އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި 735 ކެންޑިޑޭޓުން ވާދަކުރާ ކަމަށާއި މިއީ އެ ޕާޓީގެ އެތެރޭގެ އިންތިޚާބަކަށް ލިބުނު އެންމެ ބޮޑު ބައިވެރިވުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އެންމެ މެންބަރުންގެ ގިނަ އަދި މިހާރު ވެރިކަން ކުރާ މައި ޕާޓީ ކަމުގައިވާ އެމްޑީޕީގެ އެންމެ އިސް ގުނަވަން، އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިޚާބު ބާއްވަން ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުގައެވެ.

މި އިންތިޚާބުގައި ވާދަކުރަން އެތައް ކެންޑިޑޭޓުންނެއް ކުރިމަތިލި އިރު ވާދަކުރުމުގެ ފުރުސަތު ވަނީ 735 ކެންޑިޑޭޓުންނަށް ލިބިފައެވެ. އެއީ ގައުމީ މަޖިލީހުގެ 455 މަގާމަކަށް ކުރިމަތިލި ކެންޑިޑޭޓުންނެވެ.

މި އިންތިޚާބުގައި 300 ވޯޓު ފޮށި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާއިރު އިންތިޚާބުގެ ކަންކަން ބަލަހައްޓަން 900 އޮފިޝަލުން ހޯދުމުގެ މަސައްކަތް އެމްޑީޕީގެ ސެކްރެޓޭރިއަޓުން ދަނީ ކުރަމުންނެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވޯޓުލުމަށް އާއްމުކޮށް ބޭނުންކުރަނީ ޕާޓީގެ ދަފްތަރެވެ. އެހެންކަމުން މި އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު 93،450 މީހުންނަށް ލިބިގެންވެއެވެ. އެއީ އެ ޕާޓީގައި އޮންނަ ޕާޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ އަދަދެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ، މީގެ ކުރިން އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައެއް ދާއިރާތަކުގެ މަގާމުތަކަށް ބޭފުޅަކު ކުރިމަތިލާފައި ނެތުމުން ބޭފުޅަކު ހޯދަން ވެސް މަސައްކަތް ކުރަން ޖެހިފައި އޮތް ކަމަށެވެ.

"އަޅުގަނޑުމެންގެ ލީޑާޝިޕުން ދާއިރާއަކަށް ވަޑައިގެން، ދާއިރާގެ ތިބި އާންމު މެންބަރުންނާ މަޝްވަރާ ކުރައްވައިގެން، އެ ދާއިރާގެ މަގާމަށް ބޭފުޅަކު ހަމަޖައްސާފައި ވެސް މިދިޔަ ފަހަރުތަކުގައި އެބަ ހުރި،" ހަސަން ލަތީފް ތަފްސީލް ކޮށްދެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ވެސް ކުރިމަތިވެފައިވަނިކޮށް 700 އެއްހާ ކެންޑިޑޭޓުން ކުރިމަތިލުމަކީ ބޮޑު ތަރުތީހެބެވެ. އަދި އެއިން އަންގައިދެނީ ޕާޓީގެ ހަރަކާތްތަކުގައި އާންމު މެންބަރުން ޝާމިލްވެ ބައިވެރިވާ މިންވަރު ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މި އިންތިޚާބު ކުރިއަށްދާއިރު އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ އިނގިރޭސިވިލާތުގައެވެ. ސިޔާސީ ހަރަކާތުގައި ނަޝީދު ގެންދަވާ ޖޯޝް މި އެތެރޭގެ އިންތިޚާބުން ފެނި ނުދާނެތީ އޭގެ ފަޅުކަން އިހްސާސް ވާނެ ކަމަށް ވެސް ހަސަން ލަތީފް މިއަދު ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސް ކަން ކުރެއްވި ނަޝީދުއާ ދެމެދު ޚިޔާލުތަފާތުވުންތައް ވެސް ބޮޑުވެފައިވެއެވެ. ދެ ލީޑަރުންގެ ވާދަބޮޑުވެފައިވާއިރު އެ ކަން ހައްލު ކުރަން ދެ ލީޑަރުންނާ މަޝްވަރާ ކުރައްވާ ކަމަށް ވެސް ހަސަން ލަތީފް މިއަދު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު

    އެމްޑީޕީގަ އޮންނާނީ ނަޝީދު ބުނި ގޮތެއް. ތި 735 މީހުންނަކީ އަސްލު އެއްވެސް ހައިސިއްޔަތެއް އޮތް ބައެއް ނޫން.
    ެެ

    7
    1
  2. ހަޖަމް

    ހަޖަމް ކުރޭ

  3. Anonymous

    ތި ނަންތައް ރަނގަޅަށް ބަލާލާއިރު މަރުވެފަ ތިބި މީހުންނާ ބޮންދުންނާ އެހެން ޕާޓީތަކުގެ މީހުން ހުންނާނީ. ލޮލް