ނަފްރަތުގެ ކުށް މާނަކުރުމަށް ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށަހަޅާފައި އޮތް ބިލާއި ގުޅޭގޮތުން އިސްލާމީ ޝަރީއާގެ އިލްމީ ބޭފުޅުންނާއި އެޓާނީ ޖެނެރަލް (އޭޖީ )ގެ އޮފީހުން މަޝްވަރާކޮށްފިއެވެ.

އޭޖީ އޮފީހުން ވިދާޅުވީ، ނަފްރަތުގެ އަމަލުތަކަކީ ކުށެއް ކަމަށް ކަނޑައެޅުމަށްޓަކައި ގާނޫނުލްއުގޫބާތަށް އިސްލާހްގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާގުޅޭ ގޮތުން ކަމާބެހޭ މިނިސްޓްރީތަކުގެ ވެރިންނާއި އިސްލާމީ ޝަރީއާގެ ދާއިރާގެ އިލްމީ ބޭފުޅުންނާ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އެގޮތުން މި ބައްދަލުވުމުގައި މަޖިލީހުގެ ޖުޑީޝަރީ ކޮމީޓީން ފާސްކުރައްވާފައިވާ ބިލުގެ ދެލިކޮޕީއާމެދު މަޝްވަރާކޮށް، އެ ބިލު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ގެނެވިދާނެ ބަދަލުތައް ބައްދަލުވުމުގެ ބައިވެރިން ހުށަހަޅާފައިވާ ކަަމަށް އެ އޮފީހުން ހާމަކޮށްފައި ވެއެވެ.

"މިއީ، ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައްދަލުވުންތަކެކެވެ". އޭޖީ އޮފީހުން ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ މި ބިލުގައި ވަނީ އިސްލާމްދީނާއި ހިލާފަށް އުޅޭ މީހަކާއި ދިމާއަށް އެއީ އިސްލާމްދީނާއި ހިލާފަށް އުޅޭ މީހެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާފައެވެ.

އެ ބިލަށް ގިނަބައެއްގެ ފާޑުކިޔުންތައްވެސް އަމާޒުވެފައި ވެއެވެ. އެގޮތުން އެ ބިލްގައި އާންމު ތަނެއްގައި އިސްލާމް ދީނާ ޚިލާފަށް އުޅޭ ކަމަށް ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް މީހަކާ ދިމާއަށް ބުނުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި އޮތުމާއި ގުޅިގެން އާންމުންނާއި އިލްމުވެރިންގެ ކަންބޮޑުވުންތައް އިންތިހާއަށް ބޮޑުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ތިބުނާ އިލްމީ ބޭފުޅުންނަކީ އެމްޑީއެން އާއި އުތެމާ އާއި ޓްރާންޕޭރެންސީ އާއި ޑިމޮކްރެޓިކް ނެޓް ވޯރކް ކިޔާ ލާދީނީ ބައިގަނޑުކަން ވަރައް ސާފް. ކަލޭމެންނަކީ ކޮންބައެއްކަން އަހަރެމެނައް ވަރައް ސާފް ކޮއް އެނގިއްޖެއް

  2. ސސ

    ފިތުނަ އުފައްދަން ހުށަހަޅައިގެން އުޅޭ ބިލެއް ތިޔައީ، ވަގަޚޖ ވައްކަން ކުރީމާ އެއީ ވަގެކޭ ރާބޮއިފިއްޔާ ބޮއިފިޔޭ ނުބުނެވޭނެތޯ ؟

  3. އަހުމަދު

    ތިޔައީ ސިޔާސީ ސްޓަންޓް. އިލްމުވެރިއަކާ މަޝްވަރާ ކުރިޔަސް، އެއްވެސް ރަނގަޅު ބަދަލެއް ނުގެންނާނެ. ނަމަކަށް ކުރާ ކަމެއް ތީ