ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމެވި ނިންމުމާއި ގުޅިގެން އެމަނިކުފާނަށް ކުރިން ފާޑުވިދާޅުވި ފަރާތްތަކުންވެސް މިއަދު ރައީސް ނަޝީދަށް ތައުރީފު ކުރަން ފަށައިފިއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވުމަށް ފަހު މިއަދު ހެނދުނު އިދިކޮޅު މަޖިލިސް މެންބަރުންނަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ނިންމެވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމުގެ ގޮތުން ކަމަށެވެ.

އިދިކޮޅު އިއްތިހާދުން އެއް ކެނޑިޑޭޓަކު ނެރޭނެ ކަމަށް ބުނެފައި ވަނިކޮށް މަޝްވަރާ ނުކޮށް ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނަޝީދު މީގެ ކުރިން ވަނީ ނިންމަވާފައެވެ. އަދި "ޖަޒީރާ ރައީސް" ގެ ނަމުގައި ކެމްޕެއިންވެސް ވަނީ ފަށާފައެވެ.

ނަޝީދު އޭރު ކަންތައް ކުރެއްވި ގޮތުން ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވިއެވެ. އެހެން ނަމަވެސް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނީ ނަޝީދު ހިމެނޭ އިދިކޮޅު އިއްތިހާދުގެ ތެރެއިންނެވެ. މަޝްވަރާ ނުކޮށް ކަންތައް ނިންމެވުމުންނާއި ރައީސް ކަމާއި ނައިބު ރައީސްކަން ވެސް ލިބެން ޖެހޭނީ އެމްޑީޕީއަށް ކަމަށް ވިދާޅުވުމުން އިދިކޮޅު އިއްތިހާދުގެ ތެރޭގައި ދެބަސްވުންތައް ވެސް އުފެދުނެވެ.

އެހެން ނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރާނެ ކަން ނިންމެވުމާއި ގުޅިގެން މިއަދު ނަޝީދަށް ދަނީ ގިނަ ފަރާތްތަކެއްގެ ތައުރީފުގެ ބަސްތައް އަމާޒުވަމުންނެވެ. އޭގެ ތެރޭގައި މީގެ ކުރިން ފާޑު ވިދާޅުވި ބޭފުޅުންވެސް ހިމެނެއެވެ.

ނަޝީދު އެކަން އިއުލާންކުރެއްވުމާ އެކު އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، ނަޝީދުގެ އެ ނިންމެވުމަކީ ދިވެހި ރައްޔިތުންނަށް ކުރެއްވި ޞަދަގާތެއް ކަމަށާއި އަދި ކުރެވޭ ފޮނި އުއްމީދަކީ ޕާޓީތައް ގުޅިގެން ކެންޑިޑޭޓަކާއި ރަނިންމޭޓާއެކު ނެރެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށެވެ.

ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީން ވިދާޅުވީ ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ ރިޔާސީ ޓިކެޓް ދޫކޮށްލެއްވުމަކީ ސިޔާސީ އާ ސަފުހާއަކަށް އަލިވިލޭނެ ނިންމެވުމެއް ކަމަށާއި އަދި ހިތްވަރުގަދަ އެ ނިންމެވުމުގެ ސަބަބުން އުއްމީދުގެ އަލިކަން ދިވެހި އުއްމަތަށް ގެނެސްދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ނަޝީދުގެ އަމަލުތައް އިބުރަތްތެރި މިސާލަކަށް ވާނެ ކަމަށާއި އެކަމުގެ ސަބަބުން އެކުވެރި ގުޅުމަކަށް ފުރުސަތު ލިބޭނެ ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވީ ރައީސް ނަޝީދު މިއަދު ނިންމެވި ފަދަ ހިތްވަރުގަދަ ނިންމެވުންތަކެއް ރައީސް މައުމޫނާއި ގާސިމް އިބްރާހިމް އަދި ޝެއިޚް އިމްރާން އަބްދުﷲ ނިންމަވާނެ ކަމުގެ ފޮނި އުއްމީދެއް އެބައޮތް ކަމަށާއި އަދި ﷲ އިރާދަފުޅާއެކު އެއް ކެންޑިޑޭޓަކަށް އެއްބަސްވެވޭނެ ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވީ ނަޝީދުގެ ނިންމެވުމުން އެމްޑީޕީގެ ތެރޭގައި އައު ލީޑާ ޝިޕެއް އުފެދުމަށް މަގުފަހިވާނެ ކަމަށާއި އެ ނިންމެވުމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

