ކުޑަގިރީގައި ޕިކްނިކް އައިލެންޑެއް ހެދުމާއިި ގުޅޭ ގޮތުން އާންމުންގެ ޚިޔާލަށް ހުޅުވާލިތާ 24 ގަޑިއިރު ނުވަނީސް މަޝްރޫއު ހިންގުމަށް ސަރުކާރުން ހަވާލު ކުރުމުން އާންމުންގެ ފާޑުކިއުންތައް އަމާޒުވެއްޖެއެވެ.

ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން މި ރަށާއި ގުޅިގެން އާންމުންގެ ޚިޔާލަށް ހުޅުވާލީ އަންގާރަ ދުވަހުގެ މެންދުރު 12:30 ހާއިރުއެވެ. ޖެހިގެން އައި ބުދަ ދުވަހުގެ ހެނދުނު 11:00 ޖަހާކަށް ހާއިރު އެ މަޝްރޫއު ކުރިއަށް ގެންދަން އެމްޓީސީސީއާ ހަވާލު ކުރެވުނެވެ.

އެމްޓީސީސީއާ މި މަޝްރޫއު ހަވާލު ކުރެވުނީ 41.5 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން އަށް ހެކްޓަރުގެ ބިން ހިއްކުމާއި، 397 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކް ވޯޓާއި، 428 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ފަސް މަސް ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ.

މި ކަމާއި ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކުރި ޓްވީޓެއްގައި ވަނީ، ބުދަ ދުވަހު މަޝްރޫއާ ގުޅޭ ގޮތުން އާންމުންގެ ޚިޔާލު ހޯދަން އިއުލާން ކުރުމަށް ފަހު، ފަސް މަސް ދުވަސް ތެރޭ ނިންމާ ގޮތަށް ޖެހިގެން އައި ދުވަހު މަޝްރޫއު ހަވާލު ކުރުމުން އާންމުންގެ ޚިޔާލު ހޯދުމުގެ މަރުހަލާ ގެންދެވި ގޮތް އެންމެ ރަނގަޅު ނޫން ކަމަށެވެ.

މި ކަމުގައި އަމަލު ކުރި ގޮތުން، އާންމުންގެ ޚިޔާލު ހޯދުމުގެ މަރުހަލާ ކުރިއަށް ގެންދިއުމުގެ އިޚްލާސްތެރިކަމާއި ނިޔަތާއި މެދު އާންމުން ސުވާލު އުފެއްދުމުގެ ޖާގަ އިތުރު ވެގެންދާ ކަމަށާއި މީގެ ސަބަބުން މި މަރުހަލާއަށް އާންމުންގެ އިތުބާރު ގެއްލުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް ޓްރާންސްޕޭރެންސީން ބުނެފައިވެއެވެ. ކުރިއަށް އޮތް ތަނުގައި ޚިޔާލު ހުށަހެޅުމުގެ ހަރަކާތްތަކުގައި އާންމުންގެ ބައިވެރިވުން މަދު ވެދާނެ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މި ކަން ފާހަގަކުރުމުން އާންމުންގެ ގިނަ ބަޔަކު ވެސް ވަނީ ޕްލޭނިން މިނިސްޓްރީން އަމަލު ކުރި ގޮތާ ގުޅޭ ގޮތުން ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

ހުމައިދާ އަބްދުލް ގައްޔޫމްގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓަކުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މި ލެވެލްގެ މެނޭޖްމަންޓްއަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އާންމުންގެ ޚިދުމަތުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ޕްލޭނިން މިނިސްޓްރީ ފެއިލް ވެފައިވާ ކަމަށް އޭނާ ލިޔެފައިވެއެވެ.

