ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ގޮތެއް ނުނިންމާހާ ހިނދަކު އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތު އަމާޒު ކުރެވި މަގާމުން އެކަހެރިކޮށްފައިވާ ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފްގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ސަރުކާރުން މިއަދު ވިދާޅުވެއްޖެއެވެ.

ދައުވާކޮށްދޭން އޭސީސީން، ޕީޖީއަށް ފޮނުވުމާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަހްލޫފް އެކަހެރިވާން އަންގަވާފައެވެ. މިނިސްޓަރ ސަސްޕެންޝަނުގައި ހުންނަވާތާ ތިން މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. މިނިސްޓްރީ ހިންގުން ވަގުތީ ހަވާލުކޮށްފައިވަނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއާއެވެ.

މަހްލޫފްގެ މައްޗަށް ހިންގާފައިވާ ތަހުގީގު ގެންދިޔައީ ގޯސްކޮށް ކަމަށް ރައީސް އޮފީހުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ރިޔާސީ ކޮމިޝަނަށް ވަނީ އަންގާފައެވެ. އެކަމާއި ގުޅުވައި ނޫސްވެރިޔަކު ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިނިސްޓްރީއެއް ހިންގަން މިނިސްޓަރަކު ނެތުމަކީ ދަތިކަމެއް ކަމަށެވެ. ނަމަވެސް މަހުލޫފްގެ މައްސަލައިގެ ތެރެއަށް ސަރުކާރުން ވަންނަން ބޭނުންނުވާ ކަމަށެވެ. އެ މައްސަލައިގައި އަވަހަށް ގޮތެއް ނިންމައިދެއްވުމަށް ޕީޖީ އަރިހު އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

"ނިމޭ ގޮތަކަށް ނިންމައިދޭން އެދެން. ނަމަވެސް އަވަހަށް ގޮސް ނިންމަން އެއީ ސަރުކާރުން އެދޭ ކަމެއް" މަބްރޫކް ވިދާޅުވިއެވެ.

މަހުލޫފްގެ ސަސްޕެންޝަން ރިވިއުކުރުމާއި ގުޅޭ އެއްވެސް މަޝްވަރާތަކެއް ކުރެވިފައިވޭތޯ "ވަގުތު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ މަގާމުގެ މަސްއޫލިއްޔަތުން މަހުލޫފް އެކަހެރިކުރީ އެ މައްސަލަ ބަލަން އުދަނގޫތަކެއް ކުރިމަތިވާނެ ކަމަކަށްވެފައި ކަމަށެވެ. އެހެންވެ ސަސްޕެންޝަން އުވާލުމާއި މެދުވެސް އެއްވެސް ގޮތެއް ނިންމާނީ މައްސަލަ އެއްކޮށް ބަލައި ނިމުމުން ކަމަށް ވިދާޅުވިއެވެ.

"ފެށުނީއްސުރެ ސްޓޭންޑަކީ ޕީޖީ އޮފީހަށް މައްސަލަ ދާ ހިސާބުން މައްސަލަ ނިމެންދެން މިނިސްޓަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަކީ އޭގެ ސަބަބުން މައްސަލަ ބެލުމަށް އުނދަގޫ ތަކެއް ކުރިމަތިވާނެ ކަމަކަށްވާތިވެ އިންސާފު ގާއިމްކުރަން މުހިއްމު ކަމެއް މިނިސްޓަރަކު މަސައްކަތުން ދުރުހެލިވެ ހުރުމަކީ" އޭނާ ވިދާޅުވިއެވެ.

މަހްލޫފްގެ މައްޗަށް ދައުވާ އުފުލަން ޕީޖީ އޮފީހަށް ފޮނުވި ފަހުން އެ އޮފީހުގައި މައްސަލަ ބާއްވައިގެން އުޅޭތާ މިހާރު ދެ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މަހްލޫފް ގެންދަވަނީ އެ ކަމަށް ވެސް ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

މަހްލޫފް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާއާއި ރިޔާސީ ކޮމިޝަންގެ ރައީސް އައްސަދުގެ މައްޗަށް ވެސް އެކި ތުހުމަތުތައް އަމާޒު ކުރައްވައިފައެވެ.

"ވަގުތު ހަވާސް" ނަމުގައި ކުރިއަށް ގެންދިޔަ ކްލަބް ހައުސް ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން މަހްލޫފް ވިދާޅުވެފައިވަނީ، ވަކި ގޮތަކަށް މައްސަލަ ގެންދަން ދައްކަވާފައިވާ ވާހަކަތަކުގެ ޗެޓް ލޮގްތަކެއް ވެސް އޭނާގެ އަތުގައި އޮންނެވި ކަމަށެވެ.

ވަކި ގޮތަކަށް ވޯޓް ދޭން ރިޝްވަތު ނެގި ކަމުގެ ތުހުމަތު

އޭންޓި ކޮރަޕްޝަން ކޮމިޝަންގެ ބަޔާނުގައިވާ ގޮތުން މަހްލޫފްގެ މައްޗަށް ކުރާ އެއް ދައުވާއަކީ ރިޝްވަތު ނެގި ކަމުގެ ކުށުގެ ދައުވާއެވެ.

އެއީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުންނެވިއިރު އޭރު ސަރުކާރާ އެއްކޮޅަށް، އެސްއީޒެޑް ބިލެއް ފާސްކުރަން އޭނާގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާވެފައިވާކަން ތަހުގީގަށް އެނގިފައިވާތީ ކަމަށް ބަޔާނުގައިވެއެވެ.

މި ވޯޓަށް ފަހުގައި އެމްއެމްޕީއާރްސީގެ ހިޔާނަތުގެ މުގުލުގައި ހުންނެވި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚަށް ހަވާލާދީ އޭސީސީން ފާހަގަކުރަނީ އެއީ ޚިޔާނާތުގެ ފައިސާ ކަމުގައެވެ.

އެކަމަކު، އެ ދުވަސްވަރު އޭނާ ހުންނެވީ ޕީޕީއެމްގައެވެ. އަދި އެ ބިލް ފާސް ކުރަން އޭރު ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ތްރީ ލައިން ވިޕެއް ވެސް ނެރުނެވެ. މެލޭޝިއާގައި ހުންނެވުމަށް ފަހު ބިލަށް ވޯޓަށް އަހަން އޮތް ދުވަހު މަހްލޫފް ރާއްޖެ ވަޑައިގަތީއެވެ.

މި ތުހުމަތަށް އިންކާރު ކުރައްވައި މަހްލޫފް ވިދާޅުވަނީ ވެސް އެ ވޯޓާ ގުޅިގެން ޕާޓީގެ ފަރާތުން ހަމައެކަނި ލިބިވަޑައިގަތް ކަމަކީ، ކުއްލިއަކަށް ރާއްޖެ ވަޑައިގެން ދެއްވަން ޖެހޭ ވޯޓަކަށް ވާތީ އަނބުރާ ވަޑައިގަންނަވަން ބޭނުންވާ ޓިކެޓުގެ ޚަރަދު އެކަނި ކަމަށެވެ.

އެ ކުށުގެ އަދަބަކީ ހަތް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އެ މުއްދަތަށް އަރުވާލުން ނުވަތަ ހަމަ އެ މުއްދަތަށް ގޭގައި ބަންދުކުރުމެވެ.

އޮޅުވާލާފައިވާ ލިޔުންތަކެއް ހުށަހެޅި ކަމުގެ ތުހުމަތު

ދޮގު ބަޔާނެއް ނުވަތަ ދޮގު މައުލޫމާތެއް ދިން ކަމުގެ ކުށުގެ ދައުވާ މަހްލޫފްގެ މައްޗަށް ކުރަން ފޮނުވަން ނިންމީ އޭނާއަށް ލިބިފައިވާ ފައިސާގެ އަސްލު އޮޅުވާލުމުގެ ގޮތުން އެއީ އޭނާ ޑޮލަރު ގަތް މުއާމަލާތެއްގެ ގޮތުގައި ދެއްކުމަށް ލިޔެކިއުންތަކެއް ހުށަހެޅި ކަމަށް ބުނެއެވެ.

އޭސީސީން ފާހަގަކުރާ ލިޔުންތަކަކީ އޭނާ ތަހުގީގީ އިދާރާތަކަށް ފޮނުވި "ޕޭމަންޓް ރިސީވްޑް" ލިޔުމަކާއި، އެ ޑޮލަރަށްވާ ފައިސާ ނަގުދު ފައިސާއިން އެސްއޯފްއާ ހަވާލުކޮށްފައިވާނެ ކަމަށް އަންގައި މަހްލޫފް ފޮނުވި ސިޓީއެކެވެ.

އޭސީސީން ފާހަގަކުރާ ގޮތުގައި މި ލިޔެކިއުންތަކުގައިވަނީ ހަގީގަތް އޮޅުވާލުމުގެ ގޮތުން މަހްލޫފް އެ ފައިސާ ނެންގެވީ ޑޮލަރު ގަންނަން ކަން ތަހުގީގަށް ދެއްކުމަށް ޓަކައި ކަން ތަހުގީގަށް އެނގިފައިވާ ކަމުގައެވެ.

މީގެ ކުރިން ވެސް ދިފާއުވާން މަހްލޫފް ދެއްކެވީ މި ވާހަކައެވެ. އޭނާއަށް ލިބިވަޑައިގެންނެވި ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްގައި ލިބިވަޑައިގެންނެވި ފައިސާ ކަމަށާއި އެއީ ޚިޔާނާތުގެ ފައިސާ ކަން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމުގައި މަހްލޫފް ވިދާޅުވަމުން ގެންދެވިއެވެ.

ގާނޫނުލް އުގޫބާތުގައިވާ ގޮތުން، މިއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށުގެ އަދަބަކީ ހަ މަސް ދުވަހާއި އެއް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިދަ ދަނޑި

    ބޮޑުމުސާރަ ލިބޭ ޗުއްޓީ… ބޮޑު ފޫއްސެއް މީ

  2. އައްޑޫ މީހާ

    ސަސްޕެންޝަން އޮޅާލާ އޭނަ ސަސްޕެންޝަނުގައި ހުރުމެކޭ ނެތުމެކޭ އެއްވަރު ކުރިންވެސް ގޮތެއް ނުނިމެނީސް ސަސްޕެންޝަން އުވާލީ އޭނަ ބުނީ ތިމަންނަ ސަސްޕެންޝަނުގައި ހުއްޓަސް އެއީ ނަމެއްގައި ހުރީ ކަމަށް