އިސްލާމް ދީނުގެ ނަމުގައި ހަރުކަށި ނިރުބަވެރި ފިކުރު ފަތުރައި އޭގެ ހަރަކާތްތައް ހިނގަމުންދާ ގޮތަށް ހޭލުންތެރިކޮށް އާންމުންނަށް ހަރުކަށި ފިކުރަކީ ކޮބައިކަން ބުނެދޭން ގައުމީ ފެންވަރުގައި ބޮޑު މަހާސިންތާއެއް ބާއްވަން ރާވައިފިއެވެ.

ސަރުކާރުން ބުނާ ގޮތުގައި ރާއްޖެއަށް ކުރިމަތިވެފައިވާ އިޖުމާއީ އެންމެ ބޮޑު އެއް މައްސަލައަކީ ދީނުގެ ނަމުގައި ހިނގަމުންދާ "އަނދިރި" ދެ ހަރަކާތެކެވެ. އެއް ހަރަކާތަކީ ދިވެހިންގެ ބަޔަކު "ކާފަރު" ކޮށް އެ މީހުނާ ދެކޮޅަށް އަޑީގައި ތިބެގެން ބަޔަކު ހިންގަމުންދާ ހަރުކަށި ނިރުބަވެރި ހަރަކާތެކެވެ. އަނެއް ހަރަކާތަކީ ރާއްޖެ "ލާދީނިއްޔަތު" ދައުލަތަކަށް ބަދަލު ކުރަން އިސްލާމް ދީނާ ދެކޮޅު ފިކުރުތަކެއް ފަތުރަމުންދާ ހަރަކާތެކެވެ.

މި ދެ ނުރައްކާތެރި ހަރަކާތާ ގުޅިގެން ބަޔެއްގެ މުދަލާއި ހަށިގަނޑާއި ފުރާނައަށް ނުރައްކާވާ ހާދިސާތައް ވެސް ހިންގާފައިވެއެވެ. ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި، ނޫސްވެރިޔާ އަހްމަދު ރިލްވާންއާއި، ބްލޮގަރު ޔާމީން ރަޝީދު މަރާލުމުގެ ފަހަތުގައި ވަނީ ހަރުކަށި ފިކުރުގެ ބަޔަކު ކަމަށް ތަހުގީގީ އިދާރާތަކުން ބުނެއެވެ.

އެންމެ ފަހުން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ނީލޯފަރު ހިނގުމާއި މަޖީދީ މަގު ދެމެދު ކަންމައްޗަށްވާ ގޮތަށް ގިނަ ބަޔަކު މަގުމަތީގައި ހިނގާބިނގާވެ ދުއްވާ އުޅެނިކޮށް ބޮމެއް ގޮއްވާލާފައިވެއެވެ. މި ހަމަލާއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އަމާޒުކޮށް ދިން ހަމަލާއެކެވެ. މި ހަމަލާގައި މީހެއްގެ ފުރާނަ ނުދިޔަ ނަމަވެސް މީގެ ފަހަތުގައި ވެސް ވަނީ ހަރުކަށި ފިކުރުގެ ބަޔަކު ކަމަށް ފުލުހުން ބުނެއެވެ.

ހަރުކަށި ފިކުރުގެ ނުރައްކާ ބޮޑުވެފައިވާއިރު ގައުމުގެ އަމަންއަމާން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އޮތް ދާޚިލީ ވުޒާރާގެ ވަޒީރު އައްޝައިޚް އިމްރާން އަބްދުﷲ "ވަގުތު" އަށް ދެއްވި ޚާއްސަ ބަސްދީގަތުމުގައި އިމްރާން ވިދާޅުވީ މި މައްސަލައަކީ މަދު ދުވަހަކުން ހައްލު ވާނެ މައްސަލައެއް ނޫން ކަމަށެވެ. އޭރެއްގެ ހާލަތަކާއި ގުޅިގެން ސިޔާސަތުތައް ބަދަލު ކުރަން ޖެހޭ ކަމާއި، އެ ކަމަށް "ސްޓްރެޓެޖިކް ޕްލޭން" އެއް ވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އިމްރާންގެ މިނިސްޓަރު ކަމުގެ ދަށުން މި މައްސަލާގައި ސިޔާސަތަށް ގެނައި އެންމެ ބޮޑު ބަދަލަކީ، އިމްރާން ފާހަގަ ކުރައްވާ ގޮތުގައި، ހަރުކަށި ފިކުރުގެ ހަރަކާތްތަކުގެ މައުލޫމާތު "ސިއްރު" ކުރުމުގެ ބަދަލުގައި ރައްޔިތުންނަށް އެ މައުލޫމާތު ހާމަ ކުރެވެން އޮތް ވަރަކަށް ހާމަ ކުރުން ކަމަށެވެ. އެ ކަން ރާއްޖޭގައި އޮތް ކަން އަންގައި، ގިނަގިނައިން އެ ވާހަކަ ދެއްކުން ކަން އިމްރާން ފާހަގަ ކުރެއްވިއެވެ.

