ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އަކީ އަސްކަރިއްޔާގައި އޮންނަ ފަދަ ހަރުކަށި އުސޫލުތައް ގެންގުޅޭ މުއައްސަސާއެއް ނޫން ކަމަށާއި އެ އޮފީހުގެ ފުރިހަމަ ކޮންޓްރޯލް އެބައޮތް ކަމަށް ޕީޖީ ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީގައި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް ކުރެއްވި ސުވާލެއްގެ ޖަވާބުގައި ޝަމީމް ވިދާޅުވީ މިލިޓަރީގައި އޮންނަ ފަދަ ކޮންޓްރޯލެއް ޕީޖީގައި ގެންގުޅުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ. އަދި އެއީ މަދަނީ މުއައްސަސާއެއް ހިންގޭނެ ގޮތެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ގާނޫނާ ހިލާފު އެއްވެސް ކަމެއް ޕީޖީ އޮފީހުގައި ހިނގާ ނަމަ އެފަދަ ކަންކަން ސަމާލުކަމަށް އަންނާނެ ގޮތަށް ނިޒާމްތައް ބައްޓަން ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގާނޫނާ ހިލާފުވާ ނަމަ ކޮންޓްރޯލްކުރަން ޖެހޭނެ ކަމެއް ބަލަން ޖެހޭނެ" ޝަމީމް ވިދާޅުވިއެވެ.

ކޮމިޓީއަށް ޕީޖީ ދެއްވި ޔަގީންކަމަކީ އެ އޮފީހުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނެ ކަމެވެ.

"އަޅުގަނޑުގެ ފުރިހަމަ ކޮންޓްރޯލް ޕީޖީ އޮފިހުގާއި އޮންނާނެ" ޝަމީމް ވިދާޅުވިއެވެ.

ޕީޖީ އޮފިހަށް ހުށަހަޅާ މައްސަލަތަކާއި ގުޅިގެން އެއްވެސް ބަޔަކާއި ޒާތީ އެއްވެސް މައްސަލައެއް އޮންނާނެތޯ ކޮމިޓީން ސުވާލުކުރުމުން ޝަމީމް ވިދާޅުވީ ދައުވާ ލިބޭ މީހަކާ ބެހޭ ގޮތުންވެސް، ދައުވާކުރާ މީހަކާ ގުޅޭ ގޮތުން ނުވަތަ އެއިން އެއްވެސް މީހެއްގެ އާއިލާއާ ބެހޭ ގޮތުންވެސް ޕީޖީގެ މުވައްޒަފެއްގެ ހިތްހަމަނުޖެހުމެއް ނެތް ކަމަށެވެ. އަދި އެފަދަ ކަމަކަށް ޖާގައެއް ނުދެއްވާނެކަމުގެ ޔަގީންކަން ޕީޖީ ވަނީ ދެއްވާފައެވެ.

ޝަމީމް ވިދާޅުވީ މަގާމާއި ހަވާލުވެވަޑައިގެންވިއިރު ޕީޖީ އޮފީހުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ތަފާތު އެކި ގޮތުގެ މަތިން ލިޔެވިފައިވާ ކަމަށެވެ. ނަމަވެސް ހުރިހާ އުސޫލެއް އެއްކޮށް "ޕްރޮސެކިއުޓާ މެނުއަލްއެއް" ތަންފީޒު ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.

އޭގައި ހިމަނާފައިވަނީ ޕްރޮސެކިއުޓަރުން މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ މައުލޫމާތެވެ.

"ވަކި ވަކި ބާވަތުގެ ކަންތައް ކުރާނެ އުސޫލުތައް ލިޔެވިފައި ހުންނާނެ. މެމޯތައް ލިޔެވިފައި ހުންނާނެ. 25 އެސްއޯޕީއެއް ލިޔެވިފައިވާނެ" ޝަމީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފަންސުރު

    އިތުބާރުއޮތް މީހެއްނޫން ތިޔައީ، ދޮގުހެދުމުގައި އަރާހުނއނެވި ބޭފުޅެއް

  2. Anonymous

    ވިކިފަ.

  3. Anonymous

    ޝަމީމު އިތުރުވާހަކަނުދައްކާ އިސްތިއުފާދީ

  4. ދުރުމި

    މަކަރުވެރި ރޭވުންތައް ރާވާމީހެއް.

  5. ތުއްތޭ

    ޕީޖީން ކުރަނީ ހަރުކަށި އަމުރުތައް އިންސާފެއްނެތް