ގއ. ދާންދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތު ލީކު ކުރި ކަމަށް އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އާސިފްގެ މައްޗަށް ކޮށްފައިވާ ތުހުމަތަށް އޭނާ އިންކާރު ކުރައްވައިފިއެވެ.

ފުލުހުން ކުރިން ވިދާޅުވި ގޮތުގައި ދާންދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނަކާ ގުޅޭ މައުލޫމާތު ލީކްކޮށްލި މައްސަލައިގައި ހަތަރު މީހެއްގެ ފޯނު ވަނީ ހިފަހައްޓައި މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ. އޭގެ ތެރޭގައި ކައުންސިލްގެ ރައީސް އާސިފްގެ ފޯނު ހިމެނެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ފުލުހުން ދާންދޫގައި ހިންގަން އުޅުނު އޮޕަރޭޝަންގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ތުހުމަތުކޮށްފައި ވަނީ ކައުންސިލް ރައީސް އާސިފްގެ ދެބައިންގެ ދެ ދަރި މީހަކަށެވެ. މައުލޫމާތު ލީކު ކޮށްލީ އޭނާ ސަލާމަތް ކުރަން ކަމަށްވެއެވެ.

ދާންދޫ ކައުންސިލްގެ ރައީސް އާސިފް މިއަދު ވަނީ އެ ރަށު ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފައެވެ. އޭނާގެ އަރިހުގައި ވަކީލެއްގެ ގޮތުގައި ވަޑައިގަތީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހްތާޒް މުހްސިނެވެ.

މުހްތާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ތަހުގީގަށް ވަޑައިގެން އާސިފްގެ ފަރާތުން ބަޔާން ދެއްވާފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގެން އެ ކަމަށް އިންކާރު ކުރައްވާފައިވާނެ ކަމަށް މުހްތާޒް ވިދާޅުވިއެވެ.

"ކުރެވޭ ތުހުމަތަކީ އެއްވެސް އަސާސެއް ނެތް ތުހުމަތެއް ކަމަށާއި ރައްޔިތުންގެ އިތުބާރު ގެއްލޭފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ތަހުގީގުގައި ބުނެފައިވޭ،" މުހްތާޒް ލިޔުއްވާފައިވެއެވެ.

އޮޕަރޭޝަންގެ މައުލޫމާތު ލީކްވެ ފުލުހުން އޮޕަރޭޝަން ހިންގި އިރު ބަލާ ފާސް ކުރި ތަންތަނުން މަސްތުވާތަކެތި ވަނީ ގެއްލުވާލައިފައެވެ.

މިހާތަނަށް ހިންގި ތަހުގީގުގައި ތުހުމަތު ކުރެވޭ މީހާއާއި ކައުންސިލް ރައީސްގެ ފޯނުން ވެސް އޮޕަރޭޝަނާ ގުޅޭ މައުލޫމާތުގެ ވާހަކަ ދެކެވިފައި ހުރި ޗެޓްލޮގްތަކެއް ފުލުހުން ހޯދާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.