އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވެވި ކްރިމިނަލް ކޯޓުގެ ފަސް ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ގާޒީއެއްގެ އޯޑިއޯތަކެއް އާންމުވެފައި ވާތީ އޭގެ ސައްޚަކަން ހޯދަން ރާއްޖެ އިން ބޭރުން ފޮރެންސިކް ތަހުލީލެއް ކުރަން އިދިކޮޅު ކޯލިޝަންގެ ޚާއްސަ އެޑްވައިޒަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.

އާންމު ވެފައިވަނީ ގާޒީ ހުސައިން ފާއިޒް ރަޝާދުގެ އޯޑިއޯއަކާއި، ގާޒީ މުހައްމަދު ސަމީރުގެ އޯޑިއޯއަކާއި، ގާޒީ އަލީ އާދަމްގެ އޯޑިއޯއެކެވެ. މި އޯޑިއޯތައް ވަކިވަކިން އާންމު ކުރީ "ވަގުތު" އިންނެވެ.

މި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ވިދާޅުވެ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އެ މައްސަލަ ހިނގައި ދިޔަ ގޮތް ސާފު ކުރަން އޯޑިއޯތަކުގައި އަޑު އިވެމުންދާ ތިން ގާޒީންގެ ފަރާތުން މައުލޫމާތު ސާފުކުރިއިރު، ތިން ގާޒީން ވެސް ވިދާޅުވެފައިވަނީ އެއީ ސައްޚަ އޯޑިއޯތަކެއް ނޫން ކަމަށެވެ.

މި ކަމާ ގުޅިގެން ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުގެ މަގާމު ފުރުއްވި ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭން ބޭރުން ފޮރެންސިކް ތަހުލީލުކޮށްގެން ވިޔަސް އޯޑިއޯގެ ސައްހަ ކަމާއި އެއީ އެ މީހުންގެ އަޑުކަން ނުވަތަ ނޫން ކަން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.

"މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ، މި އުޅެނީ ބަޔަކު ރަހީނުކޮށްގެން އިންސާނެއްގެ މައްޗަށް ހަރާމް ހުކުމެއް ކުރުވި ކަމުގެ ތުހުމަތު،" 2018 ގެ ރިޔާސީ އިންތިޚާބުގައި ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި ހުންނެވި ޝަހީމް ލިޔުއްވާފައިވެއެވެ.

ޔާމީންގެ ޝަރީއަތް ފުރަތަމަ ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަހްމަދު ހައިލަމްއެވެ. ނަމަވެސް އެ ޝަރީއަތުގެ ހުކުމާއި ހަމައަށް ގޮސްފައިވަނިކޮށް ގާޒީ ކަމުން ހައިލަމް ސަސްޕެންޑް ކުރިއެވެ. އެއީ ރައީސް ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭންފަށެއް ޖަހާފައިވާ މަންޒަރުގެ ކުރެހުމެއް ހިމެނޭ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގްރޫޕަކަށް ހައިލަމް ފޮނުއްވައިގެންނެވެ.

މި މައްސަލަ ޖޭއެސްސީއިން ތަހުގީގުކޮށް، ހައިލަމް ވަކިކުރަން ނިންމައި ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުވިއެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ޖޭއެސްސީން އެ ކަމުގައި އަމަލު ކޮށްފައިވަނީ ރަނގަޅަށް ކަމަށް ވެސް ކަނޑައަޅައި ތަޅުމަށް ފޮނުވިއެވެ. ތަޅުމުގައި ވޯޓަށް އެހުމުގެ ކުރިން ހައިލަމް މަގާމުން އިސްތިއުފާ ދެއްވީއެވެ.

ދެން ޔާމީން މައްސަލަ ހަވާލުވީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދުއާއެވެ. އަލީ ރަޝީދު އިސްވެ ހުންނަވައިގެން މައްސަލަ ބައްލަވަން ފަސް ގާޒީންގެ ބެންޗެއް އެކުލަވާލެއްވިއެވެ. އެ ބެންޗުގައި ތިއްބެވީ ގާޒީ އަލީ ރަޝީދުގެ އިތުރުން މިހާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލްއާއި، ގާޒީ މުހައްމަދު ސަމީރުއާއި، ގާޒީ އަލީ އާދަމްއާއި، ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާގައި ދަށު ކޯޓުން އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދު ކުރިއިރު، މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އަންނަ މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވެއެވެ. ޔާމީންގެ އެތައް ހާސް ސަޕޯޓަރުން ގަބޫލު ކުރަނީ އެމަނިކުފާނުގެ ޝަރީއަތް ހިނގާފައި ވަނީ އިންސާފުން ބޭރުން ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ސައުދީ ވަލީއަހުދު

  ޑރ. ބާރީގެ ޕޯސްޓްމޯޓަމް ހަދަން ތިގޮތައް ގޮވާލަން ކެރޭނެތަ؟ މީ ވ.ވާހަކަ

 2. ކާފަ

  ކަލޭ ކުޅުނު ބޮނަކުއާ އިސްތިހާރުގެ ފޮރިންސިކް ތަޙުލީލްއެއް ކުރަންޖެހޭ..

  1
  7
  • ޓޮއްކޮޑާބެއްޔާ

   ޓަކިބޭ ހަނުހުރެބަ....

 3. ރެހި

  މީނަ މިވާހަކަ ދައްކަނީ ކޮން ހައިސިއްޔަތަކުންތަ؟

 4. ޢަލި

  ޔާމީނުގެ އެކަ އުންޓުގަ ހުރި ލާރިތަށް ހޯދިގޮތުގެ ތަހުގީގެ އް ހިންގަބަލަ

 5. ނަރުދޫ ހަސަނު

  ސާބަހޭ. ކީއްކުރަން ކުރާ ތަޙުލީލު ތަކެއްހޭ. ޔާމީނު ވަނީ ހަލާލުނޫން ފައިސާ ގެޔަށް ވައްދާ އޭގެބޭނުން ކުރިކަމަށް އަމިއްލަޔަށް ރައްޔިތުން ކުރިމަތީ އިއުތިރާފް ވެފަޔޭ.. މީހަކު ޔާމީނަށް ޕްރެޝަރެއް ކޮށްގެން ބުނިއެއްޗެއްނޫން އެޔަކީގައިމުވެސް. ދެވަނަ ދައުރަކަށް ރައީސްކަމަށް ހޮވަތޯ ރައްޔުތިން ކުރިމަތީ އޭނަގެ މޮޅުވާހަކަތަށް ގޮވަމުން އަމިއްލަޔަށް ވީ އިޢުތިރާފް އެކޭ އެއީ. ދެން ކޮން އޮޅުވާލުމެކޭ، ފްރޭމްކުރުމެކޭ، ފޮރެންސިކް ތަހުޤީޤެކޭ ކިޔާކަށް. އަމިއްލަޔަށް ވީއިއުތިރާފްގެ އަދަބު ޖެހޭނީ ހަމަލިބެން. ވައްކަމެއް ކަމުގަ ވިއްޔާ އަތްވެސް ޖެހޭނީ ހަމަބުރިކުރަން.

  2
  7