އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް މެންބަރުން ރޭ އިންތިޚާބު ކުރިއިރު، އާ މަޖިލީހުން އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާމް ފަހުމީ ޕާޓީން ވަކިކުރި މައްސަލަ ބަލައިދޭން އޭނާ އެދިއްޖެއެވެ.

އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ނުވަ ކެންޑިޑޭޓުން ނެރުއްވިއެވެ. އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ވެސް ނުވަ ކެންޑިޑޭޓުން ނުރެއްވިއެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް ސޯލިހްގެ ފަރާތްޕުޅުން ނެރުއްވި ނުވަ ކެންޑިޑޭޓުންނެވެ. ގައުމީ މަޖިލީހުގައި ނެގުނު ވޯޓެއްގައި ނަޝީދު ނެރުއްވި ކެންޑިޑޭޓުން ބަލިވިއިރު، އަލްހާން ޕާޓީން ވަކިކުރީ ނަޝީދާ ޚިޔާލު ތަފާތުވެގެން ކަމަށް އޭނާ އަބަދުވެސް ތުހުމަތު ކުރައްވައެވެ.

އަލްހާން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2016 ވަނަ އަހަރު އޭނާ ޕާޓީން ވަކިކުރި މައްސަލަ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅިތާ ފަސް އަހަރު ވެގެން ގޮސްފައިވާ ކަމަށެވެ. މި މައްސަލަ އަވަހަށް ބަލައި ގޮތެއް ނިންމައިދޭން އަލްހާން އެދިވަޑައިގެންނެވިއެވެ.

"މި މައްސަލަ އަވަހަށް ބައްލަވައި ދެއްވުން އެދެން،" ރައީސް ސޯލިހްގެ ޓްވިޓާ އެކައުންޓް ޓެގް ކުރައްވައި އަލްހާން ލިޔުއްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރުކަން ކުރިން ކުރެއްވި އަލްހާން ޕާޓީން ވަކިކުރަން އޮކްޓޯބަރު 2016 ގައި އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމީ އެ ކަމަށް އެދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 މެމްބަރަކު ސޮއިކުރައްވައި މައްސަލަ ހުށަހެޅުމުންނެވެ.

އަލްހާން ޕާޓީން ވަކިކުރަން އެދި ހުށަހެޅި އެއް ސަބަބެއްގެ ގޮތުގައި ވަނީ 2014 ގެ މަޖިލިސް އިންތިޚާބުގައި ވާދަކުރަން އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކުރައްވައިގެން ނާކާމިޔާބު ވުމަށް ފަހު އަމިއްލަ ގޮތުން އެ އިންތިޚާބުގައި ވާދަކުރުމެވެ.

އަލްހާން އަލުން ޕާޓީއަށް ގުޅިވަޑައިގަންނަވާނަމަ ޝަރުތުތަކެއް ވެސް ފިޔަވަޅު އަޅާ ކޮމިޓީން ކަނޑައަޅާފައި އޮތެވެ. އޭގެ ތެރޭގައި ޕާޓީއަށް 50 މެންބަރުންގެ ސޮއި ހޯދައިދިނުމާއި ޕާޓީގެ އާންމު މެންބަރުންނަށް މައާފަށް އެދުން ހިމެނެއެވެ. ޕާޓީއާ ގުޅޭ ހިސާބުން ތިން އަހަރު ވަން އެމްޑީޕީގެ އެތެރޭގެ އެއްވެސް އިންތިޚާބެއްގައި ވާދަނުކުރެވޭނެ ކަމަށް ވެސް ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވެއެވެ.

އަލްހާން ސިޔާސީ ހަޔާތް ފެއްޓެވީ ޑީއާރުޕީންނެވެ. ފޭދޫ ދާއިރާގެ ގޮނޑި 2009 ގައި ކާމިޔާބު ކުރެއްވީ ވެސް ޑީއާރުޕީގެ ޓިކެޓުގައެވެ. ދެން އެމްޑީޕީގެ ސަރުކާރުގައި އޭނާ އެމްޑީޕީއާ ގުޅިވަޑައިގެން ޕާޓީގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވިއެވެ. 2013 ގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީއަށް ވަދެވަޑައިގެން، އިންތިޚާބުގެ ދެވަނަ ބުރުން އަލުން އެމްޑީޕީއަށް ގުޅިވަޑައިގަތެވެ.

އޭގެ ފަހުން 2018 ގެ ރިޔާސީ އިންތިޚާބާ ދިމާކޮށް އޭރުގެ ވެރިކަން ކުރާ ޕީޕީއެމްއަށް ގުޅިވަޑައިގަތެވެ. އެހެން ވިޔަސް 2019 ގެ މަޖިލިސް އިންތިޚާބާ ދިމާކޮށް އަލުން ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގެން އެ ޕާޓީގެ ޓިކެޓުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތެވެ. މާލޭގެ މޭޔަރުގެ އިންތިޚާބާ ދިމާކޮށް އެ ޕާޓީން ވެސް ވަކިވެ އަމިއްލަ ގޮތުން ވާދަކުރައްވައިގެން ނާކާމިޔާބުވެވަޑައިގަތެވެ. އޭގެ ފަހުން އަލްހާން ހުންނެވީ ޕާޓީއަކަށް ގުޅިވަޑައިނުގެންނެވެ.