ފުވައްމުލަކުން މާލެއަށް ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރުތުތަކަކާއެކުގައި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އިއްޔެ ދޫކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތަށް" މިއަދު ވިދާޅުވީ އުމުރުން 34 އަހަރުގެ ދިވެހި އެ ފިރިހެންމީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ޝަރުތުތަކަކާ އެކު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

އެކަމަކު، އެމީހާ އަށް ކޯޓުން ކުރީ ކޮން ޝަރުތުތަކެއް ކަމެއް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅެއް ނުވެއެވެ.

ފުވައްމުލަކު އެއާޕޯޓުން މިދިޔަ ހޯމަ ދުވަހުގެ ރޭ ފުރަން އުޅުނު މޯލްޑިވިއަންގެ މަތިންދާ ބޯޓު ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިނުމާ ގުޅިގެން އެ ބޯޓު މާލެ އަށް ފުރުން ވަރަށް ބޮޑަށް ފަސްކުރިއެވެ. އެ މައްސަލައިގެ ތުހުމަތުގައި އެ ފިރިހެން މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ އަންގާރަ ދުވަހުއެވެ.

"ވަގުތު" އާއި ވާހަކަ ދެއްކި މީހަކު ބުނީ، އިންޒާރު ދިން މިހާ އެއާޕޯޓަށް ދިޔައީ މާލެއަށް ކާގޯ އެއް ފޮނުވަންވެގެން ކަމަށެވެ. ފްލައިޓް ފުރަން ކައިރިވެފައި ވަނިކޮށް އެ ތަނުގައި ހުރެގެން އޭނާގެ ރައްޓެއްސަކާއި ދެމެދު ދެކެވުނު ވާހަކައެއްގެ ތެރެއިން ފްލައިޓް ހައިޖެކް ކޮށްލާނެ ކަމެއް ތިން ފަހަރެއްގެ މަތިން ބުނި ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

އެ އިންޒާރާއެކު ފަސެންޖަރުންތައް ބާލުވައި ފްލައިޓް ހުސްކުރިއެެވެ. ފަހުން އޭނާ ފުލުހުގައި ބުނީ، އެއީ ސަމާސާއަކަށް ބުނި ވާހަކައެއް ކަމަށެވެ.

ރާއްޖޭގެ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު ބުނާ ގޮތުން ފުރާދުއްވާ އެއްޗެއް ހައިޖެކް ކުރުން ނުވަތަ ހައިޖެކް ކުރާނެ ކަމުގެ އިންޒާރު ދިނުމަކީ ވެސް ޓެރަރިޒަމްގެ އަމަލެކެވެ. ގާނޫނު ބުނާ ގޮތުން ޓެރަރިޒަމްގެ ޢަމަލެއް ހިންގާނެކަމުގެ އިންޒާރުދިނުމަކީ ނުވަތަ ޓެރަރިޒަމްގެ ޢަމަލެއް ހިންގަފާނެކަމުގެ ބިރުދެއްކުމަކީ ހަތަރު އަހަރު ދުވަހާއި ހައަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކުށެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢާލިމް

    ސަޅި. ގާނޫނުގައި ސަމާސާއަކަށް އެހެން ބުނާ މީހާއަށްވެސް ހުކުމް އަންނަކަމަށް އޮތަސް ތިޔަ ދޫކޮށްލީ. މާދަމާ އެހެން މީހެއް ތިހެންކިޔާފަ އެއީ މަޖަލަށޭ ބުނީމާވެސް ހަމަ ދޫކޮށްލާނީ ދޯ؟