އިދިކޮޅު ފަރާތްތަކުން މާލޭގައި ބާއްވަމުން އަންނަ މުޒާހަރާ ތަކުގައި، މުޒާހަރާގެ ބައިވެރިންނާ މެދު ފުލުހުން އަމަލު ކުރަމުން އަންނަ ގޮތް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެންއައިސީގެ އޮފިޝަލަކު ވިދާޅުވީ މުޒާހަރާ ތައް ބާއްވާ ތަންތަނަށް އެކޮމިޝަންގެ މުއައްޒަފުން ގޮސް، މުޒާހަރާ ކުރާ މީހުންނާ މެދު ފުލުހުން އަމަލު ކުރަމުން އަންނަ ގޮތް ކައިރިން ބަލަމުން އަންނަ ކަމަށެވެ. ފުލުހުންގެ އަމަލުތައް މޮނިޓާ ކުރުމަށްފަހު ރިޕޯޓް އެކުލަވާލައި ކޮމިޝަންގެ މެމްބަރުންނަށް ހުށަހެޅުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި ރިޕޯޓާ މެދު ގޮތެއް ނިންމާނީ ކޮމިޝަންގެ މެމްބަރުން ބެލުމަށް ފަހުގައި ކަމަށް ވެސް ވިދާޅުވިއެވެ.

އެންއައިސީއަކީ ފުލުހުންގެ މައްސަލަތައް ބެލުމަށް ކުރިން އޮތް ޕޮލިސް އިންޓަގްރިޓީ ކޮމިޝަން އުވާލުމަށްފަހު ސަރުކާރުން އުފައްދާފައިވާ މިނިވަން ކޮމިޝަނެކެވެ.

މުޒާހަރާތަކުގެ ބައިވެރިންނާމެދު ފުލުހުން އަމަލު ކުރާގޮތް އެންއައިސީ އިން މޮނިޓާ ކުރަން މިފެށީ، މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންގެ އިތުރުން ބައެއް އާންމުންނަށް ވެސް ބޮޑެތި އަނިޔާތަކެއްވެ އެކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އިންޓަގްރިޓީ ކޮމިޝަނުން މުޒާހަރާ ތަކުގައި ފުލުހުން ކަން ކުރާ ގޮތް ބަލާނަމޭ ބުނާގޮތުން ހީވަނީ މުޒާހަރާއަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްހެން، މިގައުމުގާ އެފަދަ ޖަރީމާތައް ހިންގަން އަހަރުމެން ރައްޔިތުން އެއްގޮތަކަށްވެސް ބޭނުމެއްނުން، ބޭނުމީ ގައުމުގެ ހަމަޖެހުމާއި އަމާންކަން، މަދުބަޔަކު ވެރިކަންނުލިބިގެ އަމިއްލައެދުމަށް ބައެއް ރައްޔިތުން ހައްލާލައިގެން ހިންގާ ގައުމަށް ނުރައްކާހުރި ޖަރީމާއެއް، ތިޔަކޮމިޝަނުންވެސް އެކަން ހުއްޓެވުމަށް ގޮވާލަން