މަތީ ތައުލީމުގެ ފެންވަރު ކަށަވަރު ކުރުމުގެ މައިގަނޑު އެއްމަސައްކަތް ކަމުގައިވާ އިންސްޓިޓިއުޝަނަލް އޮޑިޓް ގަވާއިދަށް ސްޓޭކްހޯލްޑަރުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމެއް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ކުރިޔަށް ގެންގޮސްފިއެވެ.

ސްޓޭކްހޯލްޑަރުންގެ ގޮތުގައި މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ ޔުނިވާސިޓީތަކާއި، ކޮލެޖުތަކާއި، އިންސްޓިޓިއުޓްތައް ކަމަށް އެމްކިއުއޭއިން ބުނެފައިވެއެވެ. މީގެ އިތުރުން އެމްކިއުއޭއިން ބުނީ މި ގަވާއިދަކީ ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން އެމްކިއުއޭއިން ހަދަންޖެހޭ ގަވާއިދުތަކެއް ކަމަށެވެ.

އޮޑިޓް ގަވާއިދަށް މަޝްވަރާ ހޯދުމަށް ބޭއްވުނު މި ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ އެމްކިއުއޭއިން ކުރިޔަށް ގެންދާ އިންސްޓިޓިއުޝަނަލް އޮޑިޓްގެ މަސައްކަތަށް ތައްޔާރުކުރެވިފައިވާ ގައިޑްލައިނާއި މެނުއަލް އިސްލާހުކުރުމަށްފަހު މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ފަހުގައިކަން ފާހަގަ ކޮށްލެވެއެވެ.

މިދިޔަ ހުކުރުދުވަހު ކުރިޔަށްދިޔަ ބައްދަލުވުމުގެ ބައިވެރިންނާއި މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމްކިއުއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. އަބްދުލް ހަންނާން ވަހީދު ވިދާޅުވެފައިވަނީ އިންސްޓިޓިއުޝަނަލް އޮޑިޓް ގައިޑްލައިނާއި މެނުއަލް އިސްލާހު ކުރެވިފައިވަނީ ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގައި އެމްކިއުއޭގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ހިމެނިފައިވާ ކަންތައްތައް ރިއާޔަތް ކުރެވިގެން ކަމަށެވެ.

ވެބިނާއެއްގެ ގޮތުގައި ބޭއްވުނު މި ބައްދަލުވުމުގައި ދިވެހިރާއްޖެގައި މަތީ ތައުލީމުދޭ 43 މަރުކަޒަކުން ބައިވެރިވެފައިވާކަން އެމްކިއުއޭއިން ފާހަގަ ކޮށްފައިވެއެވެ.