ގދ. މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ އަށް ދިމާވި މައްސަލަ ހައްލުކޮށް އެ ކޯޒްވޭ އަލުން ހަދަން ނިންމާފައިވާ ކަމަށް ޕްލޭނިން ޕްލޭނިން މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީ އޮފިޝަލަކު ވިދާޅުވީ އެ ކޯޒްވޭ އަލުން ޑިޒައިންކޮށް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

އަދި އެ މަސައްކަތް ކުރާ އިރު މިހާރު ދިމާވެފައިވާ ރާޅާ އެޅުމުގެ މައްސަލަ އަށް ވެސް ހައްލެއް އަންނާނެ ކަމަށް އޮފިޝަލް ވިދާޅުވެއެވެ. އެ މަސައްކަތް ކުރަނީ އާ ޑިޒައިން އަކަށް ކަމަށް ވެސް އެ މިނިސްޓްރީގެ އޮފިޝަލަކު ވަނީ ވިދާޅެފައެެވެ.

" ޕްލޭން އަކީ މިހާރުގެ ކޯޒްވޭ އެއްކޮށް ރިޕްލޭސްކުރުން. އަދި ފެންބޮޑުވުމުގެ ރިސްކް ކުޑަ ޑިޒައިން އަކަށް އެކަން ކުރާނީ. ކޮންސަލްޓެންޓް ވަނީ ކޮންސެޕްޓް ޑިޒައިން ނިންމާ ފިނޭންސް އަށް ފޮނުވާފައި. މިހާރު އޮތީ އެވާޑިން ސްޓޭޖުގައި. އެ އެވަރޑް ކުރީމަ އެ މަސައްކަތް ހަވާލު ކުރާނީ އެމްޓީސީސީ އާއި." އޭނާ ވިދާޅުވިއެވެ.

މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭއާ މެދު އެ ދެ ރަށުގެ ކައުންސިލްގެ މެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައެވެ. މި މައްސަލަ މީގެ ކުރިން ވެސް މަޖިލީހުގައި މަޑަވެލީ ދާއިރާގެ މެމްބަރު ފިރުޝާން ވަނީ މަޖިލީހުގައި ތަކުރާރުކޮށް ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައެވެ.

މިދިޔަ ހޯމަ ދުވަހު އެ ކޯޒްވޭ ވަނީ ދަތުރު ނުކުރެވޭ ވަރަށް ކަނޑާލާފައެވެ. އެއް ފަޅެއްގައި ގުޅިފައި އޮންނަ މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް ހަދާފައިވާ ކޯޒްވޭ ކަނޑާލީ ކޮން ބައެއް ކަމެއް އަދި ސާފު ނުވެއެވެ. އެ ކޯޒްވޭގެ ސަބަބުން ހޯނޑެއްދު އަށް ގެއްލުންވާތީ އެތަން ނަގާދިނުމަށް ހޯޑެއްދޫ ކައުންސިލުން ވަނީ މީގެ ކުރިން ޕްލޭނިން މިނިސްޓްރީގައި އެދިފައެވެ.

އެ ކޯޒްވޭގެ މަސައްކަތް ފުރަތަމަ ފެށީ 2016 ވަނަ އަހަރެވެ. ދައުލަތުގެ ބަޖެޓުން 29 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީ ކުރި އެ ކޯޒްވޭގެ ދިގުމިނުގައި 440 މީޓަރު ހުންނަ އިރު ފުޅާމިނުގައި ހަތް މީޓަރު ހުންނާނެއެވެ. މަޑަވެއްޔާއި ހޯނޑެއްދޫ ގުޅައިލާފައި ވަނީ، އެ ދެމެދުގައި އޮންނަ ހާދޫ ކިޔާ ފަޅުރަށް ވެސް ހިމެނޭ ގޮތަށެވެ. އެ ކޯޒްވޭގެ ސަބަބުން އެ ދެ ރަށަށް ލިބޭ ގެއްލުންތައް މަޖިލީހުން ފާސްކުރި ރިޕޯޓެއްގައި ވެސް ވަނީ ފާހަގަކޮށްފައެވެ.