ބޭންކުތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރާ މެމްބަރުންގެ ދައުރުގެ މުއްދަތު ކުޑަކުރަން ރާއްޖޭގެ ބޭންކިންއާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

މި އިސްލާހު އެ ގާނޫނަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލު އުސްމާނެވެ.

އެ އިސްލާހުގައި ބުނެފައިވަނީ ބޭންކުތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރާ މެމްބަރެއްގެ މެމްބަރުކަމުގެ މުއްދަތަކީ އޭނާ ބޯޑަށް އައްޔަނުކުރާ ދުވަހުން ފެށިގެން ތިން އަހަރު ދުވަސް ކަމަށެވެ. އަދި ދައުރު ހަމަވުމުން އެ މެމްބަރުން އިތުރު ތިން އަހަރުގެ އެއް ދައުރަށް އައްޔަން ކުރެވިދާނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

އެ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރާ މެމްބަރުންގެ ދައުރުގެ މުއްދަތަކީ ހަތަރު އަހަރު ދުވަހެވެ. އަދި ދައުރު ހަމަވުމުން އެ މެމްބަރުން އިތުރު ހަތަރު އަހަރަށްވުރެ، ދިގު ނޫން މުއްދަތަކަށް އައްޔަން ކުރެވިދާނެ ކަމަށް ގާނޫނުގައި މިހާރު ބުނެފައިވެއެވެ.

މީގެއިތުރުން ސަރުކާރުގެ ފަރާތުން ވަނީ އެ ގާނޫނަށް އިތުރު އިސްލާހެއް ވެސް ހުށަހަޅާފައެވެ. އެއީ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރާ މެމްބަރުންނަކީ އުމުރުން 25 އަހަރާއި 65 އަހަރާ ދެމެދުގެ އުމުރުގެ މީހަކަށް ވާންޖެހޭނެ ކަމަށް ބުނާ އިސްލާހެވެ. ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ބޯޑުގެ މެމްބަރުންނަށް ވެވޭނީ މަދުވެގެން 30 އަހަރާއި 70 އަހަރުގެ މީހުންނަށެވެ.

އަދި އުމުރުން 70 އަހަރަށްވުރެ މަތިވި ނަމަވެސް އެ މެމްބަރެއްގެ ހިދުމަތް ދެމިހުރި ގޮތެއްގައި ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެ މެމްބަރަކު ބޯޑުގައި ދެމިހުރެވޭނެ އެންމެ މަތީ އުމުރު ކަނޑައެޅިދާނެ ކަމަށް ވެސް އެ ގާނޫނުގައި މިހާރު ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު