ދިވެހިން އެންމެ ގިނައިން ވަންނަ ރާއްޖޭގެ ވެބްސައިޓް "ވަގުތު" އޮންލައިންގެ އިސް މުހައްރިރަކަށް ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީ ހަމަޖައްސަވައިފިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނުގެ ދަށުން އުފައްދައިފައިވާ ދިވެހިބަހުގެ އެކެޑަމީގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަޝްރަފަކީ ރަސްމީ ތައުލީމުގެ ނިޒާމުގައި 14 އަހަރު ވާން ދެން ދިވެހިބަސް ކިޔަވައިދެއްވުމުގެ މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މި ވޭތުވެދިޔަ މުއްދަތުގައި ދިވެހި ބަސް ކުރިއަރުވައި ދެމެހެއްޓުމަށް ޓަކައި އަގުހުރި އެތައް މަސައްކަތްތަކެއް ކުރައްވައިފައެވެ.

ބަހުގެ އެކެޑަމީ އުފެއްދެވީއްސުރެ އެ ތަނުގެ ރައީސަކަށް ހުންނެވީ އަޝްރަފެވެ. މާސްޓަރ އިން ލޭންގުވިޖް އެންޑް ކަލްޗަރ ހާސިލް ކުރައްވައިފައިވާ އަޝްރަފް ގެންދަވަނީ ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއި ސްކޫލުތަކުގައި ވެސް ދިވެހި ބަސް ކިޔަވައި ދެއްވަމުންނެވެ.

"ވަގުތު" އާ ގުޅިވަޑައިގެންނެވި ސަބަބު ހާމަކުރައްވައި، އޭނާ މިރޭ ވިދާޅުވީ އެ ނޫހާ މެދުގައި އަބަދުވެސް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ ކަމަށެވެ. އަދި އެ ނޫހަށް އަބަދުވެސް ޚާއްޞަ ލޯތްބެއް ދެވިފައިވާ ކަން ވެސް އަޝްރަފް ފާހަގަ ކުރެއްވިއެވެ.

ލޯފަން މީހުންނަށް ތާނަ ލިޔަން ކިޔަން ދަސްކޮށްދިނުމަށް ކޯހެއް ފެށުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ދިވެހި ބަހުގެ އެކަޑަމީގެ ކުރީގެ ރައީސް އަޝްރަފް. – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"ވަގުތު" 2014 ވަނަ އަހަރު ވުޖޫދަށް ގެންނެވި ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނަކަށް ވަޑައިގެން "ވަގުތު" ރަސްމީ ކޮށް ނެރެދެއްވީ ވެސް އަޝްރަފެވެ.

އަޝްރަފް ވިދާޅުވި ގޮތުގައި، އެރޭގެ ރަސްމިއްޔާތުގައި ވެސް "ވަގުތު" އަކީ ވަގުތުން ވަގުތަށް ރައްޔިތުންނާ ހަމައަށް ޚަބަރާއި މައުލޫމާތުތައް ގެނެސްދޭ ނޫހަކަށް ވުމަކީ ކުރެއްވި އުންމީދެކެވެ. އަދި މާތް ﷲގެ އިރާދަފުޅުން އެ ދުވަހު ދެކެވަޑައިގެންނެވި ހުވަފެން ހަގީގަތަކަށްވެ، "ވަގުތު" އަކީ އެންމެ އަވަހަށް ޚަބަރު ގެނެސްދޭ ނޫހަކަށް މިއަދު ވެފައި ވުމަކީ އުފާ ކުރައްވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ "ވަގުތު" އަކީ ދިވެހިބަހުގެ އުސޫލުތަކާއި ހަމަތަކަށް ތަބާވެ، ޚަބަރާއި މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭ ނޫހަކަށް ވާނެ ކަމަށް އުންމީދު ކުރެއްވި ކަމަށެވެ. އަދި ދިވެހި އައު ލަފްޒުތައް އެންމެ ގިނައިން މިހާރު ވެސް ބޭނުން ކުރާ ނޫހަކަށް "ވަގުތު" ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ނޫހުން ދިވެހި ބަހުގެ އުސޫލުތަކާއި ހަމަތަކުގައި ހިފަހައްޓަން މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޒުވާން ނޫސްވެރިން މި ކަމުގައި އުޅޭ އިރު، ބައެއް ކަހަލަ ކުށްތައް ފާހަގަ ކުރެވިގެން، ރަނގަޅު ކުރަން ބުނީމަ ރަނގަޅު ކުރޭ. އެކަމުން ވެސް އެނގޭ ރަނގަޅު ކުރަން ބޭނުންވާ ކަން. އާ ލަފްޒުތައް އެންމެ ގިނައިން ބޭނުންކޮށްފައި ވަނީ ވެސް ވަގުތުން، ދިވެހިބަހުގެ ބަސް ކޮށާރު މުއްސަނދިކޮށް އެ ލަފުޒުތައް އާންމުންނާ ހިސާބަށް ފޯރުކޮށްދޭން މަސައްކަތް ކޮށްފައި ހުރީ، އެއީ އަޅުގަނޑު ވަރަށް އުފާ ކުރާ ކަމެއް،" އަޝްރަފް ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވި ގޮތުގައި އޭނާ މި މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރައްވާނީ "ވަގުތު" ނޫހަކީ ދިވެހި ބަހުގެ ހަމަތަކާއި ގަވައިދުތަކަށް ހޭނިފައިވާ ނަމޫނާ ނޫހެއް ގޮތުގައި ރައްޔިތުންނަށް ދެއްކުމަށެވެ. މި ތަސައްވަރަށް ކުއްލިއަކަށް ވާސިލް ނުވެވުނު ނަމަވެސް އުންމީދަކީ ކުރިއަށް އޮތް މުސްތަގުބަލުގައި އެންމެން ބަލައިގަންނަ ފަހި ނޫހަކަށްވުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެންމެ ކުށް މަދު ނޫހަކީ ވަގުތު ކަމަށް ހެދުން ތަސައްވަރަކީ. ރީތިކޮށް އިބާރާތްކޮށްފައި ހުންނަ ޚަބަރުތައް، މީހުންގެ ހެޔޮ ބަސްތައް ލިބޭ ނޫހަކަށް ހެދުން އެއީ ވަރަށް ބޮޑު ހުވަފެނެއް. މި މަގާމުގައި ދެމިހުރިހައި ހިނދަކު އެ ތަސައްވުރު ހަގީގަތަކަށް ހަދައިދޭނަން،" އަޝްރަފް ވިދާޅުވިއެވެ.

