ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދުގެ ކޯލިޝަނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެެވެ.

ސައީދު މިފަދައިން ވިދާޅުވެފައިވަނީ "ޔާމީނަށް ހުކުމް ކުރި ސަބަބުން ގާޒީ ފާއިޒު ވިދާޅުވާ އޯޑިއޯ ވަގުތު އިން އާއްމު ކޮށްފި" ކަމަށް ބުނެ ހިއްސާ ކޮށްފައިވާ ހަބަރެއް ޓުވިޓު ކުރައްވައެވެ.

އެޓުވިޓުގައި ސައީދު ވިދާޅުވީ، ރައީސް ޔާމީނަށް ހުކުމް ކޮށްފައިވަނީ ރައީސް ނަޝީދު އާއި ރައީސް ސޯލިހް އަދި ކޯލިޝަންގެ ވެރިން ކަމަށެވެ. އަދި އެކަން ކުރި މަގުސަދު މިހާރު ހާމަވަމުން އަންނަ ކަމަށް ސައީދު ވިދާޅުވިއެވެ.

"ތާ އަބަދު އިންޑިއާ ކަނޑުވާކަށް ދިވެހިން ނުތިބޭނެ. ބާތިލު ހާލި ހަދައިގެން ހައްގު އުފަން ނުވާނެކަން ގަބޫލު ކުރުމަކީ ހުންހީއެއް" ސައީދު ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު، އެ ހުކުމް ކުރި ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ބައެއް ގާޒީންގެ އޯޑިއޯ މިހާރު ވަނީ ލީކުވެފައެވެ.

އޯޑިއޯ އަކީ ގާޒީ ހުސައިން ފާއިޒް ރަޝާދު އޭނާގެ ރަހުމަތްތެރިޔަކާއިއެކު ދެއްކި ވާހަކަތަކެއްކަން އޯޑިއޯ އިން އެނގެއެވެ. މި އޯޑިއޯގައި ގާޒީއެއްގެ ސުލޫކާ ގުޅުން ހުރި އެތައް ވާހަކައެއް ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވާ އަޑު އިވެއެވެ.

އެގޮތުން ޔާމީނަށް ހުކުމް ކުރި "ސަބަބު" ހާމަ ކުރަމުން އެ އޯޑިއޯގައި ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ، ޔާމީނަށް ހުކުމް ކޮށްފައިވަނީ "ގާޒީން ރަހީނުކޮށްގެން" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބްރާ

    މިރާއްޖޭގަ ޝަރުޢީ ހުކުމްތަށް ކުރަނީ ކޯލިޝަންތަކުންކަމެއް އަދި އެގިފައެއްނެތް! ޤާނޫނު ބުނަނީ އެކަން ކުރަންޖެހޭނީ ޝަރުޢީ ކޯޓުތަކުންކަން ! ކަލެއަށް އެހެންހީވަނީ ކަލޭމެންގެ ބާރު އޮތްއިރު ހުކުމްތަށް ކުރަނީ ދަންވަރު ކޯޓުތަށް ހުޅުވައިގެން ، ނޫނީ ފަޑިޔާރުންގެ ބޮލުގައި ބަޑިޖައްސައިގެން ކަމުގައި ވާތީ ކަންނޭގެ !

    1
    1