އައްޑޫސިޓީން އިތުރު 18 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑު ހޮސްޕިޓަލުން ބުނީ މިއަދު ހަވީރު 18:00 އާއި ހަމައަށް ފައްސިވެފައިވާ 18 ވޭދަނަތަކުގެ ތެރޭގައި ހިމެނެނީ ކުރިން ފައްސިވެފައިވާ މީހުންނާއި ގާތުން އެއްތާވެގެން ފައްސިވެފައިވާ 12 މީހަކާއި ފްލޫ ކްލިނިކަށް ދެއްކި ފަސް މީހެއްގެ އިތުރުން ވަކި ތަރުތީބެއްނެތި ނެގި އެއް ސުންކު ކަމަށެވެ.

މިއާއި އެކީ އައްޑޫގައި މިވަގުތު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 153 އަށް އަރާފައެވެ.

އައްޑޫގެ އަވަށްތަކަށް ބަލާއިރު، މިވަގުތު އެންމެ ގިނަ މީހަކު ފައްސިވެފައިތިބީ މަރަދޫގައެވެ. އެއަވަށުގައި ކޮވިޑް ޖެހިފައި ތިބި 71 މީހަކު ތިބިއިރު، މަރަދޫ ފޭދޫގައި 32، ފޭދޫގައި 19 އަދި ހިތަދޫގައި 29 ވޭދަނައިގެ އިތުރުން ހުޅުދޫގައި އެއް ވޭދަނަ އެބަ ތިއްބެވެ.

އައްޑޫން ބަލި ޖެހުނު މީހުންގެ ތެރެއިން ތިން މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ.

އައްޑޫސިޓީގައި ހަލުވި ކަމާއި އެކީ ކޮވިޑް ފެތުރެމުން އަންނާތީ އެސިޓީގެ ގުޅިފައިވާ ރަށްތައް މިވަގުތު ވަނީ ބަންދުކޮށްފައެވެ.