ވައިގެ މަގުން ރާއްޖެއިން ބޭރު ކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަތަކެއް އަނެއްކާވެސް އަތުލައިގެންފިއެވެ.

މި ތަކެތި މިފަހަރުވެސް އަތުލައިގެންފައި ވަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުންނެވެ.

ކަސްޓަމްސް އިން ވިދާޅުވީ، 14 ފޮއްޓެއްގައި ހުރި ޖުމުލަ 243 ކިލޯގެ މިޔަރު އުރަހަ މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓާފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ވިދާޅުވީ މިކަން ކޮށްފައިވަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ދިން މައުލޫމާތަކަށް ބެލުމަށް ފަހު ކަމަށެވެ.

“ހިފަހައްޓާފައިވާ މިޔަރު އުރަހަތައް ހުރީ ލޮނުކޮށްފައިވާ މަސް ކަމަށް ބުނެ އޮޅުވުވާލައިފައިވާ ޝިޕްމެންޓެއްގައި ފޮރުވާފައި”.

ގަވާއިދާއި ހިލާފަށް މިޔަރު ހިފައި އޭގެ އުރަހަ ވިޔަފާރީގެ ގޮތުގައި ބޭނުންކުރަމުން ދެއެވެ. މީގެ ކުރިން އެފަދަ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައި ވެއެވެ.

މީގެ ކުރިން މި އަހަރުގެ ޖެނުއަރީ މަސް ތެރޭގައި ސިއްރުން މިޔަރު އުރަހަތަކެއް ރާއްޖެއިން ބޭރުކުރަން އުޅުނު މައްސަލައެއް ފެންމަތިވިއެވެ. އެފަހަރުވެސް އެއީ ރާއްޖޭން ބޭރަށް ފޮނުވަން އުޅުނު އެ މިޔަރު އުރަހަތަކެކެވެ. އެ އުރަހަތައްވެސް އަތުލައިގަނެފައި ވަނީ ވެލާނާ އެއާޕޯޓުންނެވެ. މި ތަކެތި އަތުލައިގަތީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި ކަސްޓަމްސް އާ ގުޅިގެންނެވެ. މި ތަކެތީގެ ބަރުދަނުގައި 429 ކިލޯ ހުއްޓެވެ.

21 ފޮށީގައި ބަންދުކޮށްފައި ހުރި މިޔަރު އުރަހަ ހުރީ ލޮނު މަސް ޝިޕްމެންޓެއްގެ ގޮތުގައި ކަމަށް ކަސްޓަމްސް އިން އެއިރު ވިދާޅުވިއެވެ.

އެ މައްސަލާގައި ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ވަނީ ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހަންމަދު

    ރޯޔަލް ޝިޕްމަންޓެއްތޯ؟ ނަން ހާމަނުކުރެވުނީ!

  2. ސެންޗޯ

    ރާއްޖޭގެ ކަނޑުތަކުގައި މިޔަރު ގިނަ ވެއްޖެނަމަ ކުދިރައްތަކާ ކަނޑުދަތުރުކުރާމީހުންތައްކައި ޖަޒީވަންތަކަން ގެއްލި ހިނގައިދާނެ ބުއްދިވެރި ގޮތަކީ ސަރުކާރުން ތިކަމަށް ހުދަ ދިނުން