ތ. ވޭމަންޑޫން ކޮވިޑް-19ގެ ގިނަ ވޭދަނަތައް ފެނި އެރަށް މޮނިޓަރިންގްގެ ހާލަތައް ގެނެސްފިއެވެ.

ވޭމަންޑޫ ކައުންސިލްގެ ރައީސް ރަޝްވާން އާދަމް "ވަގުތު" އަށް ވިދާޅުވީ އެރަށުން މީގެ ދެ ދުވަސް ކުރިން ކޮވިޑް ވޭދަނަތައް ފެނިފައިވާ ކަމަށެވެ.

ރަޝްވާން ވިދާޅުވީ ފުރަތަމަ ފައްސިވެފައިވަނީ ހޮސްޕިޓަލުގެ މުވައްޒަފެއް ކަމަށާއި، އޭގެ ފަހުން އަލާމާތްތައް ފެނިގެން ޓެސްޓް ކުރި މީހަކުވެސް ފައްސިވެފައިވާ ކަމަށެވެ. އަދި މީގެ އިތުރުން އެއް އާއިލާއެއްގެ ޙާ މީހަކު ފައްސިވެފައިވާކަން ފާހަގަ ކުރައްވައި ރަޝްވާން ވިދާޅުވީ މިހާތަނަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު އަށަަކަށް އަރާފައިވާއިރު އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހެއްްވެސް ހިމެނޭ ކަމަށެވެ.

ފައްސި ވޭދަނަތަކާއި ގުޅިގެން އެ މީހުންނާއި ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތްތައް ކުރަމުންދާއިރު، މިހާތަނަށް 25 ގެއެއް ކަރަންޓީނު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެރަށް މިއަދު ހަވީރު މޮނިޓަރިންގް ހާލަތައް ގެނެވިފައިވާ ކަމަށް ރަޝްވާން ވިދާޅުވިއެވެ.

އަތޮޅު ހޮސްޕިޓަލުން އާންމު ކޮށްފައިވާ މައުލޫމާތައް ބަލާއިރު، ފައްސިވީ އަށް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ގައިން ބަލީގެ އަލާމަތްތައް ފެންނަކަން ފާހަގަ ކޮށްލެވެއެވެ.

އެރަށުން މިހާތަނަށް 52 ސުންކު ނެގިފައިވާއިރު، އޭގެ ތެރެއިން 42 ސާމްޕަލެއް ނައްސިވެފައިވެއެވެ. އަދި ނަތީޖާ ނުލިބޭ ދެ ސުންކެއް ހުރިކަން ފާހަގަކޮށްފައި ވެއެވެ.

ކޮވިޑާއި ގުޅިގެން މިހާތަނަށް 17 ރަށެއް ވަނީ ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްމަޑޭ

    އެޗްޕީއޭއިން އަރަތެއްތަ ތިހަދަނީ އަޅެފަހެ؟ ކޮވިޑް ވޭދަނަތައް ފެންނަ އެއްބައި ރަށްރަށްތަ ބަންދުކުރަނީ؟ މިހާރުވެސް ކޮވިޑް ފައްސި ރަށްރަށް އެހެރީ މޮނިޓަރިންގއަށް ނުލާ. އަންނާނެ ބަޔަކު އަންނަން. ދާނެ ބަޔަކު ދާން.