ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ އާދީއްތަ ދުވަހުން ފެށިގެން ބަދަލު ކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.

މިއަދު ސިވިލް ސަރވިސް ކޮމިޝަނުން ކުރެއްވި އިޢުލާނެއްގައި ބުނެފައިވަނީ، 2018 ޖުލައި 1 ވާ އާދިއްތަ ދުވަހުން ފެށިގެން ސިވިލް ސަރވިސް ކޮމިޝަނުގެ އޮފީސް ނުވަތަ އިދާރާ ހިނގަމުންދާނީ ކުރިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ހިނގަމުންގެންދިޔަ ހެންވޭރު މަޖީދީމަގުގައި ހުރި ޢިމާރާތުގައި ކަމަށެވެ. މީގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ ހިންގަމުން އައީ ވެލާނާ ބިލްޑިންގ ގެ 12 ވަނަ ފަންގިފިލާގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އާދީއްތަ ދުވަހުން ފެށިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ހިންގުމަށް ހަމަޖެހިފައިވަނީ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ ހިންގަމުންއައި ވެލާނާގޭގެ 12 ވަނަ ފަންގިފިލާގައެވެ. ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ އެ އޮފީހުގެ ރަސްމީ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވެލާނާގެއަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، ވެލާނާގެއަކީ ސަރުކާރުގެ މުހިންމު ގިނަ މުއައްސަސާތަކެއްގެ އިދާރާތަށް ހިންގަމުން އަންނަ އޮފީސް އިމާރާތެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހާކިމާ

    ތިޔާ އުޅެނީ ހަމަ ލިޔެކިއުންތައް ނައްތާނުލެވިގެން.
    މަޖުބޫރު އުޒުރެއްނެތި ސަރުކާރު ބަދަލުވުމުގެ ވަގުތުގައި ތިކުރާ ކަންތައް ނުހުއްޓުވޭނަމަ އަންނަ ސަރުކާރުވެސް ޒިންމާ އުފުލަންޖެހޭނެ.