އެމްޑީޕީގެ އަސާސީ ޤަވައިދުގައި ބުނެފައިވާ ގޮތުގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ ޕްރައިމަރީ އަކުންނެވެ. ރިޔާސީ ކެންޑިޑޭޓަކަށް ހޮވޭ ބޭފުޅަކަށް އިންތިޚާބުގައި ވާދަނުކުރެވިއްޖެނަމަ ދެން ކަންތައް ކުރާނެ ގޮތެއް އެމްޑީޕީގެ އަސާސީ ޤަވައިދުގައި ބަޔާންކޮށްފައެއް ނެތެވެ. އެހެންކަމުން މާދަމާ އުކުޅަހުގައި ފަށާ އެމްޑީޕީގެ ކޮންގްރެސްގައި އެކަމަށް ގޮތެއް ނިންމާނެ ކަމަށް ލަފާކުރެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޢ ރަސީދު

  ތިކަލޭގެ ރަގަޅީ ދުވަހަކުވެސް ދިވެހި ރާއްޖެ ނައްޔާ

 2. Anonymous

  އެމްޑޕީން ކެންޑިޑޭޓެއް ނެރެންވާނެ . ޖޭޕީއަކައް ވޯޓެއް.ނުދޭނަން އެމްޑީޕީ އަކީ އެންމެހާ ދިވެހިން އެޕާރޓީ އަކައްޓަކައި ގުރުބާންވާ ޕާޜޓީ

 3. އާބިދާގޭ މޮހޮންމަދު

  ގެނެސް ޖަލައްލާ...

 4. ޙެެހެެެހހެހހ

  ޙުސެން ކަލޭ ދެން ޞަދަޤަތް ބަހަންވީނު

 5. ބޮލިހިލާ

  ކޮބާ މަމެން ބުނީމެއް ނޫންތޭ ތަމެންގެ ޖަޒީރާ ރައީސް ގާގަނޑު ރައީސް އަކަށް ބަދަލު ކޮށްލާނަމޭ މިހާރު އޮންނާނީ ތަމެންގެ ޖަޒީރާ ރައީސް ގާ ކޮށް އޭނާ އަތުން ގަދަ ކަމުން ރިޔާސީ ޓިކެޓް ދަމައިގެންފައޭ ދެން ތަމެން އެކަން ފޮރުވަން ތައްރީފޭ ކިޔާ ކޮން ކަނޑުކޮހެއް ގޮވަންތޭ ރައްކާވޭ ދެން މިތަނުން އިނގޭތޭ ތަމެން ދެން ދަގަ ދިގު ފަރަށް ބޮލިހިލަން އިނގޭތޭ ދަގަ ދަގަ ދަގަ ބޮލިހިލަން ބޮލިހިލާ ދޯ.

 6. އެއްމެން

  އަދިވެސް އޮޅުވަނީ ދޯ. ބަލަ ނަޝީދަކީ އަމިއްލަ އިޚްތިޔާރުން ވެރިކަމަށް ވާދަކުރެވެން ހުރިމީހެއް ނޫން. ތިޔައީ ނަޝީދުގެ ނިންމުމެއް ނޫނެވެ. އެޢީ ނަޝީދު ވެރިކަމުން ބޭލި ދިވެހީންގެ

 7. އިބްރާހިމް

  އެއީ ޞަދަޤާތެއް ނޫނެވެ.ޞަދަޤާތްވެސް އޮޅުނީކަންނޭގެއެވެ.އަންނިއަށް ހަމައެއްގޮތެއްވެސް ނެތީއެވެ.