ކްރޮސްރޯޑް މޯލްޑިވްސް ރިސޯޓު އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އާއްމުންނަށް ހުޅުވާލަން ނިންމައިފިއެވެ.

މާލެއިން ފުރައިގެން ލޯންޗެއްގައި 15 ވަރަކަށް މިނެޓް ތެރޭ ދެވޭ ކްރޮސްރޯޑުން ބުނީ، އާއްމުންނަށް އެތަން ހުޅުވާލާއިރު، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކަށް އަމަލު ކޮށް މީހުންގެ ރައްކާތެރިކަމަށް އެތަނަށްދާ މީހުން 72 ގަޑިއިރު ހަމަނުވާ ނައްސި ޕީސީއާރު ޓެސްޓެއް ގެންދަން ޖެހޭނެ ކަމަށެވެ.

އެތަނަށް ދާން ބޭނުންވާ އާއްމުންނަށް އެތަނަށް ދެވޭނީ ހެނދުނު 11:00 އިން ރޭގަނޑު 23:00 އާއި ދެތެރޭގެ ވަގުތުގައެވެ.

ގިނަ ބައެއްގެ މެދުގައި މަގުބޫލުކަމެއް ލިބުނު ކްރޮސްރޯޑްސް އާއްމުންނަށް ބަންދު ކޮށްފައިވަނީ ކޮވިޑް-19ގެ ބަލި މަޑު ކަމުގެ މިދިޔަ އަހަރުގެ ތެރޭގައެވެ.

ޖުމްލަ 9 ރަށެއް ހިމެނޭގޮތަށް ފަރުމާކޮށް، ތަރައްގީ ކުރަމުންދާ މި މަޝްރޫއުގައި ހުޅުވާފައިވަނީ ދެ ރިސޯޓެވެ. އެއީ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ދެ ރިސޯޓް ކަމަށް ވާ ހާޑް ރޮކް ހޮޓެލް އާއި ހިލްޓަންގެ ސައި މޯލްޑިވްސް ލެގޫން އެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަނީ ތައިލެންޑުގެ ސިން އެސޭޓް ކުންފުންޏާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއު ނިމޭއިރު މުޅި މަޝްރޫ އަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ހަރަދުވާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.