"ހަރުކަށި ފިކުރުގެ މައްސަލާގައި ކުރިން އޮތް ސިޔާސަތަކީ އެ ވާހަކަ ނުދައްކައި ތަންކޮޅެއް ހިފަހައްޓާލައިގެން ތިބެގެން މިއަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރުން. އެކަމަކު އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނީ މި ވަރަށް މި ފިކުރު ފެތުރި ރައްޔިތުންނަށް ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ކަމެއް ވީމަ އެ ވާހަކަ ނުދައްކައި ތިބެވޭކަށް ނެތޭ." އިމްރާން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ "ވަގުތު" އަށް ދެއްވި ޚާއްސަ ބަސްދީގަތުމުގެ ތެރެއިން - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

އިމްރާން ވިދާޅުވި ގޮތުގައި، ސިޔާސަތަށް ގެނެވުނު އެ ބަދަލާއި ގުޅިގެން ނެރުވުނު ނަތީޖާ ވަަރަށް ކާމިޔާބެވެ. ރައްޔިތުން އިތުރަށް ހޭލުންތެރިވެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ބޮޑުވުމުގެ ސަބަބުން މިފަދަ ގިނަ ބަޔަކު ވެސް ދެނެގަނެވިފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. މި ގޮތުން އދ. ހިމަންދޫއާއި، ރ. މަޑުއްވަރީއާއި، ތ. ތިމަރަފުށިއާއި، އައްޑޫ ސިޓީ ފަދަ ބައެއް ރަށްރަށުގައި ހިންގުނު އޮޕަރޭޝަންތައް ހިންގިކަން ފާހަގަ ކުރެއްވިއެވެ.

"ރައްޔިތުންނަށް މި ކަންކަން އެންގުމުގެ ސަބަބުން ރައްޔިތުންގެ ފަރާތުން ވެސް އެ ކަމަށް ދޭން ޖެހޭ ސަމާލު ކަން ދެވި، މި ކަމުން އަރައިގަތުމަށް ޓަކައި ފުލުހުންނަށާއި ހޯމް މިނިސްޓްރީއަށް ދެއްވަން ޖެހޭ އެއްބާރުލުން ރައްޔިތުންގެ ފަރާތުން ވެސް ލިބެން ފެށި." އިމްރާން ވިދާޅުވިއެވެ.

އެހެން ވިޔަސް ހަރުކަށި ފިކުރު މާނަ ކުރުމުގައި އަދިވެސް ޚިޔާލު ތަފާތުވުންތައް ރައްޔިތުންގެ މެދުގައި އޮތުމުން މަސައްކަތަށް އަންނަ ހުރަސް އިމްރާން ފާހަގަ ކުރެއްވިއެވެ. މިހާރު ރައްޔިތުންގެ މެދުގައި އޮތް ހޭލުންތެރިކަން އިތުރު ކުރުމުގެ އިތުރުން، މި މައްސަލަ ހައްލު ކުރުމުގައި ކަމާ ބެހޭ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ވެސް ދެވެން އޮތް ވަރަކުން، މިހާރަށް ވުރެ އިތުރަށް ދޭން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވިސްނުމުގައި އެބަ އޮތް ގައުމީ ފެންވަރުގެ މަހާސިންތާއެއް މި ކަމުގައި ބާއްވަން، މި ޑިފައިންކޮށް އިންޓަލެކްޗުއަލް ލެވެލްއެއްގައި ވާހަކަ ދައްކައި، ހުރިހާ އެންމެނަށް ވެސް ގަބޫލު ކުރެވޭ ހައްލުތަކަކާ އެކު މި ކަމަށް މަސައްކަތް ކުރަން ވެގެން،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ދެން ފާހަގަ ކުރެއްވީ މީގެ ނުރައްކަލެވެ؛ އެއީ ކުރިން ކުށްވެރިން ކޮންމެ ވެސް ލެވެލްއެއްގައި އެ ކުރަނީ ކުށެއް ކަމަށް ގަބޫލު ކުރެވުނަސް، މިހާރު ކުށް ކުރުވާއިރު އެ މީހުންގެ ސިކުނޑިތަކަށް ވިސްނައި ދެވިފައި މި އޮންނަނީ އެއީ އޭނާގެ މައްޗަށް ދީނީ ގޮތުން ވާޖިބު ކަމެއް ކަމުގައެވެ. މަހާސިންތާއެއް ބާއްވައިގެން މި ނުރައްކާތެރި ފިކުރަށް ރައްޔިތުން ހޭލުންތެރިކުރަން ޖެހޭ ކަމަށް އިމްރާން ގަބޫލު ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އޮޅާލާ