"މިކަމުގައި ރައްޔިތުންގެ މަޖިލީހުން ދެން އަމަލު ކުރާނީ ކިހިނެއް؟ ހިނގަމުންދާ ޗަރުކޭސް ބަލަން ހުރެ އަނެއްކާ ވެސް ރައްޔިތުންގެ ޚިޔާލުގެ އަގު ވެއްޓޭ ގޮތަށް ދާން ދޫކޮށްލާނީތޯ؟" ހުމައިދާގެ ޓްވީޓްގައިވެއެވެ.

"ސޭވް މޯލްޑިވްސް ކެމްޕޭން" ނަމުގައި ހަދާފައިވާ އެކައުންޓަކުން ކުރި ޓްވީޓެއްގައި ވަނީ، މި ކަމަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ޖެހޭ މައްސަލައެއް ނޫންތޯ ސުވާލުކޮށްފައެވެ. އެ ޓްވީޓްގައި ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ ޓްވިޓާ އެކައުންޓް ޓެގް ކޮށްފައިވެއެވެ.

އައިމަން ލަތީފްގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓަކުން ކުރި ޓްވީޓެއްގައި ވަނީ ޚިޔާލަށް ހުޅުވާލިތާ 24 ގަޑިއިރު ވެސް ނުވަނީސް މަޝްރޫއު ހަވާލު ކުރުމުން އެނގެނީ އާންމުންގެ ޚިޔާލު ހޯދުމުގެ މަސައްކަތްތައް ސަރުކާރުގެ ވުޒާރާތަކުން ކުރިއަށް ގެންދަނީ "އަމާ ބުނީތީ ފަރަށްދާ" އުސޫލުން ކަން ކަމަށެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރުދާނެ ރަށެއް ކަނޑައެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ކަން ކުރަން ސަރުކާރުން ފުރަތަމަ ވިސްނީ ކ. އެނބޫދޫފަޅުން ރަށެއް ހިއްކައިގެން އެ ކަމަށް ޚާއްސަ ކުރުމަށެވެ. އެކަމަކު ފަހުން ސަރުކާރުގެ ވިސްނުން ބަދަލުކޮށް އިއުލާން ކުރީ ކުޑަގިރީގައި އެ ކަން ކުރުމަށެވެ. އެ ކަމަށް މިދިޔަ އަންގާރަ ދުވަހު ޕްލޭނިން މިނިސްޓްރީން އާންމުންގެ ޚިޔާލަށް ހުޅުވާލީއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަބޭ

    ވަރައްބޮޑު ރަސްމިއްޔާތެއް ބާއްވާފަ އެންބޫދޫފަޅުގަ ޕިކްނިކްއައިލެންޑް ތަރައްގީކުރާކަމައް އިއުލާންކުރި އެމަސްރޫއު ބިމުއަދިޔައްފޭބީތޯ ނޫނީ ޖައްވައް އއަރައިގެންދުޔައީތޯ

    16
  2. ދިސްވޭ

    ފުރަތަމަ ވެސް ތިހާ ބޮޑު ފަޅަކުން ކުޑަ ކުޑަ ތަން ކޮޅެއް ހިއްކުން އެއީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫނޭ ޕިކްނިކް އައިލެންޑަކަށް ތިޔާ ތަން ހަދާނަމަ ތިޔާ ފަޅު އެއްކޮށް ހިއްކާލަން ޖެހޭނެއޭ ސަބަބަކީ މާލެ ސަރަހައްދުގެ އާބާދީ އަކީ ކުރިމަގުގައި 4 ލައްކަ އަށް އަރާނެ އާބާދީ އެއް ކަމަށްވާތީވެ ގެސްޓް ހައުސް ވެސް ތިޔާ ތަނުގައި 25 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ވެސް ހަދާ ބިޒްނެސް މޮޑެލް އަކަށް ތިޔާ ކަން ކުރެވޭނީ އެގޮތަށް ތިޔާ ފަޅު އެއްކޮށް ހިއްކައިގެންނޭ..

