މާފުށީ ޖަލަށް މަނާ ތަކެތި ވައްްދަން މަސައްކަތްކުރި ތަކެތި ހިފަހައްޓައި މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސާއި މާފުށީ ފުލުހުންގެ އިތުރުން ކަރެކްޝަންސް އޮފިސަރުން ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި އެ މީހާ ހައްޔަރުކޮށްފައިވަނީ މާފުށީ އައްސޭރިފަށުން ކަމަށެވެ.

އެމީހާގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރޭގައި 50 ސްމާޓް ފޯނާއި، 42 ފީޗާ ފޯނާއި، 109 ފޯން ޗާޖަރު، 77 ޔޫއެސްސީ ކޭބަލާއި، 65 ހެޑްސެޓް، 61 ސިމްކާޑް އަދި ދެ ޕެކެޓްގެ ކަޓަރު ތިލަގެ އިތުރުން މިސްވާކް ހިމެނެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވީ ރޭގެ ވަގުތެއްގައި ލޯންޗެއްގައި އައިސް މާފުށީޖަލަށް ގިނައަދަދެއްގެ މަނާތަކެތި ވައްދަން އުޅޭ ކަމަށް ލިބުނު މައުލޫމަތަކާއި ގުޅިގެން، ފުލުހުންނާއި މާފުށި ޖަލުގެ އޮފިސަރުން ގުޅިގެން ހިންގި އޮޕަރޭޝަންގައި ވަނީ ގިނަ އަދަދެއްގެ މަނާތަކެތި އަތުލައި ގަނެފައިވާ ކަމަށެވެ.

ޖަލުތަކަށް އެންމެ ގިނައިން އެތެރުކުރަނީ ފޯނެވެ. ދާދި ފަހުން މާފުށި ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި 43 ފޯނު ވަނީ އަތުލައިގަނެފައެވެ. ޖަަލަށް މަސްތުވާތަކެތި އެތެރުކުރާ އަދަދުވެސް ވަނީ އިތުރުވެފައެވެ.

އެމްސީއެސްއިން ޝާއިއުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސްދުވަސް ތެރޭގައި ގާތްގަނޑަކަށް ބައި ކިލޯގެ މަސްތުވާތަކެތި އެކި އެކި އޮޕަރޭޝަންތަކުން ވަނީ އަތުލައިގަނެފައެވެ.

ޖަލުތަކަށް މަސްތުވާތަކެތި ވަންނަ ގޮތްތައް އިތުރަށް ދިރާސާކުރެވެމުންދާއިރު، ދިވެހިރާއްޖޭގައި ޖަލުތައް ހަދާފައިވާ ގޮތުން، ޖަލުތަކުގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމުގައި ބައެއް އަސާސީ ސިފަތަކާއި ކަންތައްތައް ނެތުމުން ދަތިތަކާކުރިމަތިލާންޖެހޭކަމަށާއި އެގޮތުން ޖަލުތަކުގެ ވަށާފާރު ނެތުމާއި ބޭނުންވާ ބައެއް ޒަމާނީ އާލާތްތައް ނެތްކަން ކަރެކްޝަނުން ވަނީ މީގެ ކުރިން ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އަޅެ ފަހެ ތިއީ ހިންގާ ބޮޑު ވިޔަފާރިއެއްތަ؟ އެކެއްގެ އަތުން 50 ސްމާޓް ފޯނު! މާލޭގެ ފިހާރައެއްގައިވެސް ހީނުވޭ ތިވަރަށް ސްމާޓްފޯނު ހުންނާނެހެނެއް!

    7
    1
  2. ޒާ

    ކަނޑު ހުރަސް ނުކޮށް އަދި މާފުއްޓަށް އެއްވެސް އެއްޗެއް އެތެރެއެއް ނުކުރެވޭނެ.