ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް އެމްޑީޕީގެ ހަރުގެ ބޭނުންކުރަމުންދާ މައްސަލައިގައި އައްޑޫ ފޭދު ދާއިރާގެ އެމްޑީޕީ މެންބަރު ރޮޒެއިނާ އާދަމްއާ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަަދު ވަހީދު (ވައްޑޭ) އާ ދެމެދު ޓްވިޓާގައި ބަހުގެ ހަމަލާތަކެއް ރައްދުކޮށްފިއެވެ.

ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާ އެ ހަރަކާތުގައި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ. މާލޭގައި އެ ހަރަކާތް ކުރިއަށް ގެންދަނީ ހެންވޭރުގައި ހުންނަ އެމްޑީޕީގެ ހަރުގޭގައެވެ.

އަތޮޅުތަކުގެ ރަށްރަށަށް ވެސް މި ޕެޓިޝަންގެ ދެލި ކޮޕީތައް ފޮނުވައިގެން ސޮއި ގިނަ ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، މި ޕެޓިޝަންގެ ހަރަކާތްތައް ގެންދިއުމުގައި އެ ރަށްރަށުގައި ހުރި އެމްޑީޕީގެ ހަރުގެތަކާއި ޖަގަހަތައް ވެސް ދަނީ ބޭނުން ކުރަމުންނެވެ.

ދާދި ފަހުން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާ ބަރުލަމާނީ ޕެޓިޝަންގައި ސޮއިކުރަނީ އެމްޑީޕީން އިސްނަގައިގެން ނޫން ކަމަށެވެ. އަދި އެއީ ޕާޓީގެ އެއްވެސް ގުނަވަނަކުން ފާސްކޮށްފައިވާ ކަމެއް ނޫން ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން އެހެން ވިދާޅުވި އާޓީކަލެއް ޓްވިޓާގައި ޝެއާކުރައްވާ ރޮޒެއިނާ ވިދާޅުވީ ބައެއް މީހުންނަށް އެކަން އޮޅޭގޮތް ވަނީ އަމިއްލަ ކަމެއްގައި ބައިވެރިވާން އެމްޑީޕީގެ ރަސްމީ ޓްވީޓާ އެކައުންޓުން އަންގާތީ ކަމަށެވެ.

"އެކަން ސާފުކޮށަދެއްވީތީ ޗެއާޕާސަނަށް ޝުކުރިއްޔާ" ރޮޒެއިނާ ވިދާޅުވިއެވެ.

އެ ވާހަކަަތަކަށް ރައްދު ދެއްވަމުން ބަރުލަމާނީގެ ދިފާއުކުރައްވާ ވައްޑެ ވިދާޅުވީ އެމްޑީޕީގެ ހަރުގެ ހިންގާ ގޮތާއި ރޮޒެއިނާ ކުރިން އުޅުއްވި ޑީއާރްޕީ ހަރުގެ ހިންގާ ގޮތާއި ވަރަށް ތަފާތުވާނެ ކަމަށެވެ.

"ޑީއާރްޕީ ހަރުގެ ސިނަމާލެ ދެ އެޕާޓްމެންޓް އެއްކޮށްގެން ރޮޒޭމެން ހިންގެވި ގޮތާއި ވަރަށް ތަފާތުވާނެ. އެމްޑީޕީ ހަރުގެއަކީ އާއްމު މެންބަރުންގެ ހަރަކާތްތަކަށް ހަދާފައި ހުންނަ ތަނެއް" ވައްޑެގެ ޓްވީޓްގައި ވިދާޅުވިއެވެ.

އެއަށް ރައްދު ދެއްވައި ރޮޒެއިނާ ވިދާޅުވީ ކޮންމެ ކަމެއް ހިތުހުރި ގޮތަކަށް ކޮށްފަ ޑީއާރްޕީއޭ ބުނުމުން އެއޮތީ "ބޮޑުތަނުގައި" ޖެހިފައި ކަމަށެވެ. އެއީ މަޖާކަމެއް ކަމަށް ބުނެ ސަމާސާ ރާގަކަށް ރޮޒެއިނާ ވިދާޅުވީ "ދެން އެހެން ބުނާއިރަށް އަހަރުމެން މަޑުން ތިބެން؟ ނުވާނެ ތިކަމެއް. މަޖާ ކަމެއް މިއޮތީ" މިހެންނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ވެރިކަން ކުރުމުގެ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލައްވައިފައެވެ.

ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ގޮތުގައި، އެ ކަން ކުރިޔަސް ކުރަން ޖެހޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ.

ނަޝީދުގެ އަރިސް ބޭފުޅުން ބަރުލަމާނީ ނިޒާމުގެ ޕެޓިޝަންގެ މަސައްކަތް ގެންދަވާއިރު، ރައީސް ސޯލިހްގެ ފެކްޝަންގެ ބައެއް ބޭފުޅުން ގެންދަވަނީ ރިޔާސީ ނިޒާމުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.

އެނގިފައިވާ ގޮތުގައި އެމްޑީޕީގެ 65 މެންބަރުން މަޖިލީހުގައި ތިއްބަވާއިރު، އޭގެ ތެރެއިން ބަރުލަމާނީ ނިޒާމުގެ ޕެޓިޝަންގައި މިހާތަނަށް ސޮއިކުރައްވާފައިވަނީ އެންމެ 16 މެންބަރުންނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވެސް ހިމެނިވަޑައިގަންނަވައެވެ.