ޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތްކުރަމުން ދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހިގެން މަރުވި އުމުރުން 7 އަހަރު ރައުޝަން ޖިއާންގެ މައްސަލާގައި އެ އާއިލާއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ދޭން އެކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ޑަބްލިއު ކޮންސްޓްރަކްޝަނުން މ. ނަލަހިޔާ ކައިރީގައި ހަދަމުން އައި އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ބަންގްލަދޭޝް އަށް އުފަން ޖިއާން މަރުވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ ހާދިސާއާ ގުޅިގެން އިހުމާލުވާ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހުކުމް ވެސް ކުރިއެވެ.

އެ މައްސަލައިގައި އެ ކުއްޖާގެ މައިންބަފައިން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 17.4 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދި 2019 ވަނަ އަހަރު ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ވަކާލާތުކުރި މި މައްސަލަގާއި އާއިލާއިން އެދުނު އަދަދު ލިބިފައެއް ނުވެއެވެ. ހުކުމް ކުރީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިގޭން އެދުނު އަދަދުގެ 25 އިންސައްތައެވެ. އެއީ 4.4 މިލިއަން ރުފިޔާއެވެ.

ޕީއައިއެލްސީއިން ރޭ ނެރިފައިވާ ބަޔާނުގައި ވަނީ ސިވިލް ކޯޓުގެ މި ނިންމުމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ގެއްލުމުގެ ބަދަލަށް ނަގައިދޭން އެދުނު އަދަދުން ބޮޑު ބައެއް އުނިކުރީ ރަނގަޅަށް ނޫން ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އަދި އެ ހުކުމް އިސްތިއުނާފް ކުރަން އާއިލާއިން އެދޭނަމަ ހައިކޯޓުގައި އެ ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ޖިއާން މަރުވެފައިވަނީ ޑަބްލިއު ކޮންސްޓްރަކްޝަންގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ރަސްމީ މަސައްކަތުގެ ތެރެއިން ފަރުވާކުޑަ އަމަލުތަކެއްގެ ސަބަބުންކަން ކަމަށް ދަށުކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތަށް ވަނީ ސާބިތުވެފައެވެ. އެ އަމަލުގެ ސަބަބުން ޖިއާންގެ މައިންބަފައިންނަށް ލިބިފައިވާ ގެއްލުމުގެ މަދަނީ މަސްއޫލިއްޔަތު ވައިކޭރިއަސް ލައިބިލިޓީގެ ދަށުން ޑަބްލިއު ކޮންސްޓްރަކްޝަނުން އުފުލަންޖެހޭކަމަށް ސިވިލް ކޯޓުގެ ނިންމުމުގައިވެއެވެ.

ސިމެންތި ބަސްތާ ވެއްޓި ޖިއާން މަރުވި މައްސަލައިގައި ހަ މީހަކަށް ދައުވާކުރިއެވެ. އެއީ، ޑަބްލިއު ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު އާދަމް ޝަފީގާއި، އެ ކުންފުނީގެ ސުޕަވައިޒަރު މޫސާ ހަސަންގެ އިތުރުން އިންޑިއާގެ ހަތަރު މީހަކަށެވެ.

އޭގެ ތެރެއިން ޝަފީގް ނޫން ހުރިހާ އެންމެންގެ މައްޗަށް ވަނީ ދައުވާ ސާބިތުވެފައެވެ. 4 ބިދޭސީންގެ ތެރެއިން 2 މީހަކަށް ޖަލުގެ ހުކުމެއްވެސް އައިސްފައިވެއެވެ. އަދި އަނެއް ދެ ބިދޭސީން 7200 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެއެވެ.

އެ ސައިޓުގެ ސުޕަވައިޒަރަކަށް ހުރި މޫސާގެ މައްޗަށްވެސް ވަނީ މައްޗަށް 115،200ރ. ގެ ޖޫރިމަނާގެ އަދަބެއް އިއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒާ

    ތީ މަރެއްގެ ބަދަލެއްނޫން. އެކަމަކު ތިޔަވަރުވެސް އެ އާއިލާއަށް ލިބުނިއްޔާ ކިތަންމެހާވެސް ރަނގަޅު.

  2. އަބްދޫ

    ޢެކުއްޖާ ގޮވައިގެން އައި އަން ހެނާގެ އި ހުމާލު ކޮބާ.ޢެ އަން ހެނާ ފޯނާ ކުޅުނީ ކުއްޖާ ވީތަނެ އް އޭނަ ނުބަލާ މިއީ އަ ހަނނަށް ފެނުނު ވީޑިއޯ އިން އެގުނު އެއްޗެއް.ޢެ ކަންވެސްތަ ހުގީގު ބަލަންވާނެ. ގާނޫނު ބުނާ އި ހުމާލެއް.

    2
    1
  3. އަބްދޫ

    ކުންފުނީ ގެ މައްސަލަޔަކީ މަސއްކަތް ކުރާ ތަނެއްކަމުގެ ބޯޑް ނެތުން. އެބޯޑް ހުއްޓަސް އަން ހެން މީ ހާގެ އި ހުމާލުގަ މި ހާދިސާ ހިގުމުގެ ފުރުސަތު އެބައޮތް.

    2
    1