މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ފަންޑުކުރާ ގޮތަކަށް ހަ ސްކޯލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސްކޯލާޝިޕްގައި ކިޔެވުމުގެ ފުުރުސަތު ހުޅުވާލާފައިވަނީ ރާއްޖެ، ދެކުނު އޭޝިޔާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށެވެ. ރާއްޖޭގައި ކިޔަވަން ފުރުސަތު ހުޅުވާލާފައިވަނީ ހަމައެކަނީ އޭސީސީއޭ ކޯހަށެވެ. ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށްވެސް އެބައޮތެވެ.

ކޯސްތަކުގެ ތަފްސީލު

1. ޑިގްރީ އިން މެރިޓައިމް އެންޑް ލޮޖިސްޓިކްސް (ބެޗްލާސް)

2. އޭސީސީއޭ (ދެ ފުރުސަތު)

3. ޑިގްރީ އިން މެރިޓައިމް އޮޕަރޭޝަންސް

މި ތިން ކޯހަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަ ޖެހޭ ޝަރުތުތަކުގެ ތެރޭގައި ޖީސީއީ އޯ ލެވެލް އިމްތިހާނުގެ މަދުވެގެން ފަސް މާއްދާއިން 'ސީ'އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ހިމެނެއެވެ.

އެ މާއްދާތަކުގެ ތެރޭގައި ހިސާބު އަދި އިގިރޭސި ހިމެނެންވާނެއެވެ. އަދި އޭ ލެވެލް އިމްތިހާނުގެ މަދުވެގެން ދެ މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުމުގެ އިތުރުން އުމުރުން 25 އަހަރު ފުރިފައި ނުވުން ހިމެނެއެވެ.

4. ޑިގްރީ އިން އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް

5. ޑިގްރީ އިން ނޭވަލް އާރކިޓެކްޗާ

މި ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަ ޖެހޭ ޝަރުތުތަކުގެ ތެރޭގައި އޯލެވެލް އިމްތިޙާނުގެ މަދުވެގެން 5 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ހިމެނެއެވެ. މި މާއްދާތަކުގެ ތެރޭގައި ހިސާބު، އިގިރޭސި އަދި ޕިޒިކްސް ކެމިސްޓްރީ ހިމެނެން ޖެހެއެވެ.

އަދި އޭ ލެވެލް އިމްތިޙާނުގެ މަދުވެގެން 2 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުންވެސް މި ދެ ކޯހަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކެެގެ ތެރޭގައި ހިމެނެއެވެ. އަދި އުމުރުން 25 އަހަރު ނުފުރޭ މީހަކަށް ވާން ޖެހޭނެއެވެ.

އެމްޕީއެލުން ބުނީ ކޯސްތަކަށް ކެނޑިޑޭޓުން ހޮވާނީ އެކަޑަމިކް މެރިޓާއި އިންޓަވިޔު ސްކޯއަށް ބަލައި އެންމެ މަތީން ޕޮއިންޓް ލިބޭ ފަރާތްތަކަށް ކަމަށެވެ. އިންޓަވިޔުކުރުމަށް ހަމަޖެހިފައިވަނީ ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން އެކަޑަމިކް މެރިޓްއަށް ބަލާ އެންމެ މަތީ މާރކްސް ލިބޭ 10 ފަރާތާއެވެ. ކޯސްތަކަށް ހޮވޭ ކެނޑިޑޭޓުން ކޯހުގެ ކިޔެވުމުގެ މުއްދަތު ފުރިހަމަކުރުމަށްފަހު އެމްޕީއެލުން ކަނޑައަޅާ ގޮތެއްގެ މަތިން އަދި މިކުންފުނިން ކަނޑައަޅާ ތަނަކަށް ހަތް އަހަރު ދުވަހު ޚިދުމަތްކުރުމަށް ބޮންޑްކުރެވޭނެ ކަމަށް އެމްޕީއެލުން ބުންޏެވެ.

ކޯސްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންއެއް އަންނަ މަހުގެ ފަސް ވާ އާދީއްތަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ (ސެންޓްރަލް އެޑްމިނިސްޓްރޭޝަން) އޮޑިޓޯރިއަމް ހޯލްގައި އޮންނާނެއެވެ. ލިޔެކިޔުންތައް ހުށަހަޅަން ދީފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 12 އާ ހަމަޔަށެވެ.