ރަހީނުކޮށް ކުޑަ ފިރިހެން ކުއްޖަކު މަރާލައި މޫދަށް އެއްލާލާފައި އޮއްވައި ފެނުނު މައްސަލައިގައި ހައްޔަރުކުރި ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާންއަށް އެ ކުއްޖާ މަރާލި ތުހުމަތު ކުރާއިރު، އެ ދައުވާއިން ދިފާއުވާން ވަކީލެއް ބޭނުން ނުވާ ކަމަށް އޭނާ ބުނެފިއެވެ.

ޒިހާންގެ މައްޗަށް މަރުގެ ދައުވާއެއް ހިމެނޭ ގޮތަށް 13 ދައުވާއެއް ވަނީ ކޮށްފައެވެ.

އޭނާގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެ ނަމަ 100 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ޒިހާންގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި ޖިންސީ ގޯނާގެ ފަސް ދައުވާއެއް ވެސް ހިމެނެއެވެ.

މި ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފެށުނު އިރު، މިއަދު ކުރިއަށް ގެންދިޔައީ އޭނާގޭ ބަންދުގެ މުއްދަތު މުރާޖާ ކުރުމުގެ ބައެވެ.

ބަންދު މުރާޖައާ ކުރުމުގެ އަޑުއެހުމުގައި ޒިހާންގެ ފަރާތުން ޝަރީއަތުގައި ބުނީ، ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ ނުލާ ކަމަށެވެ. ދައުވާ ރައްދުވާ ފަރާތުން އެދުނު ގޮތަށް ބަންދު މުރާޖާ ކުރުމުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައި ވަނީ ވަކީލަކާ ނުލާއެވެ.

އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ޒިހާން ބަންދުގައި ބަހައްޓަން ކުރިންވެސް ނިންމާފައިވީއިރު މިއަދުގެ ބަންދު މުރާޖައާކުރުމުގެ އަޑުއެހުމުގައިވެސް ނިންމާފައިވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ.

އެއީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި އެކަށީގެން ވާ ވަރަށް ހެކި ލިބިފައިވުމުންނެވެ.

ކުޑަ ކުއްޖެއް ޝާމިލްވާ މައްސަލައަކަށް ވުމުން އެ ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި މި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ނިންމާފައިވަނީ ސިއްރުންނެވެ.

އުމުރުން 13 އަހަރުގެ ކުއްޖާ މަރާލި މައްސަލާގައި ހަތް ބާވަތުގެ ޖުމްލަ 13 ދައުވާ ކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާއެވެ. އަދި ޖިންސީ ގޯނާ ކުރުމުގެ 5 ދައުވާއެކެވެ. އޭގެ ތެރޭގައި ޖިންސީ ގޯނާ ކުރަން އެ ކުއްޖާ ގްރޫމްކޮށް މަސްތުވާތަކެތި ދިން ކަމުގެ ދައުވާ ހިމެނެއެވެ.

މާލޭގައި ދިރިއުޅެމުން އަންނަ 13 އަހަރުގެ ކުއްޖާ ގެއްލުނީ މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ. އެ ކުއްޖާ ނުފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ ޖެހިގެން އައި އާދީއްތަ ދުވަހުއެވެ. އެއާއެކު ފުލުހުން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި އެ ކުއްޖާ ވަނީ ރަހީނު ކޮށްފައެވެ. ފުލުހުން ކުރި މަސައްކަތުން އެ ކުއްޖާ ފެނުނުއިރު އޮތީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ މޫދުގައި ފޮއްޓަކަށް ލައި މަރާލައިފައެވެ.

މަރާލާފައިވާ އެކުއްޖާގެ ހަށިގަނޑު ފެނުނީ އާންމުންގެ މީހަކު، ހުޅުމާލެ ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެންނެވެ. އެމީހާ ރިޕޯޓުކޮށްފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އާންމުން ވަނުން މަނާ ސަރަހައްދުގައި ކުއްޖަކަށް އަނިޔާކޮށްފައިވާ ކަމަށް ބުނެއެވެ.

މި މައްސަލައިގައި ޒިހާންއާ އެކު އެކަމުގައި ބައިވެރިވި 17 އަހަރުގެ ކުއްޖެއްވެސް ހައްޔަރުކޮށްފައިވެއެވެ.

ޒިހާންއަކީ މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ. ދާދި ފަހުން މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ޒިހާން ޖަލުން ދޫކޮށްލީ ތަންފީޒު ކުރަމުން ދިޔަ ހުކުމް ފުރިހަމަވުމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. Anonymous

  މިކަހަލަ ބޭކާރު ގާނުނު ހަދާ އެއައް އަމަލު ކޮއްފައިވަނީ ސަދޫމް އިން.

  9
  1
 2. ހުސެންދީ

  އަކީލެއް ބޭނުންވާނީ ހުކުން ކުރާދުވަހު. ދެން ހައި ކޯޓްގައި ބުނާނެ ދިފާއީ ވަކީލެއް ނުދިނޭ. ދެން ވަކީލެއް ހަމަ ނުޖެއްސާ އޮތުމުގެ ސަބަބުން ހައި ކޯޓުން ދޫކޮއްލާނެ، ބަލަ މީ ދިވެހިރާއްޖެ އޭ

  12
  1
 3. އަލީ

  މަރަށް މަރު ހިފަންވީ