    ކޮން ހަރުކަށި ފިކުރެއްތޭ ހަރުކަށި ފިކުރު އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ

  2. ރީތި މޫސަ

    ރާއްޖޭގަ އޮތް އެންމެބޮޑު ހަރުކަށި ފިކުރަކީ ލާދީނީފިކުރު އޭގެސަބަބުން އެހެނިހެން ކަންކަން ގޯސްވަމުން ދަނީ

    11
    1
  3. ބިންގޯ

    ހަރުކަށި ފިކުރު އުފެއްދީ ކާކުތޯ ބަލާބަލަ. އެކަން ހިނގާ ގޮތް ކިޔާދޭކަށް ކޮންމެހެން ނުޖެހޭ.

    14
  4. މާމީ

    ހަރުކަށި ފިކުރުގެ ބަފަޔައް އެގޭނެ ކިއާދޭން...

  5. ދިރާސާ

    ހަރުކަށި ފިކުރު އަދި ސާކިއުލާރ ފިކުރަކީ ވެސް ހުޅަނގުން އުފަން ކުރުވީ ދެފިކުރު އެމީހުން އަބަދުމެ އަބަދު އި ސްލާމްދީން ފުޅާވެ ކުރިއަރަމުން ދާތީ، އި ސްލާމްދީނަށް މީހުން ނުވަންނަގޮތް ހަދައި، އި ސްލާމިކު ސޮސ ސައިޓީ ތަކުގައި އުފަންވާ ޅަޖީލުތަކަށް އުފަންވާ ޅަޖީލުތަކަށް އި ސްލާމްދީނަކީ އަނިޔާވެރި ހައްދުފަހަނަ އެޅި އަމަލުތަކަށް ހިތްވަރު ދޭ މީހުން އުޅޭ ދީނެއް ކަމަށް ދައްކަން 1990ގެ ކުރީ ކޮޅުން ފެށިގެން ހުޅަނގުން މީހުން ތަމްރީނު ކޮށް އެކި ސަރައްދުތަކަށް މީހުން ފޮނުވީ.. ޢަދި އެމެރިކާ، ޖަރުމަނު ގެ ޖަލު ތަކުގައި މިހާރު ވެ ސ ހަރުކަށި ފިކުރަށް މީހުން ތަމްރީނު ކުރަމުންދާ،، ސާކިއުލާރ ފިކުރު ފަތުރާ ނީ ވަރަށް ފާޅުގައި، ޝޯޝަލް މީޑިޔާ ގެ ހުރިހާ ޕްލެޓްފޯރމްތަކަކީ ހުޅަނގުގެ ޖާ ސޫ ސީ އެއްޗެހި. އިންޓަރ ގްރާމް، ވައިބަރ، ފޭ ސްބުކު، ކާރޓޫނު މީ ޅަޖީލު ސެކިއުލަރިޒަމްއަށް ލެނބެންހުރި މަގުތައް.. ބައްލަވާ ދުނިޔޭގެ އެކިއެކި ސްކޯލާރ ގެ ދިރާ ސާތައް މިކަންކަމުގެ ހަގީގަތް.. އި ސްލާމީ ރިވެތި އު ސޫލަކީ މަޑުމައިތިރިކަން، ސުލްހަ.،ނަ ސޭހަތާއި، ތަރުބިއްޔަތު ، ތެދުވެރި ކަމާއި، އަމާނާތްތެރިކަން،، އިން ސާފުވެރުވުން

  6. Anonymous

    އަދިވެސް މީނަތަ ހަރުކަށިފިކުރު ކިޔާދޭން މިއުޅެނީ؟ ވެނެއް ވެނުގެ ނުބައި ވާހަކަ ދައްކާނެތަ؟