ހުޅުމާލޭ 147 ވަނަ ފްލެޓްގައި ރޯވި އަލިފާނުގެ ސަބަބުން ހާލުގައި ޖެހުނު ދެ އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

ރޭ އެ ފްލެޓްގެ ދެވަނަ ފަންގިފިލާގައި ރޯވި އަލިފާނުގައި ފްލެޓް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. ވި އެޕާޓްމެންޓުގެ އިތުރުން އިންވެގެން ހުރި އެޕާޓްމެންޓާއި ތިން ވަނަ ފަންގިފިލާގެ ދެ އެޕާޓްމެންޓުގައިވެސް ރޯވެ ގެއްލުންތައް ލިބިފައިވެއެވެ.

ނޭޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ބުނީ ދެ އާއިލާއެއްގެ 13 މީހަކަށް ވަގުތީ ބޯހިޔާވަހިކަމުގެ އިތުރުން ކެއިން ބުއިމުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން "ވަގުތު" އަށް ވިދާޅުވީ، އެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވަނީ ހުޅުމާލެއިން ކަމަށެވެ. އެންޑީއެމްއޭގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ އިތުރު އެހީތެރިކަންވެސް ފޯރުކޮށްދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ އާއިލާތައް، އެ ފްލެޓްގައި ދިރިއުޅެމުން އައީ ކުއްޔަށެވެ.

އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބުނުކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ. އަދި އަލިފާން ރޯވަން ދިމާވި ސަބަބެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ސަރަހައްދުގައި އުޅޭ ބައެއް މީހުން ބުނީ ގޮތުގައި އަލިފާން ރޯވީ ކަރަންޓު ޝޯޓެއްގެ ސަބަބުން ކަމަށެވެ.