ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު އީސަގެ އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާ ކުރި ކަމުގެ ތުހުމަތުގައި މެމްބަރުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

އީސަގެ ޝަރީއަތުގެ އަޑުއެހުން ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު 9:00 އަށެވެ.

މިއަދުގެ އަޑުއެހުން ކެންސަލްވި ސަބަބު ހާމަކުރައްވަމުން ކްރިމިނަލް ކޯޓުން "ވަގުތު" އަށް ވިދާޅުވީ މިއަދުގެ އަޑުއެހުން ކެންސަކުރީ އެ މައްސަލަ ބައްލަވަމުންގެންދަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ސަލާމުގައި ހުންނެވުމުން ކަމަށެވެ. ގާޒީ ފާއިޒަކީ ކުރީގެ ރައީސް ޔާމީންގެ މައްސަލަ އާއި ގުޅޭ ގޮތުން ލީކްވި އޯޑިއޯތަކުގައި ވާހަކަ ދައްކާފައިވާ ގާޒީއެކެވެ.

އީސަގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.

ގާނޫނުލް އުގޫބާތުގައިވާ ގޮތުން މި ކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހެވެ. އަދި ކުށުގެ އަދަބު މަތީވާނެ ހާލަތްތަކާއި ދަށް ވާނެ ހާލަތްތައް ވެސް ގާނޫނުގައި ބަޔާންކޮށްފައިވާއިރު އެންމެ މަތީ އަދަބަކަށް ވެސް ހިމެނެނީ ހަ މަސް ދުވަހުގެ ޖަލު ހުކުމެވެ.

ގާނޫނު އަސާސީގައިވާ ގޮތުން މެންބަރެއްގެ ގޮނޑި ގެއްލޭނީ އެމީހެއްގެ މައްޗަށް 12 މަހަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައިސްފިނަމައެވެ. އެހެންކަމުން، ޝަރީއަތުގައި މި ދައުވާ އީސަގެ މައްޗަށް ސާބިތުވިޔަސް އޭނާގެ ގޮނޑިއެއް ނުގެއްލޭނެއެވެ.

އީސަގެ މައްޗަށް ކުރަނީ އޭނާގެ ކުރީގެ އަނބިކަނބަލުން، ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު އަސްރާ ނަސީމަށް ގެވެށި އަނިޔާ ކުރި ކަމުގެ ތުހުމަތެވެ.

އަސްރާ ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުވެ އެންމެ ފުރަތަމަ އީސައާ ދެކޮޅަށް ބަޔާން ވެސް ދެއްވައިފައެވެ. އެކަމަކު ފަހުން މައްސަލަ ކުރިއަށް ނުގެންދަން އޭނާ އެދިވަޑައިގަތެވެ.

އެހެންވިޔަސް ފުލުހުން ވަނީ ޖިނާއީ ތުހުމަތެއް ހިމެނޭ ކަމަކަށް ވާތީ މައްސަލަ ކުރިއަށް ގެންދަން ނިންމައި ތަހުގީގު ފުރިހަމަކޮށްފައެވެ. އީސަގެ މައްޗަށް ދައުވާ އުފުލަން ނިންމީ ޕީޖީ އޮފީހަށް މައްސަލަ ފޮނުވިތާ ހަފުތާއެއް ވެސް ނުވަނީހެވެ.

އީސައަށް ކުރާ ތުހުމަތުތަކާ ގުޅިގެން އޭނާ މިހާތަނަށް ވިދާޅުވެފައިވަނީ ގާނޫނު އަސާސީއާ ގާނޫނުތަކާ ޚިލާފު އެއްވެސް ކަމެއް ނުރައްކާ ކަމަށެވެ. އަދި "އަޅުގަނޑަކީ ސިޔާސީ މީހެއް، ސިޔާސީ މީހުނަށް އެކި ޒާތުގެ ތުހުމަތުތައް އަންނާނެ،" ކަމަށް އީސަ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސް އުފެދޭސުވާލު

    މައްސަލަ ލަސްކުރަން ގަސްތުގަ ގާޒީ ސަލާން ބުނީތޯ؟ ނޫނީ މައްސަލަ ބާއްވަފާނެތީ އޯޑިއޯއެއް ލީކުވީތޯ؟ ނޫނީ މައްސަލަ ކެންސަލު ނުކޮށްގެން އޯޑިއޯ ލީކްކޮށްލީތޯ؟ ނޫނީ މައްސަލަ ކުރިއަށް ނުގެންދަން ނުފޫޒު ފޯރުވައި ގާޒީއަށް މަޖްބޫރުކުރީތޯ؟ ނޫނީ އޯޑިއޯގެ ސަބަބުން މާބޮޑަށް ލަދުގަތީތޯ؟ ނޫނީ ލީކުވި އޯޑިއޯއާ ހެދި ހަގީގަތުގަވެސް ސިއްހީ މައްސަލައެއް ދިމާވީތޯ؟