ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް އެސެޓް ރިކަވަރީގެ ރިޔާސީ ކޮމިޝަނުން ހިންގާފައިވާ ތަހުގީގު ގެންދިޔައީ ގޯސްކޮށް ކަމަށް ރައީސް އޮފީހުން އެ ކޮމިޝަނަށް އެންގި އެންގުމަކީ ކޮމިޝަންތަކުގެ ގާނޫނާއި ޚިލާފަށް ކުރި ކަމެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ލަންކާ މީހެއްގެ ހެކިބަސް ނަގަން އެ ކޮމިޝަނުން ލަންކާގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް އަމަލު ކުރީ ގާނޫނުތަކާއި ހިލާފަށް ކަމަށް ވިދާޅުވެ މަހްލޫފްގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ސިޓީއެއް ވެސް ފޮނުއްވިއެވެ.

އާންމު އުސޫލުތަކުގެ ދަށުން ޖިނާއީ މައްސަލަތަކާއި ގުޅިގެން ބޭރު މީހެއްގެ ބަޔާން ނަގަން ޖެހިއްޖެ ހާލަތެއްގައި ބަޔާން ނެގުމުގެ ކަންކަން އިންތިޒާމު ކުރާނީ އެ މީހެއް ހުރި ގައުމެއްގެ ސަރުކާރެއްގައި ގާނޫނީ އެހީތެރިކަމަށް އެދި ހުށައަޅާ ހުށަހެޅުމެއް ފޮނުވައިގެންނެވެ.

ރިޔާސީ ކޮމިޝަނަށް ރައީސް އޮފީހުން އަންގާފައި އޮތީ ވެސް އެ ގައުމަކަށް ފޮނުވަން ޖެހޭ މިއުޗުއަލް ލީގަލް އެސިސްޓެންސް ރިކުއެސްޓް ފޮނުވާފައި ނުވާތީ އެ ކޮމިޝަންގެ ތަހުގީގު ހިންގީ ގާނޫނުތަކާއި ޚިލާފަށް ކަމަށެވެ.

މި ޚަބަރު ޓްވިޓާގައި ޚިއްސާ ކުރައްވަމުން ގާނޫނީ ވަކީލު ދިޔާނާ ވިދާޅުވީ، އެ ކަމަކީ މަސްލަހަތު ފުށު އެރުމުގެ ގާނޫނާއި ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގެ 10 ވަނަ މާއްދާގެ ރޫޚާ ޚިލާފު ކަމެއް ކަމަށެވެ. "ތަހުގީގީ މަރުހަލާތަކަށް އަތް ބާނައި މިސްރާބު ކިލަނބު ކުރަން ސަރުކާރުން ހުއްޓާލަން ޖެހޭ،" ދިޔާނާ ލިޔުއްވާފައިވެއެވެ.

ރައީސް ސޯލިހް އުފައްްދަވާފައިވާ މިފަދަ ކޮމިޝަންތަކަށް ގާނޫނީ ބާރުވެރިކަން ދިނުމުގެ ގޮތުން އެކުލާވާފައިވާ ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގައި އޮންނަ ގޮތުން، އެ ކޮމިޝަންތަކުގެ ތަހުގީގުތަކުގެ ފަހުގެ މައުލޫމާތުތައް ގަވާއިދުން ރައީސްއަށް ޚިއްސާ ކުރައްވަން ޖެހޭނެއެވެ.

އެހެން ވިޔަސް ކޮމިޝަންގެ ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ، ކޮމިޝަން އުފައްދަވަން އެކުލަވާލާ ރައީސްގެ ރިޔާސީ ގަރާރުގައި ބަޔާން ކޮށްފައި ނުވާހާ ހިނދަކު، ކޮމިޝަނަށް ހަވާލު ކުރެވޭ މައްސަލަތައް ބަލާނީ އެ ކޮމިޝަނަކުން ކަމަށެވެ.

މަހްލޫފްގެ މައްޗަށް ދައުވާ އުފުލަން ޕްރޮސެކިޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި ފަހުން އެ އޮފީހުގައި މައްސަލަ ބާއްވައިގެން އުޅޭތާ މިހާރު ދެ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މަހްލޫފް ގެންދަވަނީ އެކަމާ ވެސް ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

މަހްލޫފް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާއާއި އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދުގެ މައްޗަށް ވެސް އެކި ތުހުމަތުތައް އަމާޒު ކުރައްވައިފައެވެ.

"ވަގުތު ހަވާސް" ނަމުގައި ކުރިއަށް ގެންދިޔަ ކްލަބް ހައުސް ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން މަހްލޫފް ވިދާޅުވެފައިވަނ، ވަކި ގޮތަކަށް މައްސަލަ ގެންދަން ދައްކަވާފައިވާ ވާހަކަތަކުގެ ޗެޓް ލޮގްތަކެއް ވެސް އޭނާގެ އަތުގައި އެބަހުރި ކަމަށެވެ.