  3. ދަރިންނޭ ހޭއަރާށޭ

    ދަރިންނޭ ތިޔައީ ޗަރުކޭހަކެވެ. ބާއީންތައް ހިންގާ ޖަރީމާތަކާއި މެދު ތަންކޮޅެއް ބޮޑައް ފުންކޮށް ވިސްނަވާށެވެ. ބާއީ ނާޒިމަކީ އިންޑިޔާއިން ރާއްޖެއަށް ކަޑައަޅާފައިވާ އިންޑިޔާގެ ރޯގެ އެޖެންޓެވެ. ކޮންމެ ދުވަހަކު އެމްޓީސީސީއިން ހިންގާކަމަށް ބުނާ ޕްރެޖެކްޓްތަކަކީ ބާއީ ނާޒިމް (މުހައްމަދު ނާޒިމް ޕާޓީ) ޕާޓީ ޕްރޮމޯޓްކުރުމަށްޓަކައި އޭނާގެ ކޮއްކޮ ހިންގާ ބޮޑުވެގެންވާ ޖަރީމާއެކެވެ. ތިޔަ ކަމުގައި އެއްވެސް އިހްލާސްތެރިކަމެއް ނެތެވެ.

  4. ޙަފޯ

    ޢެމްޓީ ސީސީގެ މަތިފަޑި އެއްކޮށްހެން ބަދަލުކުރަންޖެހޭ، އެތާގައި އެވަނީ ވަކިބައެއްގެ މަންފާއަށް ސިޔާސީމޫލާ ވަރުގަދަކުރާ ބައެއް ތި ތިބީ.

  5. ޒަބީބު

    ސަރުކާރުން މަޝްރޫއު އެމްޓިސީސީ އާއި ހަވާލުކުރުމާއި އާއްމުންގެ ޚިޔާލު ހޯދުމާއި ހުރި ގުޅުމެއް ނުފެނޭ. މަޝްރޫއު ހަވާލު ކުރި ނަމަވެސް ޑިވެލޮޕް ކުރާ ފަރާތުން ޕިކްނިކް އައިލެންޑް ތަރައްޤީ ކުރުމުގެ މަސައްކަތް ހިންގާ އިރު އާއްމުންގެ ޚިޔާލު ތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ކަންކަން ހިމެނިގެން ތަރައްޤީ ކުރެވޭނެ. ވީމާ އާއްމުންގެ ޚިޔާލު ލިބި ނިމެންދެން މަސައްކަތް ހުއްޓާފައި ބާއްވާކަށް ނުޖެހޭނެ. އެހެން ނޫނަސް ހުރިހާ އެންމެނގެ ހުރިހާ ޚިޔާލެއް ނުވެސް ހިމެނޭނެ.

    އިގިރޭސި ބަހުން ބުނެ އުޅޭ މުހާވިރާއެއްގައި ބުނަނީ:

    “Too Many Cooks Spoil the Soup”

    ވީމާ ސަރުކާރުގެ ނިއްމުން މިކަމުގައި ބެލެވެނީ ރަންގަޅު ނިއްމުމެއް ކަމުގަ.

    1
    1
  6. ރާއަލިފް

    ކުޑަގިރީގައި ޕިކްނިކް އައިލެންޑެއް ގޮތުގަ ބޭނުމެއްނޫން...! ބޭނުމީ ޔޫޓީއެފް އެތުރު ތިލަފަޅުގަ ޕިކްނިކްލޭންޑެއް ތައްޔާރު ކުރަން. ޔޫޓީއެފް، ދައްޕަރު، މަތިޖަހަން ވެގެން ދައްކާ އަނދުނެއް ތީ، ނޫންނަމަހީ މޯޑީ ގެ އައުވާނުންނަން ތައްޔާރު ކުރާ މުނިފޫހި ފިލުވުވުމެއް. ސާބަހޭ ހިންނަވަރު މުސްކުޅި ގަލަމުނިޔާ، ކަޗޯރު