"ތަސައްވަރަކީ ދިވެހި ބަހުގެ ހަމަތަކުގެ ގޮތުން ނަމޫނާ ނޫހެއް ބަލާ ނަމަ ވަގުތު ބަލާ. މިހެން ކުރިމަގުގައި މީހުން ބުނާ އަޑު އެހުން،"

ސާކު ގައުމުތަކުގެ ލިޔުންތެރިންނާއި އަދަބިއްޔާތާ ބެހޭ ޖަމިއްޔާ އިން ދޭ ލިޓަރަރީ އެވޯޑު ވެސް ހާސިލް ކުރައްވާފައިވާ އަޝްރަފް "ވަގުތު" ގެ އިސް މުހައްރިރަކަށް އެއްބަސްވެވަޑައިގެންނެވީ މި ނޫހުން ދިން ދައުވަތަކާ ގުޅިގެންނެވެ. "ވަގުތު"އިން އަޝްރަފްގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި ދެއްވި ފުރުސަތަށް ޓަކައި އެ ތަނުގެ ވެރިންނަށް އޭނާ ވަނީ ޝުކުރު ދަންނަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ދީދީ

  ސަންގަ ވެސް އަޝްރަފެއް ... ވަގުތު ގަ ވެސް އަޝްރަފެއް ... ކާކު ބާ ކުރި ގަ އުޅޭނީ

 2. ކޮތަރު

  ވަގުތު ނޫހުގައި ލިޔާ ޚަބަރު ތަކުގައި ދިވެހި ބަހުގެ ހަމަތަކަށް ނުފެތޭ ބަސްތައް ވަރަށް ގިނައިން ހުރޭ. އަޝްރަފް ގެ އިރްޝާދާއި އެކު އެކަން ކަން ރަނގަޅު ވެގެން ދާނެ ކަމަށް އުއްމީދު ކުރަން.

  12
 3. އަރީ

  ކަލޯ ތިޖެހުނީ ބޮޑުތާ! ދެން މީގެފަހުން ވަގުތުގަ ލިޔާ ޙަބަރުތަކުގެ މާނަވެސް އަހަރުމެނަކަށް ފަހުމެއް ނުވާނެ. ފަހުން ނުވާ ޙަބަރު ކިޔުމުގެ ބޭނުމެއްވެސް ނުފެނޭ. ޢަހަރުމެން ބޭނުމެއް ނުވޭ ކާބަފައިންގެ ޒަމާނުއްސުރެން އަހަރުމެން ވާހަކަ ދައްކަމުން އަންނަ ދިވެހިބަސް މޮޑިފައި ކުރާކަށް. އަސަރޭ ހުރެގެން ގޮވާނީ ކޮސް ނުވަތަ ގޮވާނީ ޙިރޯސް

  8
  4
 4. ނަހޫ

  ސާރ ހާދަ ގަދައޭ. ސާބަސް ސާބަސް ބާރަށް ކުރިޔަށް...

 5. އައްޑޫ ލެއި

  ށުކުރަން އަޝްރަފް ވ އުފާވެގެ ތެވަރުގެ ފުންނާބް އުސް ބޭފުޅަކާ ވަގުތު ނޫހާއި ގުޅެނެމެއި. ވަގުތު ނޫހައް ފާގަތި ދުވަސްތަކަކަށް އެދެން

 6. Anonymous

  މަރްޙަބާ އަޝްރަފް ސަރ.
  ވަގުތަށް ލިބުނު ވ. ބޮޑު ކުރިއެރުމެއް.
  މާޝާﷲ. ވަގުތުގައި މިފަހަކަށް އައިސް ކުރިއާއި ބަލާފައި ލިޔުމުގެ ކުށް ވ. ގިނަ.
  ހީވަނީ އަލަށް އައި ބަޔަކު ވަގުތުގެ އަގު ވައްޓާލުމަށް ކުރާކަމެއްހެން. ކުރީގައި އެހާވަރަށް އެކަހަލަ ކުށް ނުހުރޭ. އިރާދަކުރެއްވިޔާ ދެން ވަގުތުން އެކަހަލަ ލިޔުމުގެ ކުށް ނުފެންނާނެ ކަމަށް ޔަޤީން ކުރަނީ. އަޝްރަފް ސަރ އަކީ ވަގުތަށް ލިބުނު ޖަވާހިރެއް.

 7. ކުރި

  ވަގުތު ނޫހުގެ ތިޔަ ނިންމެވުމަކީ ދިވެހިބަހައް ވަގުތު ނޫހުން ދެއްވާ އިސްކަން ހާމަވެގެން ދިޔަކަމެއް ސާބަސް ، اشرف علي ގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވާ ، އިރާދަކުރެއްވިއްޔާ އިސާހިތަކުން ވަގުތުގެ އަދަބީ ރަންތަރިވެސް މެދުއުޑުގައި ފިޔަޖަހާތަން ފެނިގެންދާނެ ،