އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަގާމުތަކަށް މީހުން ހޮވަން ބާއްވާ އެތެރޭގެ އިންތިޚާބުގައި ވާދަކުރެވޭ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓު އާންމުކޮށްފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ 410 މަގާމަކަށް 700 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިރު، މަހްލޫފް ވަނީ އެ މަޖިލީހުގެ މެދު އުތުރު ޕްރޮވިންސްގެ ރައީސްގެ މަގާމަށް ކުރިމަތިލައްވައިފައެވެ. އެކަމަކު އިންތިޚާބާ ބެހޭ ކޮމިޓީން ވަނީ މަހްލޫފަށް ވާދަނުކުރެވޭނެ ކަމަށް ކަނޑައަޅައިފައެވެ.

އެތެރޭގެ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް މަހްލޫފަށް އެންގީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި އޭނާގެ ނަން ހިމެނި އޭނާއަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވެސް ފޮނުވާފައިވަނިކޮށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހިންގާ ކޮމިޓީން ފާސްކޮށްފައި ވަނީ ޚިޔާނާތާއި މަރުގެ މައްސަލަތަކުގެ ތުހުމަތުވާ މީހުންނަށް އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ފާސްކޮށްފައެވެ. މި ގޮތުން މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނާއި އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަނުން ބަލަމުންދާ މައްސަލައެއްގައި ނަން ހިމެނޭ ފަރާތެއް އެތެރޭގެ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ފާސްކޮށްފައިވެއެވެ.

މި މައްސަލަ މަހްލޫފްގެ ފަރާތުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމުން އެ ކޮމިޝަނުން އެ މައްސަލަ ބެލުމަށް ފަހު އެމްޑީޕީއަށް އަންގާފައިވާ ގޮތުގައި އެތެރޭގެ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތެއް ގެނެވޭނީ އަސާސީ ގަވާއިދުގައި ހިމެނޭ ޝަރުތުތަކަށެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވެސް އެ ކަން ބަޔާން ކޮށްފައި އޮންނަ ގޮތެވެ.

އީސީއިން މި ގޮތަށް އެމްޑީޕީއަށް ވެސް އަންގާފައިވަނިކޮށް، މިއަދު ނެރުނު އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓުގައި މަހްލޫފްގެ ނަމެއް ނެތެވެ. މަހްލޫފްގެ ފަރާތުން މި މައްސަލަ އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ވެސް ވަނީ ހުށަހަޅުއްވައިފައެވެ.

ރާއްޖޭގައި އެންމެ މެންބަރުން ގިނަ ޕާޓީ އަދި މިހާރު ވެރިކަން ކުރާ މައި ޕާޓީ ކަމުގައިވާ އެމްޑީޕީގެ އެންމެ އިސް ގުނަވަންގެ މަގާމުތަކަށް މީހުން ހޮވުމުގެ އެތެރޭގެ އިންތިޚާބު ބާއްވަން ނިންމާފައި ވަނީ މި މަހުގެ 25 ދުވަހުގައެވެ.

މި އިންތިޚާބު ބާއްވަނީ އެމްޑީޕީ ދެ ފެކްޝަނަށް ބެހިގެން ގޮސްފައިވަނިކޮށެވެ. މި އިންތިޚާބުގައި ބޮޑަށް އޮންނަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަންއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ވާދައެއް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

އެމްޑީޕީ ދެބައިވެގެން ގޮސްފައިވާއިރު، މަހްލޫފްއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަންގެ ބޭފުޅެކެވެ. މަހްލޫފްގެ މައްޗަށް ކުރާ ޚިޔާނާތުގެ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވައެވެ. އަދި ޚިޔާނާތުގެ ތުހުމަތު ކުރަނީ މަގާމުން ވަކި ކުރުމުގެ ބޭނުމުގައި ކަމަށް މަހްލޫފް ވިދާޅުވެއެވެ.

މަހްލޫފްގެ ފަރާތުން ރައީސް އޮފީހަށް ފޮނުވި ސިޓީއަކާއި ގުޅިގެން އެ އޮފީހުގެ ފަރާތުން ވަނީ މަހްލޫފްގެ މައްސަލައިގެ ތަހުގީގު ހިންގާފައިވަނީ ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ބަޔާން ނަގައިގެން ނޫން ކަމަށް ވެސް ރިޔާސީ ކޮމިޝަނަށް އަންގައިފައެވެ.

މަހްލޫފް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާއާއި އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު ރާވައިގެން މައްސަލަ ވަކި ގޮތަކަށް ގެންދަން ވާހަކަ ދައްކާފައި ހުރި ޗެޓްލޮގްތަކެއް އޮތް ކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ޝިއުނާއާއި އައްސަދު ވެސް ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ޕީޖީން ވިދާޅުވަނީ މައްސަލަ ތަފާތު ނުކުރާ ކަމަށާއި ވަކި ގޮތަކަށް ނިންމަން ސިޔާސީ ނުފޫޒެއް ވެސް ފޯރުވިފައި ނުވާ ކަމަށެވެ.