް ފަހުއެވެ.

އައިކޮމްއަށް އައްޔަން ކުރަން ފޮނުވި ނަންތައް

1. ޝިހާމް މުހައްމަދު ވަހީދު، ދަފްތަރު 5345
2. އަހްމަދު އާހިދު ރަޝީދު، ހ. ގުރުވަ
3. އަޒްލީމާ އަހްމަދު، ދަފްތަރު 341
4. މަރިޔަމް އަލީން، ގ. ދާސްތާން

އެ މަގާމަށް އާހިދު އައްޔަން ކުރަން ފާސްވީ ކޮމެޓީގެ 10 މެންބަރުންގެ އިއްތިފާގުންނެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ފިޔާޒް މޫސާ އިސްތިއުފާ ދެއްވުމުންނެވެ.

ފިޔާޒް މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހުގައެވެ. އެ މަގާމު ހުސްވުމުން މަގާމަށް ކުރިމަތިލާން ހުޅުވާލުމަށް ފަހު، ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ބައެއް ނަންތައް މީގެ ކުރިން ވެސް ރައީސް މަޖިލީހަށް ފޮނުއްވިއެވެ.

އެކަމަކު މަޖިލީހުގެ ކޮމިޓީގައި ނަންތައް ދިރާސާ ކުރުމުގެ މަރުހަލާގެ ތެރެއިން، ކޮމިޓީގެ އިސް ބޭފުޅުން ވަކި ނަމެއް ފާސްކުރަން އުޅުމުގެ ތުހުމަތާއެކު ކޯރަމް ހަމަވާ ގޮތެއް ނުވިއެވެ. ފަހުން ވަނީ އަނެއްކާ ވެސް އެ ފުރުސަތު ހުޅުވާލައި އަނެއްކާ ވެސް ނަންތައް ފޮނުވާ ގޮތަށް ނިންމައިފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން އޮންނަ އިޖުރާއަތަކީ އެ މަގާމަށް ކުރިމަތިލާ ބޭފުޅުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންތަައް ދިރާސާ ކުރުމަށް ފަހު، މަޖިލީހުގެ ރުހުން ލިބިދޭ ކޮންމެ ވެސް އެއް ފަރާތެއް އައްޔަން ކުރެއްވުމެވެ.